ހަބަރު

ސިއްހީ ދާއިރާއަށް މި ސަރުކާރުން ގެނައި ތަރައްގީއަކީ ނަމޫނާއެއް: ޝައިނީ

ޕެރަޑައިސް ރިސޯޓުން: އަލީ އަފާފް
Sep 6, 2017
2

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާއިތުވެގެން ދިޔަ އަހަރުތަކުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ގެނެސްދިން ތަރައްގީ އާއި ކުރިއެރުން މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ގެނެސްދެވިފައި ނެތް ކަމަށާއި އެއީ ސިއްހީ ހިދުމަތް ދިނުމުގައި ނަމޫނާ އެއް ކަމަށް ރާއްޖޭގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ހެނދުނު ފެށި ޑަބްލިޔޫއެޗްއޯގެ 70 ވަނަ ސަރަހައްދީ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވައި ޝައިނީ ވިދާޅުވީ ވެރިރަށް މާލޭގައި އެންމެ އުސް އިމާރާތެއް 25 ބުރިއަށް އަޅަނީ ސިއްހީ ހިދުމަތަށް ހާއްސަކޮށްގެން ކަމަށް ވުމަކީ ރައީސް ޔާމީންގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދާނާކޮށް ފުޅާ ކުރަން ދޭ ސަމާލުކަން ހާމަވެގެންދާ ނިޝާން ކަމަށެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ހުރަސްތަކެއް ހުރި ނަމަވެސް މި ސަރުކާރުން އެ އުނދަގޫތައް ހުރަސްކޮށް އާންމުންނަށް ފަސޭހަ ކޮށްދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ސަރުކާރުގައި ހުރީ ނުވަ ފާމަސީ ކަމަށާއި އެ ނިޒާމް ހަރުދާނާކޮށް މިހާރު 187 ފާމަސީ އާސަންދާއެކު ހިދުމަތަށް ގެނެސްފައިވާ ކަމަށްވެސް މިނިސްޓަރު ޝައިނީ މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އާންމުންގެ ސިއްހީ ދުޅަހެޔޮ ދިރިއުޅުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ގިނަ ބަޔަކު ދިރިއުޅޭ މާލޭގައި ޕާކުތަކާއި ބީޗްތައް ހަދައި ތަރައްގީކޮށްފައިވާ ކަމަށެވެ.

"މި ސަރުކާރު ވެރިކަމާހަވާލުވިއިރު ސިއްހީ ނިޒާމުގެ ތެރޭގައި ބޭނުން ކުރަނީ ހަތަރު އުޅަނދެއް. މިހާރު މީހަކު ބަލިވެއްޖެނަމަ 45 މިނިޓް ތެރޭގައި ސަރަހައްދީ ހޮސްޕިޓަލަކަށް ގެންދެވޭނެ ފުރިހަމަ ނިޒާމެއް އެބައޮތް. އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލުތައް ދަނީ ޤާއިމުކުރެވެމުން،" ޝައިނީ ވިދާޅުވި އެވެ.