ހަބަރު

ޖޮއިންޓް ވޯކްޕްލޭންގައި ޖެންޑަ މިނިސްޓްރީއާ އދ. ސޮއިކޮށްފި

ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް އެސިސްޓެންސް ފްރޭމްވަކް (އުންޑާފް) ގައި ހިމެނޭ ކަންކަން ހާސިލުކުރުމުގެ ގޮތުން 2017 އިން 2018 އަށް އެކަށައެޅި "ޖޮއިންޓް ވޯކްޕްލޭން" ގައި މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީ އާއި އ.ދ އިން މިއަދު ސޮއިކުރައްވައިފިއެވެ.

ޖެންޑާ މިނިސްޓްރީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ވޯކްޕްލޭން ގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ. އަދި އ.ދ ގެ ފަރާތުން ސޮއިކުރެއްވީ އ.ދ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ރެސިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޯޑާ އެވެ.

މައިގަނޑު ހަތަރު ފިޔަވައްސަކަށް އަމާޒުކޮށްގެން ޔުނައިޓެޑް ނޭޝަންސް އިން އެކުލަވާލާފައިވާ ވޯކްޕްލޭންގެ ދެވަނަ ފިޔަވަހީގެ އަމާޒަކީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް މަސައްކަތްކުރުމެވެ. އެގޮތުން މިންތީގެ ހަމަހަމަކަން އުފައްދައި، އިޖުތިމާއީ އިގުތިސާދީ އަދި ސިޔާސީ މައިދާނުގައި ފިރިހެނުންނެކޭ އެއްހަމަ އެއްގައި އަންހެނުންނަސް ފުރުސަތުތަކެއް ހޯދުމަށް ބާރުވެރި ކުރުމެވެ.

އުންޑާފްގެ ޕާޓްނަޝިޕްގެ ދަށުން ދިވެހި ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ގުޅިގެން ތަންފީޒުކުރެވޭ ވޯކްޕްލޭން ފަރުމާކުރެވިފައިވަނީ ދިވެހި ސަރުކާރުގެ ގައުމީ ސިޔާސަތުތަކާއި ދިވެހިރާއްޖޭން ބައިވެރިވެފައިވާ މުއާހަދާތަކުން ލާޒިމުކުރާ ކަންތައްތައް ދެމެހެއްޓެނިވިގޮތެއްގައި ތަރައްގީ ކޮށް އެކަންކަން ހާސިލުކުރެވޭގޮތަށެވެ.

އުންޑާފްގެ ދަށުން އެކުލަވައިލެވުނު ޕްލޭނަކީ ދެ ޖިންސުގެ މީހުންނާއި ކުދިން ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅެ އެމީހުންގެ ކުރިމަގާމެދު އަމިއްލައަށް ގޮތް ކަނޑައެޅުމުގެ އިހުތިޔާރު ލިބިދީފައިވާ ބަޔަކަށް ހެދުމަށްޓަކައި ދިވެހި ސަރުކާރާއި އ.ދ ގުޅިގެން ނަތީޖާ ހާސިލުކުރުމަށް ގައުމީ ފެންވަރެއްގައި މަސައްކަތްކުރުމަށްޓަކައި އެކުވައިލެވިފައިވާ ޖޮއިންޓް ވޯކްޕްލޭނެކެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އުންޑާފްގެ ދަށުން އެކުލަވާލި މި ވަރކްޕްލޭންގެ ސަބަބުން، ނަތީޖާ ހާސިލުކުރުމަށްޓަކައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތައްކުރުމަށް ލިބެންހުރި ވަސީލަތްތަކުގެ މައުލޫމާތު ރާއްޖޭގައި މަސައްކަތްކުރާ ކަމާގުޅުންހުރި މުއައްސަސާތަކާއި ޔުނައިޓެޑް ނޭޝަންސްގެ އިދާރާތަކަށް ލިބިގެންދާނެ ކަމަށެވެ.