ވިޔަފާރި

މަސައްކަތް ތަކަށް ޓޫރިޒަމް ގާނޫނު ތަކުން ހުރަސް އެޅޭ: އެމްއައިޓީޑީސީ

މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މަސައްކަތްތަކަށް ޓޫރިޒަމް ގާނޫނާއި ބައެއް ގަވާއިދު ތަކުން ހުރަސް އެޅިފައިވާ ކަމަށް ބުނެފި އެވެ.

ޓޫރިޒަމް ބިންތަކުގެ ކުލި ކުޑަ ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެމްއައިޓީޑީސީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން ދިވެހި މުޖުތަމަ އަށް ހެޔޮ ބަދަލު ގެނެސް އިތުރަށް ފުޅާކޮށް، ކުދި އަދި މެދުފަންތީގެ ޓޫރިޒަމް ރާއްޖެ އަށް ތައާރަފުކޮށް ހިންގުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ. ނަމަވެސް، ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ކުރިއަށް ގެންދިއުމަށް އެކަށަ ހެޅި އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވްލޮޕްމަންޓް ތަސައްވުރު ކާމިޔާބު ކުރުމަށްޓަކައި މިހާރު އަމަލު ކުރަމުން އަންނަ ޓޫރިޒަމް ގާނޫނާއި ބައެއް ގަވާއިދު ތަކުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި ސަރުކާރުގެ އެމްއައިޓީޑީސީގެ އައު މޮޑެލް ތަސައްވުރު ކުރެވިފައިވާ ގޮތަކީ "މޯލްޑިވްސް" އަކީ ދުނިޔޭގައި އަގު ބޮޑު ބްރޭންޑް އަކަށް ވީހިނދު، ލޯޔަލް ޓޫރިޒަމް ތައާރަފު ކުރުމަށްޓަކައި ރަށްރަށަށް އަންނަ ޓޫރިސްޓުންނަށް ކޮންމެހެން ބޭނުންވާ ޑައިވް ސެންޓަރަކާއި ވޯޓާ ސްޕޯޓްސް އަދި ރެސްޓޯރެންޓް ފަދަ ވަސީލަތްތައް ގާއިމް ކުރުމަށް ކަމަށެވެ. މި މޮޑެލްގެ ސަބަބުން ރައްޔިތުން އަމިއްލަ ވަޒަނުގައި އާއިލާކައިރީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހި ވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.

އެމްއައިޓީޑސީ އިން ބުނި ގޮތުގައި ރާއްޖެ އަށް ލޯކަލް ޓޫރިޒަމް ތައާރަފުވިތާ 10 އަހަރު ވެފައިވާއިރު، ޓޫރިޒަމް ސިނާއަތުގެ އެނދުގެ 20 ޕަސެންޓް މި ދާއިރާ އިން ހިއްސާ ކުރަމުންދާ ކަމަށެވެ. ނަމަވެސް މި އެނދުތަކަކީ އަމިއްލަ ރައްޔިތުންގެ ގޯތީގައި ހިންގަމުންދާ ގެސްޓްހައުސް ތަކެއް ކަމަށެވެ. އަދި އެކި ރަށްރަށުގައި ސަރުކާރުން ކަނޑައަޅާފައިވާ ޓޫރިޒަމް ބިންތަކުން ނަގާ ބިމު ކުއްޔާއި ލީސް އެކުއެޒިޝަން ފީ ބޮޑުވުމުގެ ސަބަބުން މި ވިޔަފާރި ފީޒިބަލް ނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ބިންތަކުގެ ކުލި ކުޑަ ކުރުމުން އެކަމަށް މަރުހަބާ ކިޔާފައިވެ އެވެ.

އެމްއައިޓީޑީސީއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލ. ބަރެސްދޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ހިންގަން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ބަރެސްދޫގައި ޓޫރިޒަމް މަޝްރޫއު ހިންގަން ބިން ތަކެއް ވެސް ވިއްކާފައިވެ އެވެ. މީގެ އިތުރުން ކ. ކާށިދޫގައި ވެސް ޓޫރިޒަމް ފަށަން ބިމެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރި އެވެ. ނަމަވެސް މީގެ އެއްވެސް މަސައްކަތެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.