ހަބަރު

މައުމޫންގެ ދެކަނބަލުން ޖަލަށް ވަޑައިގެން، ފާރިސްއާ ބައްދަލު ކުރައްވައިފި

ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާ ބައްދަލުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ އަނބިކަބަލުން ނަސްރީނާ އިބްރާހީމް މާފުށީ ޖަލަށް ވަޑައިގެންފި އެވެ.

ފާރިސް ހައްޔަރުކުރި ފަހުން ރައީސް މައުމޫނާއި ނަސްރީނާ އެކުގައި ޖަލަށް ވަޑައިގެން މިއީ ފުރަތަމަ ފަހަރެވެ. މެޑަމް ނަސްރީނާ ވަނީ މީގެ ކުރިން ޔުމްނާ މައުމޫނާއެކު މާފުށީ ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވާފަ އެވެ. އަދި ރައީސް މައުމޫނު ވެސް މީގެ ކުރިން ވަނީ ދުންޔާ މައުމޫނާއެކު ޖަލަށް ވަޑައިގެންފަ އެވެ.

ފާރިސްއާ ބައްދަލުކުރެއްވުމަށްފަހު މައުމޫން ވިދާޅުވީ، ފާރިސްއާ މިއަދު ބައްދަލުކުރެވިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ފާރިސް އާއިލާއާ ދުރުގައި ޖަލުގައި އީދު ފާހަގަ ކުރަން ޖެހޭތީ ހިތާމަ ކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވަނީ ކަރެކްޝަންގެ އޮފިސަރުން ދެއްވި އެހީތެރިކަން ފާހަގަ ކުރައްވާފަ އެވެ.

ފާރިސް ހައްޔަރުކުރި ފަހުން އޭނާއާ ބައްދަލުކުރުމަށް ފުރަތަމަ ފަހަރަށް ދުންޔާ މައުމޫން ވެސް ވަނީ މިދިޔަ ހަފްތާގައި މާފުށި ޖަލަށް ވަޑައިގެންފަ އެވެ. އަދި ދުންޔާއާއެކު ފިރިކަލުން ވެސް ޖަލަށް ވަޑައިގަތެވެ. ޔުމްނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލަށް ވަޑައިގެންފަ އެވެ. ޔުމްނާއަކީ ފާރިސްއާއެކު އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ޔުމްނާ އާއި ފާރިސް އިދިކޮޅުގައި ތިއްބެވި ދުންޔާ އާއި ފާރިސްގެ ކޮއްކޯފުޅު ގައްސާން މައުމޫން ތިއްބެވީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.