ވިޔަފާރި

ބަރެސްދޫގެ މަސައްކަތް ނިންމިން، ފައިސާ ނުލިބޭ: ހެވީފޯސް

އެމްއައިޓީސީ އިން ހެވީފޯސް ކުންފުންޏަށް ހަވާލުކުރި ބަރެސްދޫގެ ހުރިހާ މަސައްކަތްތެއް ނިންމައި ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްއައިޓީޑީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވި މައުލޫމާތުތަކާ ގުޅިގެން ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރާ ކުންފުނިން ބުނީ، އެ ކުންފުންޏަށް މި މަސައްކަތް ލިބިފައިވަނީ އެންމެ ކުޑަ އަގު ހުށަހަޅާފައިވާތީ ޓެންޑަ ބޯޑުން އިވެލުއޭޓް ކުރުމަށްފަހު ކަމަށެވެ.

ހެވީފޯސް ކުންފުނިން އަވަސް އަށް ހިއްސާ ކުރި މައުލޫމާތުތަކުގައިވާ ގޮތުން އެ ކުންފުންޏަށް ބަރެސްދޫ މަސައްކަތް ހަވާލުކޮށްފައިވަނީ އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏަކީ އެ ކުންފުނި ކަމަށްވާތީ އެވެ. ބަރެސްދޫ ކައިރީ އޮންނަ މަހަކަންފުށީގެ ހާބަރާއި ކޯޒްވޭން ހަދަން އެ ކުންފުނިން ހުށަހަޅާފައި އޮތީ 18 މިލިއަން ރުފިޔާ އެވެ. އަދި އެ މަސައްކަތް ކުރަން ހުށަހެޅި ނަލަހިޔާ އިން 23 މިލިއަން ރުފިޔާ އަދި އެމްޓީސީސީ އިން ހުށަހަޅާފައިވަނީ 27 މިލިއަން ރުފިޔާ އެވެ.

ހެވީފޯސް އިން ވާހަކަ ދެއްކެވި ސީނިއަ އޮފިޝަލެއް ވިދާޅުވީ އެ މަސައްކަތް ނިންމާފައިވާއިރު، އެ ކުންފުންޏަށް އެމްއައިޓީޑީސީ އިން 857،988 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

"މަސައްކަތް ހަވާލުކުރީ 18 މިލިއަން ރުފިޔާއާ އަށް. އެކަމަކު ފައިނަލް އަގު 16 މިލިއަން ރުފިޔާއަށް ކުޑަވެގެން ދިޔައީ. އެ މަސައްކަތް ވާނީ އެމްއައިޓީޑީސީއާ ހަވާލުކޮށްފަ،" އޮފިޝަލް ވިދާޅުވި އެވެ.