ރިޕޯޓް

ގެސްޓްހައުސް މަޝްރޫއުއަށް މުޅި އައްޑޫ އެދިއެދި!

Apr 24, 2017
5
  • ފަސް ދޮޅަކަށްވުރެ ގިނަ ގެސްޓްހައުސް
  • މަޝްރޫއު ދެ މަސް ތެރޭ ފަށާނެ
  • ގެސްޓްހައުސްތަކުގެ އަގު 3.8 މިލިއަން

ގަމަށް އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުން ވެގެން ދިޔައީ މި އަތޮޅު ހެއްވާލި ކަމަށެވެ. އެ ދުވަހަށްފަހު އައްޑޫ ރައްޔިތުންގެ ނަޒަރު ހުއްޓުނީ ޓޫރިޒަމް އެނދުތަކެއް ގެންއުމަށެވެ. ޒަމާނުއްސުގެ ދައްކާ ވާހަކަ ހަގީގަތަކަށްވުމެވެ. މިހެން ތިއްބައި، މުހިންމު ވަގުތު، މުހިންމު މަޝްރޫއެއް މިވަނީ ފަށަން ތައްޔާރުވެފަ އެވެ. އެއީ މުޅި އައްޑޫ އެދިއެދި އޮތް އައްޑޫގައި ގެސްޓްހައުސްތަކެއް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެކެވެ.

"ހަގީގަތުގައި މި ފަދަ ފުރުސަތު ތަކަކަށް އައްޑު އަތޮޅުގެ ވިޔަފާރިވެރިން ތިބީ ބަލަބަލަ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުޅި އައްޑޫ އަށް ވަރަށް މުހިންމު މަޝްރޫއެއް. އެހެންވެ މި މަޝްރޫއު ހިނގައި ގަންނަން ޖެހޭނެ،" އައްޑު އަތޮޅަށް އުފަން، އަހުމަދު ޝަރީފު (މަޝްހޫރު ސައިރިކްސް ޝަރީފު) ވިދާޅުވި އެވެ.

އައްޑޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް 3،000 އެނދު ފައްކާ ކުރަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން، މި މަޝްރޫއު ތަރައްގީކުރާ ސަރަހައްދުތަކަކީ ހިކިހެރާ އާއި މީދޫ އަދި ހުޅުދޫގެ އިތުރުން ފޭދޫ އާއި ހިތަދޫ އަދި މަރަދޫ ފޭދޫ ހިމެނެ އެވެ.

ހިތަދޫ

މި މަޝްރޫއުގެ ދަށުން، ހިތަދޫގައި ހަތަރު ބުރިއަށްވާ ގޮތަށް ހޮޓަލެއް އަޅާނެ އެވެ. މިތަން ތަރައްގީކުރަނީ ކޮންވެންޝަން ސެންޓަރު ކައިރީގަ އެވެ. ހޮޓާ އަޅަން ހަ ސްލޮޓް ދޭނެ އެވެ. ފަންސަވީސް ކޮޓަރީގެ މިތަނުގެ އަގުތައް އުޅެނީ ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ އަށެވެ. އަދި މި މަޝްރޫއާއެކު މި ރަށުގައި ތަރައްގީކުރާ ރެސްޓޯރެންޓުގައި ރެސްޓޯރެންޓުގެ އަގު ގާތްގަނޑަކަށް 2.1 މިލިއަން ރުފިޔާއަށް އަރާނެ އެވެ. އަދި ހަދާ ބީޗް ބާ އޭރިޔާގައި ހަ ސްލޮޓް ހިމެނެ އެވެ. މިތަނުގެ އަގަކީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ އެވެ. އަދި ސްޕާ އާއި ވެލްސްނަސް ސެންޓަރު ތަރައްގީ ކުރުމަށް އެއް ސްލޮޓް ދޫކުރާނެ އެވެ. މިތަން ތަރައްގީ ކުރެވޭނެ ކަމަށް ބެލެވެނީ 2.3 މިލިއަން ރުފިޔާ އަށެވެ. އަދި މޫދު ކުޅިވަރު ސެންޓަރު ހެދުމަށް ހަ ސްލޮޓެއް ދޫކުރާނެ އެވެ. މިތަނުގެ އަގަކީ 1.9 މިލިއަން ރުފިޔާ އެވެ.

ފޭދޫ

ފޭދޫގައި މިޑް މާކެޓަށް ހާއްސަކޮށް ހަތަރު ބުރިއަށްވާ ގޮތަށް ބީޗް ގެސްޓްހައުސް ތަރައްގީ ކުރުމަށް 10 ބިމެއް ދޭނެ އެވެ. މިތަނުގެ އަގުވެސް އުޅެނީ 3.8 މިލިއަން ރުފިޔާ އަށެވެ. މި ތަންތަނުގައި 25 ކޮޓަރި ހުންނާނެ އެވެ. އަދި ރެސްޓޯރެންޓު ތަރައްގީ ކުރުމަށް ފޭދޫން އެއް ބިމެއް ދޫކުރާނެ އެވެ. މިތަން ތަރައްގީކުރެވޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 2.1 މިލިއަން ރުފިޔާ އަށެވެ. އަދި ސްޕާ އާއި ވެލްންސް ސެންޓަރު ހެދުމަށް އެއް ސްލޮޓް ދޭނެ އެވެ. މިތަނުގެ އަގަކީ 2.3 މިލިއަން ރުފިޔާ އެވެ. އަދި މޫދު ކުޅިވަރު ތަރައްގީ ކުރުމަށް ހަ ސްލޮޓް ދޭއިރު، އަގު އުޅެނީ 1.9 މިލިއަން ރުފިޔާ އަށެވެ.

ހުޅުދޫ

ހުޅުދޫގައި މިޑް މާކެޓަށް ހާއްސަކޮށް ހަތަރު ބުރިއަށްވާ ގޮތަށް ބީޗް ގެސްޓްހައުސް ތަރައްގީ ކުރުމަށް 14 ބިމެއް ދޭނެ އެވެ. މިތަނުގެ އަގު ވެސް އުޅެނީ 3.8 މިލިއަން ރުފިޔާ އަށެވެ. އަދި މި މަޝްރޫއާއެކު މި ރަށުގައި ތަރައްގީކުރާ ރެސްޓޯރެންޓުގެ އަގު ގާތްގަނޑަކަށް 2.1 މިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި އެހެން ވަސީލަތް ގާއިމް ކުރުމަށް އެއް ސްލޮޓް ދޭނެ އެވެ. މިތަނުގެ އަގަކީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ އެވެ. ސްޕާ އާއި ވެލްންސް ސެންޓަރު ހެދުމަށް އެއް ސްލޮޓް ދޭނެ އެވެ. މިތަނުގެ އަގަކީ 2.3 މިލިއަން ރުފިޔާ އެވެ. އަދި މޫދު ކުޅިވަރު ތަރައްގީ ކުރުމަށް ހަ ސްލޮޓް ދޭއިރު، އަގު އުޅެނީ 1.9 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ހުޅުދޫގައި ސްޕޯސްޓް އެންޑް ރެކްރިއޭޝަން ފެސިލިޓީތަކެއް ގާއިމް ކުރާނެ އެވެ. ހެރެތެރެ ކައިރީގައި ތަރައްގީ ކުރާ މިތަނުގެ އަގަކީ ގާތްގަނޑަކަށް 1.7 މިލިއަން ރުފިޔާ އެވެ. އަދި މިކް ޔޫސް/ ކޮމާޝަލް ބޭނުންތަކަށް ދޫކުރާ ސަރަހައްދުގެ އަގަކީ 6.5 މިލިއަން ރުފިޔާ އެވެ.

ހިކިހެރާ

މި ސަރަހައްދުގައި މިޑް މާކެޓަށް ހާއްސަކޮށް ހަތަރު ބުރިއަށްވާ ގޮތަށް ބީޗް ގެސްޓްހައުސް ތަރައްގީ ކުރުމަށް ހަތަރު ބިމެއް ދޭނެ އެވެ. މިތަނުގެ އަގު ވެސް އުޅެނީ 3.8 މިލިއަން ރުފިޔާ އަށެވެ. އަދި މި މަޝްރޫއާއެކު ސަރަހައްދުގައި ތަރައްގީކުރާ ރެސްޓޯރެންޓުގެ އަގު ގާތްގަނޑަކަށް 2.1 މިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި އެހެން ވަސީލަތް ގާއިމް ކުރުމަށް ދޫކުރާ ސަރަހައްދުގެ އަގަކީ ދެ މިލިއަން ރުފިޔާ އެވެ. ސްޕޯސްޓް އެންޑް ރެކްރިއޭޝަން ފެސިލިޓީސްގެ އަގަކީ 1.7 މިލިއަން ރުފިޔާ އެވެ.

މީދޫ

މި ސަރަހައްދުގައި މިޑް މާކެޓަށް ހާއްސަކޮށް ހަތަރު ބުރިއަށްވާ ގޮތަށް ބީޗް ގެސްޓްހައުސް ތަރައްގީ ކުރުމަށް ހަތަރު ބިމެއް ދޭނެ އެވެ. މީގެ އިތުރުން މިޑް މާކެޓަށް ހާއްސަ ހަތަރު ބިމެއް ބީޗް ހޮޓާ ހަދަން ދޫކުރާނެއެވެ. މިތަންތަން ތަރައްގީ ކުރެވޭނެ އަގެއް ކަމަށް އަންދާޒާ ކުރަނީ 5.6 މިލިއަން ރުފިޔާ އެވެ. މިތަނުގެ އަގު ވެސް އުޅެނީ 3.8 މިލިއަން ރުފިޔާ އަށެވެ. އަދި ރެސްޓޯރެންޓުގެ އަގަކީ ގާތްގަނޑަކަށް 2.1 މިލިއަން ރުފިޔާއެވެ. އަދި އެހެނިހެން ވަސީލަތް ބާ/ ކްލަބް ފަދަ ވަސީލަތް ގާއިމް ކުރާ ސަރަހައްދުގެ އަގު ދެ މިލިއަން ރުފިޔާއަށް އަރަ އެވެ. ސްޕޯސްޓް އެންޑް ރެކްރިއޭޝަން އަގަކީ 2.3 މިލިއަން ރުފިޔާ އެވެ. އަދި ސްޕާ އެންޑް ވެލްނަސް ސެންޓަރުގެ ސަރަހައްދުގެ އަގަކީ 1.7 މިލިއަން ރުފިޔާ އެވެ.

މަރަދޫ

މަރަދޫގައި މިޑް މާކެޓަށް ހާއްސަކޮށް ހަތަރު ބުރިއަށްވާ ގޮތަށް ބީޗް ހޮޓާ ތަރައްގީ ކުރުމަށް 14 ބިމެއް ދޭނެ އެވެ. މި ތަންތަނުގެ އަގަކީ 3.7 މިލިއަން ރުފިޔާ އެވެ. އަދި ރެސްޓޯރެންޓުގެ އަގަކީ ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާއެވެ. އަދި އިތުރު ވަސީލަތް ގާއިމް ކުރާ ސަރަހައްދުގެ އަގު ދެ މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ސްޕާ އެންޑް ވެލްނަސް ސެންޓަރުގެ ސަރަހައްދުގެ އަގަކީ 2.3 މިލިއަން ރުފިޔާ އެވެ. ސްޕޯސްޓް އެންޑް ރެކްރިއޭޝަން އަގަކީ 1.7 މިލިއަން ރުފިޔާ އެވެ.އަދި މޫދު ކުޅިވަރު ތަރައްގީކުރަން ދޫކުރާ ސަރަހައްދުގެ އަގަކީ 1.9 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން މަރަދޫގައި އެރައިވަލް ލައުންޗެއް ތަރައްގީ ކުރާނެއެވެ. މިތަނުގެ އަގަކީ 2.1 މިލިއަން ރުފިޔާއެވެ.

މި ތަންތަން 50 އަހަރަށް ކުއްޔަށް ދޭނެ އެވެ. އަދި މި ވަސީލަތްތަައް ގާއިމް ކުރަން އެމްއައިޓީޑީސީން 20-25 މިލިއަން ޑޮލަރު އިންވެސްޓް ކުރާއިރު، މި ތަންތަން ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް ފައިނޭސް ހަމަޖައްސައި ދިނުމުގައިވެސް އެ ކުންފުނިން އެހީވާނެ އެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވި ގޮތުގައި ޕްރީ-ފެބް ބޭނުންކޮށްގެން ހަދާ މި ތަންތަނުގެ މަސައްކަތް ދެ މަސްތެރޭގައި ފަށައި، 18 މަސް ދުވަހުން އެއްކޮށް ނިންމާލާނެ ކަމަށެވެ.

"މި އަހަރު ތެރޭގައި ވެސް ބައެއް ތަންތަން އޮޕަރޭޝަނަށް ގެނެވޭން ހުރި ތަންތަން ގެންނާނަން. މި ތަންތަން ތަރައްގީކޮށް މާކެޓުވެސް ކޮށްދޭނަން،" ޝާހިދު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން އައްޑޫގެ އިގްތިސާދަށް ލިބޭ ފައިދާ ބޮޑުވާނެ އެވެ. އައްޑުއަށް ސްރީލަންކަން އެއާލައިންސް އޮޕަރޭޓް ކުރާ އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މި މަޝްރޫއުގެ ބޭނުން ބޮޑު ކަމަށެވެ.

"މި ވަގުތަށް އެއާޕޯޓް ޓްރެފިކް ގިނަ ކުރުން މުހިންމު. މި ކަމަށް އެންމެ ބޭނުންވަނީ ގިނަ އެނދުތަކެއް ގެނައުން،" ފިރާގު ވިދާޅުވި އެވެ.

ގެސްޓްހައުސް ޕްރޮމޯޓް ކުރާ މޯލްޑިވްސް ގެޓަވޭސްގެ ސީއީއޯ ޑރ. ހުސެއިން ސަނީ ވިދާޅުވީ އަހަރަކު 25 ފެއާގައި ގެސްޓްހައުސް އޮޕަރޭޓް ކުރާއިރު، އައްޑޫގެ އެނދުތަކެއް އައުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޓްރެފިކް މަތިކޮށް، ޗާޓާ މާކެޓު ގެނައުން

ޓޫރިޒަމް މިނިސްޓްރީން މި މަޝްރޫއު ހިންގުމުގެ މައިގަނޑު އެއް ސަބަބަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް މަތިކޮށް، ވަޒީފާތަކެއް އުފެއްދުމެވެ. މީގެ އިތުރުން ޗާޓާ ޓޫރިޒަމް މާކެޓުގެ ޑިމާންޑް މަތި ކުރުންވެސް މިއީ ސަބަބެކެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އައްޑޫ އަށް ވަންނަ ބޭރު ފައިދާގެ އަދަދު ވަރަށް ބޮޑުތަން އިތުރު ވެގެންދާނެ ކަމަށެވެ.

"މި މަޝްރޫއުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ބޭރުގެ އެއާލައިންތަކަށް އިތުރު މާކެޓު ލިބިގެންދާނެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އިންޓަނޭޝަނަލް އެއާޕޯޓަށް ދާއިމީކޮށް ޝެޑިއުލް ފްލައިޓް ޖައްސަން ފުރުސަތު ލިބުން. މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީ އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ކުރިން އޮތް ނަމަވެސް މިހާރު "ގެއްލިފައިވާ" ޗާޓާ މާކެޓު ލިބިގެންދާނެ ކަމަށެވެ.

"ކުރިން އޮތް މާކެޓެއް ޗާޓާ މާކެޓަކީ. އަޅުގަނޑުމެން ގަބޫލުކުރަނީ 100-200 ޑޮލަރާ ދެމެދު އޮތް ޗާޓާ މާކެޓު އިޓަލީ ފަދަ ގައުމުތަކުން. މިހާރު ޖެމެއިކާ ނޫނީ ބަހާމާސް ފަދަ ތަންތަނުގައި އޮތީ. އެ މާކެޓަށް ޓެޕް ކުރުން މައިގަނޑު ބޭނުމަކީ،" ޒަމީރު ވިދާޅުވި އެވެ.

އައްޑޫގައި ޓޫރިޒަމްގެ މުހިންމު މަޝްރޫއެއް މިވަނީ އަމަލީ ގޮތުން ފެށުމުގެ މަރުހަލާގަ އެވެ. ސަރުކާރުގެ އަމާޒަކީ މިތަންތަން އެއްކޮށް ހުޅުވައި، އައްޑޫ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމެވެ.