އީކުއޭޓާ ހުރަސްކޮށް ދަތުރުކޮށްލަން ލިބުމަކީ ފަހުރެކެވެ. މި އުފަލަކީ އައްޑޫ ރައްޔިތުންނަށް އާ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ނޫނީ ކޮންމެ މަހަކު މި އަތޮޅު މީހުން މި އީކުއޭޓާ ހުސްކުރާނެ އެވެ. މިއީ ވެސް އައްޑޫ ބިޔަ އަތޮޅު ހާއްސަވާ އެއް ސަބަބެވެ. ނަމަވެސް މި ހާއްސަކަން އެނގެނީ ދުނިޔޭގެ މަގު ބަޔަކަށެވެ. ސަބަބަކީ އައްޑު އަތޮޅު ދުނިޔެ އަށް "ބަންދު" ވެފައި އޮތުމެވެ. އެކަންނުވެ އޮތީ އައްޑޫގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް އޮތް ނަމަވެސް، އެ ތަނަށް އެކަށީގެންވާ ވަރަށް ފްލައިޓް ނުދިއުމެވެ. ނަމަވެސް 60 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު 2016 ވަނަ އަހަރު އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުން ވެގެން ދިޔައީ އެ އަތޮޅުގެ ހުޅުވުމުގެ ފެށުމަށެވެ. މި ބަދަލާއެކު، ސްރީލަންކާގެ ގައުމީ އެއާލައިން ގަމަށް ސީދާ ދަތުރު ފެށި އެވެ. ނަމަވެސް އެ ވަރުން އަދި ނުފުދުނެވެ. ސަބަބަކީ އިތުރު ފުރުސަތުތަކެއް މި އަތޮޅަށް ބޭނުން ވުމެވެ. މި އިންތިޒާރުގައި އޮއްވައި، އެފްރިކަން އެއާވޭސްއިން މި ވަނީ މި އަހަރުގެ 24، ނޮވެމްބަރުވާ އާދީއްތަ ދުވަހަކީ އައްޑު އަށް ދަތުރު ފަށާނެކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. މިކަން ވެގެންދާނީ އައްޑު އާއި އެފްރިކާގެ ހުޅުމެއްގެ ފެށުމަށެވެ. ސުވާލަކީ މި ދަތުރު ތަކުން އައްޑޫއަށް ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟
"އެފްރިކާ އިން މި ދަތުރު ފެށުމަކީ އައްޑޫގެ ވިޔަފާރި އާއި ޓޫރިޒަމަށް ލިބިގެން ދާނެ ބޮޑު ކުރިއެރުމެއް. މިކަމަކީ އައްޑޫގައި އިތުރު އެނދު ތަކެއް އުފެއްދުމަށް ވެސް ބާރަކަށް ވެގެންދާނެ،" ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
ޓޫރިޒަމަށް ނޭވާ ނުލެވިފައި!
އައްޑޫއަކީ ޓޫރިސްޓު އެޓްރެކްޝަނެއް ނުވަތަ ޓޫރިސްޓުން ދާން ޝައުގުވެރިވާނެ އެތަށް ކަމެއް އޮތް ސިޓީ އެކެވެ. އައްޑޫގައި އެންމެ ހާއްސަ އެއް ތަނަކީ އައްޑޫ ގަމެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތްއިރު އެމީހުން ބޭނުންކުރި މައި ވައިގެ ބޭސް ހުންނަ މިތަނުގައި ހިތްގައިމު އެތަށް ތަނެއް ހިމެނެ އެވެ. އައްޑޫގެ ޓޫރިޒަމްގެ ފެށުން އައިސްފައިވަނީ ވެސް ހަމަ މި ތަނުންނެވެ.
އައްޑޫ އީކުއޭޓާ ވިލެޖް ނުވަތަ ކުރީގެ ގޮތުންނަމަ އޯޝަން ރީފް ކްލަބް 1999 ވަނަ އަހަރު ގެސްޓްހައުސްއެއްގެ ގޮތުގައި ހުޅުވުން ވެގެން ދިޔައީ ޓޫރިޒަމްގެ ފެށުމަށެވެ. ކައިމޫ ކުންފުނިން ހިންގާ 78 ކޮޓަރީގެ މި ޓޫރިޒަމް ޕްރޮޕަޓީގެ އިތުރުން ދެން ހުޅުވިގެން ދިޔައީ ސަރުކާރުގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީން ހިންގި، ހެރެތެރެ ރިސޯޓެވެ. ކުރިން ޔޮޓްޓުއާސްއިން ހިންގި ނަމަވެސް މިހާރު ސިންގަޕޫރުގެ ކެނެރީސް ކުންފުނިން ހިންގާ މި ރިސޯޓުގައި 271 ވިލާ ހުރެ އެވެ. މީގެ އިތުރުން ދެން ހުރީ ޝަންގްރިލާ ރިސޯޓް އެންޑް ސްޕާ އެވެ. މި ތަނުގައި 132 ވިލާ ހުރެ އެވެ. މީގެ އިތުރުން އައްޑޫގައި 13 ގެސްޓްހައުސް އެއް ހުރެ އެވެ. މުޅި އައްޑޫ އަށް ބަލާއިރު މިހާރު ހުރި ގެސްޓް އެނދުގެ އަދަދަކީ 481 އެވެ.
ނަމަވެސް، އައްޑޫގައި މި އެނދުތައް ފުރައި އިތުރު އެނދު ތަކެއް ގެންނަން މިހާތަނަށް އޮތް އެންމެ ބޮޑު އެއް ހުރަކަށްވީ ގިނަ އެއާލައިން ތަކެއް ގަމަށް ނައުމެވެ. އައްޑޫ ޓޫރިޒަމްހަމަ ނޭވާ ނުލެވެނީ އެހެންވެ އެވެ. ނަމަވެސް މި އަހަރުގެ ފަހުކޮޅުން ފެށިގެން އެފްރިކަން އެއާވޭސްގެ ސީދާ ދަތުރުތައް އެފްރިކާ އިން ފަށަން ނިންމުމާއެކު، މިކަން ވެގެން ދާނީ މުޅިން އައްޑު އަށް ފައިދާ ކުރާނެ ކަމަށެވެ. މީގެ އިތުރުން މިއީ މުޅި ރާއްޖޭގެ ޓޫރިޒަމަށް ވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. މީގެ އެއް ސަބަބަކީ ދެކުނު އެފްރިކާއަކީ ރާއްޖޭގެ ޓޫރިޒަމަށް ޕްރޮޓެންޝަލް ހުރި ސަރަައްދަކަށްވުމެވެ. މިހާރު އެފްރިކާ އިން އަހަރެއްގެ މައްޗަށް އަންނަނީ ގާތްގަނޑަކަށް 9،000 މީހުންނެވެ. ނަމަވެސް މި ދަތުރުތަކުން މިއަދަދު އިތުރު ވެގެންދާނެ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވީ ދެކުނު އެފްރިކާއިން ރާއްޖެއަށް މިހާރު ކުރާ ދަތުރަށް ހަމައެކަނި ފްލައިޓް ޓައިމްގެ ގޮތުގައި 12 ގަޑިއިރު ކަމަށެވެ. ނަމަވެސް ގަމަށް ފަށާ ސީދާ ދަތުރުތަކާއެކު މި ވަގުތު ހަތް ގަޑިއިރަށް ކުރުވެގެންދާނެކަން އަފީފު ވިދާޅުވި އެވެ.
"ދަތުރު ފެށުމުން އަޅުގަނޑު އުންމީދު ކުރަނީ އެފްރިކާ އިން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރު ވެގެންދާނެ ކަމަށް. މިހާރު އައްޑޫގައި 800 އެނދު އެބަހުރި. އެހެންވެ މިވަގުތު އެންމެ ފްލައިޓަކުން ފެށިނަމަވެސް އުންމީދަކީ އިތުރު އެނދުތަކެއް އިތުރުވެގެން ދިއުން،" އަފީފު ވިދާޅުވި އެވެ.
ބޭނުންވާ، އިތުރު އާ އެނދުތަކެއް!
އެފްރިކާ އިން ކުރާ ދަތުރުތަކާއެކު ހަފުތާއަކު 300 މީހުން ގަމަށް އަންނާނެ އެވެ. އެހެންވެ، މިކަން ވެގެންދާނީ އައްޑޫގައި އިތުރު އެނދުތަކެއް ބޭނުންވާ ކަމަށް އަންޒަމާނުން ފެށިގެން ދައްކާ ވާހަކައަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އެހެންވެ، އިތުރުން އެނދުތަކެއް ގެނައުމުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ. މިގޮތުން ކުރިން އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްވީކޭއިން ހިންގި ގެސްޓްހައުސް ދޫގަސް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބޮޑު މަރާމާތަކާއެކު ދޫގަސް ހުޅުވުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ ލޯން ފެސިލިޓީ ހަމަޖެހިފައިވާ ކަމަށާ، އެހެންކަމުން އެތަން މަރާމާތު ކުރަން ފަށާފައިވާ ކަމަށެވެ. ދޫގަސް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްހޫރުގެ ފުރަތަމަ ބަޔަކަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ވަނީ 40 މިލިއަން ރުފިޔާގެ ލޯނެއް ދީފަ އެވެ.
އެމްޕީއެލްގެ ސީއީއޯ އަބްދު ރައްޒާގު ހަލީމް 1، ޖޫން 2018 ގައި ވިދާޅުވީ ފުރަތަމަ ހުޅުވާނީ 42 ކޮޓަރި ކަމަށާ އޭގެ ފަހުން އިތުރު 78 ކޮޓަރިއާއެކު ޖުމްލަ 120 ކޮޓަރި ހުޅުވާނެ ކަމަށެވެ.
"މި މަހު އަމަލީ މަސައްކަތް އިރާދުކުރެއްވިއްޔާ ފެށޭނެ. އަޅުގަނޑުމެން ހަދާފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތް ފެށިގެންދާނެ. މި މަސައްކަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. މިއާއެކު ސުވިމިން ޕޫލް އާއި ބީޗެއް ވެސް ހަދާނެ،" ހަލީމް ވިދާޅުވި އެވެ.
މީގެ އިތުރުން 2015 ވަނަ ވަނަ އަހަރު ސިޓީ، މީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރަގައި ހަދަން ފަށާފައިވާ 100 ކޮޓަރީގެ ރިސޯޓު ނިންމައި ޑިސެމްބަރު މަހު ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ.
އިސްމެހެލަ ހެރަ ރިސޯޓުގެ ސީއީއޯ މޫސާ ދީދީ ވިދާޅުވީ ރިސޯޓު މަސައްކަތުގެ 69 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
"ޕަވާ ހައުސްގެ ސިވިލް ވޯކް ވެސް ގާތްގަނޑަކަށް ނިމިފައި. މިހާރު ހުރިހާ މެޓީރިއަލް ތަކާއި އެއްޗެހި އަންނަ މަގުމަތީގަ އުޅެނީ. އަޅުގަނޑުމެން މިހާރު ދެން މިކަމަށް ކުރެވެން އޮތް އެންމެ ފަހުގެ ތައްޔާރިތައް ވަމުން މި ދަނީ" މޫސާ ދީދީ ވިދާޅުވެފައިވެ އެވެ.
އާ އެނދުތަކެއް އައުމަކީ މިހާރު ފަށަން އުޅޭ އާ އެއާލައިންގެ ދަތުރުތައް "ސަކްސަސްފުލް" ވާން އެންމެ މުހިންމު އެއް ބަހާ އެވެ. މިއާއެކު ދެން ކުރަން ޖެހޭ މުހިންމުއެއް ކަމަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާފައިވާ ސީޕްލޭން ބޭސްގެ އޮޕަރޭޝަނުން ގއ. އަދި ގދ. ގުޅައިލުމެވެ. މީގެ އެއް ސަބަބަކީ ހުވަދު އަތޮޅަށްވެސް މިގެ ފައިދާ ކުރުމެވެ.
ލޯކަލް ވިޔަފާރިއަށް ބޮޑު ފައިދާ!
ސްރީލަންކަން އެއާލައިންސް ލަންކާ ކަމުން ފެށި ދަތުރުތަކުގެ ސަބަބުންވެސް އައްޑޫގެ ފިހާރަތަކަށް އެނގުވި އެވެ. މި ދަތުރުތަކުގެ ސަބަބުން ސްރީލަންކާ މަގުން ދަނީ ގިނަ އަދަދެއްގެ މުދާ އެެތެރެ ކުރަމުންނެވެ. އަދި އަލަށް ޖޮހަނަސްބާގުން ފަށާ އެފްރިކަން އެއާލައިންސްގެ ދަތުރުތަކާއެކު އާ އެތަށް ވިޔަފާރިއެއް އައްޑޫގައި ހުޅުވިގެންދާނެ އެވެ. އެފްރިކާއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތާޒާ މޭވާ އާއި ތަރުކާރީ ނެރޭ އެއް ގައުމެވެ. ހަމަ ގައިމުވެސް މި މާކެޓަކީ ހުވަދު އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގެ ވިޔަފާރިތަކަށް ޓަކިޖެހޭނެ ދޮރަކަށް ވެގެންދާނެ އެވެ.
އެފްރިކަން އެއާވޭސް ރާއްޖެ ގެންނަ ޓުއާ އޮޕަރޭޓަރު އެއާ ޓުއާ އޮޕަރޭޓަރު (އޭޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ކީތް އެޗް.އެފް ގޯ ވިދާޅުވީ ޖޮހަނަސްބާގުން ސީދާ ދަތުރުތައް ފެށުމަކީ އެފްރިކާ ބައްރުން އަންނަ ޓޫރިސްޓުން އިތުރު ކުރުމާއި ވިޔަފާރިއަށްވެސް ހުޅުވޭނެ އާ ދޮރަކަށްވާނެ ކަމަށެވެ.
"މީގެ ސަބަބުން ހަމައެކަނި ޓޫރިސްޓުން އުފުލަން އެކަންޏެއްނޫން ފުރުސަތު ހުޅުވޭނީ. އެފްރިކާއަކީ އަކީ ދަނޑުވެރިކަމުގެ ސާމާނު އުފައްދާ ގައުމެއް. މި އެއާލައިނުން 20 ޓަނުގެ ކާގޯ ގެނެވޭނެ. އެހެންވެ އައްޑޫގެ ވިޔަފާރިތަކަށް ވެސް މިއީ ހުޅުވިގެންދާނެ ރަނުގެ ފުރުސަތެއް،" ކީތް ވިދާޅުވި އެވެ.
ނޮވެމްބަރު މަހު އެފްރިކަން އެއާވޭސްގެ ދަތުރުތައް އައްޑުއަށް ފެށުމާއެކު ގިނަ ދާއިރާތަކަކުން އައްޑުއަށް ދޮރުތަކެއް ހުޅުވިގެންދާނެ އެވެ. މިގޮތުން އެންމެ ހާއްސަ ދޮރެއް ހުޅުވޭނީ އައްޑޫ ޓޫރިޒަމް އަށެވެ. ހާއްސަކޮށް ގެސްޓްހައުސް ވިޔަފާރި އަށެވެ. އަދި މިއާއެކު އިތުރު ވިޔަފާރީގެ މަގުތައްވެސް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.