ބަރެސްދޫ

ބަރެސްދޫން ގެސްޓްހައުސް ވިޔަފާރިއަށް އިތުރު ފުރުސަތު ދެނީ

  • މައުލޫމާތު ދިނުން އަންނަ ހަފުތާގައި
  • ތަރައްގީކޮށް ކުއްޔަށް ދޭނީ އެމްއައިޓީޑީސިން
  • މަޝްރޫއު އަންނަ އަހަރުގެ ނިމޭނެ

ލ. އަތޮޅުގައި ތަރައްގީ ކުރާ ގެސްޓް ހައުސް އައިލެންޑް، ބަރެސްދޫގައި ނުވިކި ހުރި އިތުރު ބިންތައް ތަރައްގީކޮށް ކުއްޔަން ދޭން އަންނަ ހަފުތާ ހުޅުވާލާނެ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު ބުނެފި އެވެ.

ބަރެސްދޫ މަޝްރޫއާ ބެހޭ ގޮތުން އެމްއައިޓީޑީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވީ ނުވިކި ހުރި ބިންތައް ބީލަމަށް ހުޅުވާލުމުގެ ގޮތުން ބުދަ ދުވަހު މައުލޫމާތު ދިނުމުގެ ސެޝަނެއް ހޮޓެލް ޖެންގައި އޮންނާނެ ކަމަށެވެ.

"މި ޕްރޮޖެކްޓް އަލުން ފެށުމުގެ ގޮތުން މިހާރު މަސައްކަތް ކުރަމުން މިދަނީ ބާކީ ހުރި ތަންތަން ވިއްކަން ހުޅުވައިލާން،" ޝާހިދު ވިދާޅުވި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން 16 ބިމެއް ވަނީ ވިއްކާފަ އެވެ. މި ތަންތަނުގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްތަކާއި މަދު ހޮޓާ ތަކެކެވެ. ނަމަވެސް ސަރުކާރުން ވަނީ އެމްއެމްޕީއާރްސީގެ ދަށުން މި މަޝްރޫއު ނަގައި، ކުދި އަދި މެދުފަންތީގެ ޓޫރިޒަމް ފައްކާ ކުރަން އަލަށް އުފެއްދި އެމްއައިޓީޑީސީއާ ހަވާލުކޮށްފަ އެވެ.

ޝާހިދު ވިދާޅުވީ އެމްއެމްޕީއާރުސީން މި މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތާ އެ ކުންފުނީގެ ކޮންސެޕްޓް ތަފާތު ވާނެ ކަމަށެވެ.

"ކުރިން އޮތީ ބިން ވިއްކާ ގޮތަށް. ނަމަވެސް އަޅުގަނޑުމެން މި ޕްލޮޓްތައް އަމިއްލައަށް ތަރައްގީކޮށް ކުއްޔަށް ދޭން ހުޅުވާލަނީ. އޭރުން ކުރިމަތިލާ ފަރާތްތަކަށް ލިބޭ ގޮތަށް،" ޝާހިދު ވިދާޅުވި އެވެ.

ބަރެސްދޫ ތަރައްގީ ކުރަނީ 30 އަށް ވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރާ ތިން ހޮޓާ ހުންނަ ގޮތަށެވެ. ރަށުގައި ހުންނަ ކޮންމެ ހޮޓަލެއްގައި 100 އެނދު ހުރެ އެވެ. އަދި ގެސްޓްހައުސްތަކަކީ 25 ކޮޓަރި އާއި 50 ކޮޓަރީގެ ތަންތަނެވެ. މިގޮތުން މި ރަށުގައި ޖުމްލަ 3،000 އެނދު ހުންނާނެ އެވެ. ގާތްގަނޑަކަށް 5،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ.

މި މަޝްރޫއު އެމްއައިޓީޑީސީ އިން ކުރިއަށް ގެންދަނީ ބަރެސްދޫއާ ޖެހިގެން އޮންނަ މާކަންފުށީގައި އިންޖީނުގެ އާއި ލޯންޑްރީ ފަދަ މުނިސިޕަލް ހިދުމަތްތައް ދެވޭ ގޮތަށެވެ. މި ރަށުގައި ބަނދަރު ހަދައި، ކީވޯލްތައް މިހާރު ވަނީ އަޅާފަ އެވެ.

އެ ކުންފުނީގެ އެމްޑީ ޝާހިދު "އަވަސް" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން ހަދާ ތިން ހޮޓަލުގެ ތެރެއިން އެއް ހޮޓާލާއި 25 ގެސްޓްހައުސް ވެސް ކުއްޔަށް ނަގާފައިވާ ކަމަށެވެ.

"ބާކީ މި އޮތީ ގާތްގަނޑަކަށް 15 ވަރަށް ޕްލޮޓް. މި ތަންތަން ކުއްޔަށް ދިނުމުގެ މަސައްކަތް އަޅުގަނޑުމެއް ކުރާނަން. އިންވެސްޓަރުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަހުރި،" ޝާހިދު ވިދާޅުވެފައިވެ އެވެ.

އޭނާ މިއަދު ވިދާޅުވި ގޮތުގައި ބައެއް ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއި ޕާކު ފަދަ ތަންތަންވެސް މި ރަށުގައި ގާއިމް ކުރާނެ ކަމަށެވެ.

"މިހާރު ވެސް މި ދަނީ ޕެއިންޓް ބޯލް ގެންނަން މަޝްވަރާ ކުރަމުން. އެކަން އޮތީ ވަރަށް ޕޮޒިޓިވްކޮށް،" ޝާހިދު ވިދާޅުވި އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއު އެ ކުންފުނިން ކުރިއަށް ގެންދިޔަ ނަމަވެސް މިއީ ދިވެހިންނަށް ހާއްސަ އިންވެސްޓް ކުރުމުގެ ފުރުސަތަކަށްވާނެ ކަމަށެވެ.

"ކުރިއެކޭ އެއްގޮތަށް މިހާރު ވެސް މަޝްރޫގައި އިންވެސްޓްކުރެވޭނީ ދިވެހި ކުންފުނިތަކަށް،" ޝާހިދު ވިދާޅުވި އެވެ.