ސްޓްރެސް ވުމަކީ މީހާގެ ލައިފްސްޓައިލް އަށް އެންމެ ނޭދެވޭ އަސަރު ކުރާ އެއްކަންތަކެވެ. މީހާގެ ހަށިގަނޑު ތަފާތު ބަލިތަކަށް މަގުފަހި ކުރުވާ އެއް ކަމަށް ސްޓްރެސް ވެއެވެ.
ހާއްސަކޮށް އަލަށް މައިންނަށްވާ މީހުން ސްޓްރެސް ވުމަކީ ގާތުން ދިނުމަށް އެޅޭ ހުރަހެއް ކަމަށް ވެއެވެ. އެގޮތުން ގާތުންދޭ ކިރު އުފެއްދުމަށް ސިކުނޑީގެ އިތުރުން ފިޒިކަލް ސްޓްރެސްގެ ސަބަބުން ހުރަސް އެޅުމެވެ. ދަރިފުޅު އެންމެ ތުއްތުއިރު ދެވޭނެ އެންމެ މުހިންމު އެއްޗަކީ މައިމީހާގެ ގާތުންދޭ ކިރެވެ. ގާތުންދޭ ކިރުގައި ދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ މާއްދާއެއްގެ އިތުރުން ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ބޭނުންވާ ހުރިހާ ނިއުޓްރިއަންޓްސް އެއް ހިމެނެ އެވެ.
ދަރިފުޅު ވިހާ ދުވަހުން ފެށިގެން ރަނގަޅަށް ކިރުދިނުމަށް އާންމުކޮށް ދެއެއް ނުވަތަ ތިން ދުވަސް ހޭދަވެ އެވެ. ނަމަވެސް ބައެއް މީހުންނަށް މާބޮޑު އުނދަގުލަކާ ނުލައި ދަރިފުޅަށް ގާތުން ދެވެ އެވެ.
އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ރަންޖަނާ ޝަރްމާ ވިދާޅުވާ ގޮތުގައި އަލަށް މައިންނަށްވާ މީހުން އެންމެ ބޮޑަށް ސްޓްރެސް ވާން ދިމާވަނީ އާއިލާގެ ސަބަބުންނެވެ. އެގޮތުން ހަށިގަނޑަށް އަންނަ ބޮޑު ބަދަލުގެ ސަބަބުން ހިކެން ނަސޭހަތްތެރިވެ، ދަރިއަކު ލިބުމުން ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަމުގެ ލިސްޓެއް ދެ އާއިލާއިން ކިޔައިދޭން ފެށުމުން ސްޓްރެސް ވާން މެދުވެރިވެ އެވެ. މީގެއިތުރުން ވެސް އެ އާއިލާއަކުން ގަބޫލު ކުރާ އުސޫލުތަކާ އެއްގޮތަށް އެކަންތައްތައް ކުރިއަށް ގެންދަން ނަސޭހަތްތެރިވެ އެވެ. އަދި އެ ގަބޫލު ކުރުން ތަކުގެ ތެރެއިން އަންހެން މީހާއަށް ކާންދޭ އެއްޗެހީގެ ސަބަބުން، ހާއްސަކޮށް ފެޓްގެ މާއްދާތައް ގިނަ ކާނާގެ ސަބަބުން ގާތުން ދިނުމަށް ހުރަސް އެޅެއެވެ. މިއީ އިތުރަށް މައިމީހާގެ ބަރުދަން ލުއިވުމަށާއި ސިއްހީ އިތުރު މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށް ވެއެވެ.
މީގެއިތުރުން ވެސް އަހަރެމެން ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ވަޒީފާއަށް ދާ މީހުންނަށް ވާތީ ދަރިއަކު ލިބޭފަހުން ވަޒީފާއަށް ދާން ފެށުމުން ދަރިފުޅަށް ގާތުން ދެވޭވަރު މަދުވެ އެވެ. މިއީ ވެސް މައިންގެ ހަށިގަނޑުގައި ކިރު އުފެއްދުން ލަސްވާ ނުވަތަ ހުއްޓެއް ދިމާވާ ސަބަބެކެވެ.
ޑރ. ރަންޖަނާ ޝަރްމާ ވިދާޅުވާ ގޮތުގައި އެންމެ ފުރަތަމަ ހަ މަހުގެތެރޭ ގާތުން ކިރުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ދެއެއް ނުވަތަ ތިިން ގަޑިއިރު ދަރިފުޅަށް ހަ މަސް ވަންދެން އަބަދުވެސް ގާތުން ދޭންޖެހެ އެވެ. މިއީ މަންމަ އާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން އިތުރަށް ގާތްކޮށްދޭނެ ކަމެއްވެސްމެ އެވެ.