ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޒަންގް ލިޒޯންގްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަބްދުالله ޔާމީން
އަބްދުލްގައްޔޫމަށް އަރުއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޗައިނާގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރަން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް ވެދެއްވާ އެހީތެރިކަމުގެ ތެރެއިން ޗައިނާއިން ރާއްޖޭގައި ހިންގާ މައިގަނޑު ދެ މަޝްރޫއު ކަމަށްވާ ބްރިޖްގެ މަސައްކަތާއި ވައިގެ ބަނދަރުގެ ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއު ފާހަގަކުރައްވައި ޝުކުރު އަދާ ކޮށްފައި ވެއެވެ.
ޗައިނާ ސަފީރު ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިއަށްދާ ތަފާތު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށާއި ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓުކުރަން ފުރުސަތު ދިނުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށާ ވިޔަފާރީގެ ދާއިރާގައި ދެ ގައުމުގެ ގުޅުން ތަރައްގީކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީނާއެކު ރައީސް އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް ފޮ ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.