ރިޕޯޓް

ފިރިމީހާގެ ހަނދާނުގައި ރާއްޖެ އަންނަ މަރިޔަމް!

އުމުރުން 73 އަހަރު މެރިއަން ހާޓިގަން، އައްޑޫ ރައްޔިތުން ކިޔާގޮތުން ނަމަ "މަރިޔަމް" ރާއްޖެ އެންމެ ފުރަތަމަ ފަހަރަށް އައީ 1986 ވަނަ އަހަރުގަ އެވެ. އޭނާގެ ފިރިމީހާ އެލެން ހާޓިގަންއާއި އެކުގަ އެވެ. ފުރަތަމަ ނަޒަރުން ރާއްޖޭގެ ނޫކުލައިގެ މޫދާ ރީތި ހުދު ދޮންވެލި ބީޗް ފެނި މަރިޔަމް އަށް މި ގައުމުދެކެ ލޯބިވެވުނީ އެވެ.

މަރިޔަމްގެ ފިރިމީހާ އެލެން އަކީ 1971 ވަނަ އަހަރު ގަމުގައި އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސްގެ މީހުން ތިބި އިރު އެއާ ޓްރެފިކް ކޮންޓްރޯލާއެއްގެ ވަޒީފާ އަދާކުރި މީހެކެވެ. މަރިޔަމްއާއި ރާއްޖެ އެންމެ ފުރަތަމަ ގުޅާ ދިނީ ފިރިމީހާ ކަމަށް އޭނާ ބުނެ އެވެ.

އީކުއޭޓާ ވިލެޖްގެ 101 ކޮޓަރިން ފިރިމީހާގެ ހަދާންތައް

މަރިޔަމް ކިޔާދިން ގޮތުގައި އޭނާ އެލެންއާއި އެކުގައި ރާއްޖެ އައި ފަހަރު އޭރުގެ އޯޝަން ރީފް، މިހާރު އީކުއޭޓާ ވިލެޖް އިން އެމީހުންނަށް ލިބުނު ކޮޓަރިއަކީ 101 އެކެވެ. ކީޗެއިން ފެނިފައި އެލެން ހައިރާންވި އެވެ. ސަބަބަކަށް ބުނީ އޭނާގެ ފިރިމީހާ ރޯޔަލް އެއާފޯސްގައި ގަމުގައި ސްޓޭޝަން ކުރިއިރު ހުރި ކޮޓަރިއަކީ އެއީ ކަމަށެވެ.

މަރިޔަމް ބުނީ 1986 ވަނަ އަހަރުން ފެށިގެން 2005 އާ ހަމައަށް ކޮންމެ އަހަރަކު އެ ދެމަފިރިން ރާއްޖެ އަންނަ ކަމަށެވެ. އެކަމަކު އޭގެ ފަހުން ދިމާވި އެކްސިޑެންޓެއްގައި 2006 ވަނަ އަހަރު ފިރިމީހާ މަރުވުމުން އެލެންގެ ހަނދާނުގައި ކޮންމެ އަހަރަކު، ތިންމަހުން ތިންމަހުން ރާއްޖެއަށް އަންނަމުންދާ ކަމަށެވެ.

" އަހަރެންނަކީ ޔުނިވާސިޓީގައި ލެކްޗަރާއެއް. އެހެންވެ ޔުނިވާސިޓީ ބަންދުވީމަ މިކޮޅަށް އަންނަނީ ކޮންމެ ތިން މަހުން ތިން މަހުން،" މަރިޔަމް ބުންޏެވެ.

"ޕެންޑަމިކްގައި އެކަނި ރާއްޖެ ނާދެވެނީ. ވަރަށް މަސައްކަތް ކުރިން އެ އަހަރުވެސް އާދެވޭތޯ. ރާއްޖެ އަންނަން ވެގެން ލަންކާއަށް ވެސް އައިން އެކަމު ކޮވިޑްގެ ހާލަތު ހުރި ގޮތުގެ ސަބަބުން އަނބުރާ ދާން ޖެހުނީ،" މަރިޔަމް ކިޔައިދިނެވެ.

މަރިޔަމް ކިޔައިދިން ގޮތުގައި އޭނާ ރާއްޖެއަށް އައުމުން ފިރިމީހާ ކައިރީގައި ހުންނަ ފަދަ އިހުސާސެއް ކުރެވޭ ކަމަށެވެ. އަދި ފިރިމީހާގެ ހަދާނުގައި ރާއްޖެ އަންނަ ކޮންމެ ފަހަރަކު ހުންނަނީ ރޫމް 101 ގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭން ލިބުނު އާއިލާ

އައްޑޫ ސިޓީގެ ގަމަށް މަރިޔަމް ޒިޔާރަތްކުރި އަދަދެއް އޭނާއަކަށް ނޭންގެ އެވެ. މިހާރު އައްޑޫގެ ގިނަ ބަޔަކު އޭނާ ބަލައިގެންފައިވަނީ އައްޑޫގެ ރައްޔިތެއްގެ ގޮތުގަ އެވެ.

ދެން މަރިޔަމް ކިޔާދިނީ އޭނާއަށް އައްޑޫއިން ލިބިފައިވާ އާއިލާގެ ވާހަކަ އެވެ. އެ ވެސް އިއްތިފާގަކުން ލިބުނު އާއިލާއެކެވެ.

މަރިޔަމްގެ ފިރިމީހާ ރޯޔަލް އެއާފޯސްގައި އުޅުނު ދުވަސްވަރު އަންނައުނު ދޮންނަ މީހުން ގެ ގޮތުގައި މަސައްކަތް ކުރި ގަމު މީހާގެ އާއިލާއާގެ ވާހަކަ އެވެ. އެއީ އޭނާގެ ދެވަނަ އާއިލާ އެވެ. އެ އާއިލާއިން ވެސް އޭނާ ބަލައިގެންފައި ވަނީ އާއިލީ މެމްބަރެއްގެ ގޮތުގަ އެވެ. އެ އާއިލާއިން އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށް މަރިޔަމް އުފަލާއެކު ކިޔައިދިނެވެ. އެކަން ހާމަވެގެން ދަނީ އެލެންގެ ހަނދާނުގައި އެ ގޭގެ އެންމެ ހަގު ފިރިހެން ކުއްޖާއަށް އެލެންގެ ނަމުން ނަން ދީފައިވާ ވާތީ ކަމަށް ވެސް އޭނާ ބުންޏެވެ.

މަރިޔަމްގެ ހިތުގައި ރާއްޖެއަށް އޮތް ލޯބި

ފިރިމީހާގެ ސިޓީތަކުން އޭރު ކިޔައިދިން ރީތި މި ގައުމަކީ މިހާރު މަރިޔަމްގެ ދިރިއުޅުމުގެ މުހިންމު އެއް ހިއްސާ އެވެ. މަރިޔަމް ބުނި ގޮތުގައި އޭނާ ވަނީ ދިވެހި ބަސް ލިޔަން ކިޔަން ދަސްކޮށްފަ އެވެ. އޭނާއަށް ބައެއް ބަސްތައް ކިޔަން އުނގަދޫ ކަމަށް ބުންޏެވެ. އެގޮތުން އެންމެ އުދަގުލީ " ބުޅާ" ކިޔަން ކަމަށް އޭނާ ބުނި އެވެ.

މަރިޔަމް ވަނީ ރާއްޖޭގެ ދަނޑުވެރިކަމާއި ސިއްހީ އަދި ތައުލީމީ ދާއިރާ ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މަރިޔަމް ބުނި ގޮތުގައި އޭނާ ދެކުނުގެ ބައެއް ރަށްތަކުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

"...ލ. އަތޮޅުގެ ހުރިހާ ރަށްތަކަށް ދިޔައިން. އެ ރަށްރަށުގައި ދަޑުވެރިކަން ރަނގަޅުކުރުމަށް މަސައްކަތް ކުރިން. އޭރުގައި އެމީހުން ބޭނުންކުރަމުންދިޔަ ކެމިކަލްތަކުގެ ބަދަލުގައި އޯގޭނިކް އެއްޗިހި ބޭނުންކުރާނެ ގޮތް ކިޔާދިނިން،" މަރިޔަމް ބުންޏެވެ.

މަރިޔަމް ބުނީ އޭނާ އަކީ އައިރިޝް މީހެއް ކައުގައިވީ ނަމަވެސް އޭނާ އަކީ މިހާރު ދިވެހި ރައްޔިތެއް ކަމަށެވެ. އޭނާގެ ނަމުގެ ފަހަތުގައި ވެސް އޮތީ "ގަން" ކަމަށެވެ. އޭނާ ދިވެހި ރާއްޖެ ދެކެ ވަރަށް ލޯބިވާ ކަމަށެެވެ.