ވިޔަފާރި

ފައިދާ ދަށްވެ، އެމްޓީޑީސީއިން ހިއްސާ ނުބަހަން އަނެއްކާވެސް ނިންމައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ ފައިދާ ދަށްވެ، ހިއްސާ ނުބަހަން ނިންމައިފި އެވެ. އެ ކުންފުނީގެ ހިއްސާ ދާރުންނަށް ހިއްސާ ނުބަހާތާ މިއީ ނުވަ ވަނަ އަހަރެވެ.

އެމްޓީޑީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 69.72 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 26 ޕަސެންޓު ދަށް އަދަދެކެވެ. އެހެންކަމުން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 95.31 ޕަސެންޓުން ވަނީ ހިއްސާގެ ފައިދާ ބަހަން ނުފެންނަ ކަމަށް ފާސްކޮށްފަ އެވެ. ހިއްސާ ބަހަން ފެންނަ ކަމަށް ވޯޯޓް ދިނީ 4.69 ޕަސެންޓް ހިއްސާދާރުންނެވެ.

އެ ޖަލްސާގައި ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްޓީޑީސީގެ ޗެއާމަން އަލީ ނިޝާން ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމަށް 78.9 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެ ހަރަދު އިތުރުވީ ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން ބޮޑު ޖޫރިމަނާއެއް އެރުމާ ގުޅިގެން ކަމަށް ނިޝާން ވިދާޅުވި އެވެ.