ލައިފްސްޓައިލް

ވިހި ހާސް މާމުއި ކުޅަނދުރާއެކު ފޮޓޯ ޝޫޓެއް!

Sep 6, 2017

އާދަޔާ ހިލާފު ކަންކަން ކުރާހިތްވާ މީހުން އުޅެ އެވެ. ހާއްސަކޮށް ވެޑިން ފޮޓޯ ޝޫޓް ނުވަތަ ބަނޑު ބޮޑު ދުވަސް ވަރު ނަގާ ފޮޓޯ ތަކުގައި ކޮންމެ ވެސް ކަހަލަ އާދަޔާ ހިލާފު ނުވަތަ ތަފާތު ކަމެއް ހިމަނާލަން ގިނަ މީހުން ބޭނުންވެ އެވެ. ފަހަރުގައި މިއީ އެހެން މީހުންގެ ފޮޓޯ ތަކާ ތަފާތު ކުރަން ބޭނުންވާތީ ކުރާ ކަމަކަށް ވެސް ވެދާނެ އެވެ.

ނަމަވެސް އެމެރިކާ އަންހެނެއް ކަމަށްވާ އުމުރުން 33 އަހަރުގެ އެމިލީ މުއެލާ ވަނީ މިހާތަނަށް މީހުން ބަނޑުބޮޑު ދުވަސް ވަރު އެންމެ ނުކުރާ ކަހަލަ ކަމެއް ކޮށްފަ އެވެ.

ބީ ކީޕާއެއްގެ މަސައްކަތުގައި އުޅޭ މުއެލާ ވަނީ އޭނާގެ ބަނޑުބޮނޑުއިރުގެ ހަނދާންތައް ރަނގަޅަށް ވެސް "ބެލީ ބީ" އަކަށް ހަދާފަ އެވެ.

އެގޮތުން ވިހި ހާސް މާމުއި ކުޅަނދުރާއެކު އޭނާ ވަނީ ވަރަށް ފުރިހަމަ ފޮޓޯ ޝޫޓެއް ނަގާފަ އެވެ. މުއެލާ ބުނެފައިވަނީ މިއީ އޭނާ ސްޓަންޓެއް ޖެއްސުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށެވެ.

މާމުއި ކުޅާނދުރު ރަމްޒުކޮށްދެނީ ދިރިހުރުމާއި މަރުވުން ކަމަށް މުއެލާ ބުންޏެވެ. އަދި މިއީ ތިން ފަހަރު ބައިގެން ދިއުމަށްފަހު އޭނާ ބަނޑުބޮޑުވި ހަތަރު ވަނަ ފަހަރު ކަމަށްވާތީ އެ ފޮޓޯ ޝޫޓަކީ ބައިގެންދިޔަ އޭނާގެ ތިން ދަރިންނަށް ހާއްސަކުރާ ފޮޓޯ ޝޫޓެއް ކަމަށެވެ.

ނޮވެމްބަރު ވިހަން ތައްޔާރު ވެފައިވާ މުއެލާ ބުނެފައިވަނީ ފޮޓޯ ޝޫޓުގެ ސަބަބުން މާމުއި ކުޅަނދުރާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލު ކޮށްދޭނެ ކަމެއް ކަމަށެވެ.

މާމުއި ކުޅަނދުރާއެކު ނެގި ފޮޓޯ ޝޫޓާއެކު ހިތްހަމަޖެހިފައި ހުރި މުއެލާ ބުނީ އެ ފޮޓޯ ޝޫޓުން އޭނާގެ ދިރިއުޅުން ފުރިހަމަ ކޮށްދީފި ކަމަށާއި އޭނާގެ ހިތަށް ލިބުނު ހިތްހަމަ ޖެހުން އެހެން މީހަކަށް އިހުސާސްވެސް ނުވާނެ ކަމަށެވެ.