ވިޔަފާރި

ދިރާގުގެ ހިއްސާދާރުންނަށް ލިބުނު ފައިދާ 9 ޕަސެންޓް އިތުރު

ސަރުކާރާއި ރައްޔިތުންގެ ވެސް ހިއްސާ އޮންނަ ޓެލެކޮމް ކުންފުނި، ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުރުވެ، ކުންފުނީގެ ހިއްސާދާރުންނަށް ޖެހުނު ފައިދާ 9.1 ޕަސެންޓް އިތުރުވެއްޖެ އެވެ.

ހޮޓަލް ޖެންގައި މިރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، ކުުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅައި ހިއްސާދާރުންގެ އިއްތިފާގުން ފާސްކުރީ، އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު 701 މިލިއަން ރުފިޔާގެ ސާފު ފައިދާއިން، 342 މިލިއަން ރުފިޔާ ބެހުމަށެވެ. ދިރާގުގެ ހިއްސާއެއް އެވްރެޖްކޮށް މޫނު މަތީ އަގުގެ 70ރ. އަށް ވިއްކާ އިރު، އެއީ ޑިވިޑެންޑް ނޫނީ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 9.23ރ. ޖެހޭ އަދަދެކެވެ. އެއީ

"މި ކުންފުނީގެ ހިއްސާދާރުންނަށް ލިބޭ ފައިދާ މި އަންނަނީ އަހަރަކުން އަހަރަކަށް ރަނގަޅުވަމުންނެވެ،" ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވެ އެވެ.

ދިރާގުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކުގައިވާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ ވަނީ 2013 ވަނަ އަހަރަށް ވުރެ، 9.2 ޕަސެންޓްގެ ކުރިއެރުމެއް ހޯދައި، 59 މިލިއަަން ރުފިޔާ އިތުރުވެފަ އެވެ. ކުންފުނީގެ އަހަރީ ރިޕޯޓްގައިވާ ގޮތުން ކުންފުނީގެ ފައިދާ އިތުރުވުުމުގެ މައިގަނޑު ސަބަބަކީ އާމްދަނީ ލިބުނު މިންވަރު އިތުރުވުމާއި ހިންގުމުގެ ހަރަދު މިދިޔަ އަހަރުގެ ތެރޭގައި ކުޑަކުރެވުމެވެ. އެގޮތުން މިދިޔަ އަހަރު ހިންގުމުގެ ހަރަދު ދެ ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ.

އެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރުގެ ތެރޭގައި 2 ޕަސެންޓް އިތުރުވެ، 2.1 ބިލިއަން ރުފިޔާއަށް އަރާފައި ވަނީ ދިރާގުން ބުނި ގޮތުގައި، އެ ކުންފުނިން ތައާރަފް ކުރި 4ޖީ އާއި އެހެނިހެން ވެސް ޑޭޓާ ހިދުމަތްތަކުގެ ސަބަބުންނެވެ. އަދި ކުންފުންޏަށް ބޮޑު އާމްދަނީއެއް ވަންނަނީ ފޯން ކޯލްތަކަށް ވުރެ ބޮޑަށް، ޑޭޓާ ހިދުމަތްތަކުން ކަމަށް ވެސް ދިރާގުން ބުންޏެވެ.

އާދައިގެ މަތިން މިރޭގެ އޭޖީއެމްގައި ވެސް ވަނީ، އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރު ކަމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ހަމައެކަނި އެ މަގާމަށް ޝަރުތު ހަމަވާ އަދި މިހާރު ވެސް ބޯޑް މެންބަރުކަން ފުރުއްވާ އިމްރާން އަލީ އަދި އިތުރު ދައުރަކަށް ބޯޑްގައި ބެހެއްޓުމަށް ރުހުން ދީފަ އެވެ.

ޕަބްލިކް ކުންފުންޏަކަށް 2012 ވަނަ ބަދަލުވީ ދިރާގުގައި، ބޮޑު ހިއްސާއެއް އޮންނަނީ ބަހުރެއިންގެ ބަޓެލްކޯ ކުންފުނީގެ އެވެ. ބަޓެލްކޯއަށް 52 ޕަސެންޓް އޮންނަ އިިރު، ސަރުކާރުގެ ހިއްސާ އަކީ 41.8 ޕަސެންޓެވެ. އަދި އާންމު ހިއްސާދާރުންނަކީ 6.2 ޕަސެންޓެވެ.