ހަބަރު

ފާރިސްއާ ދެކޮޅަށް ހުރީ އުފައްދާފައި ހުރި ހެކިތަކެއް: މައުމޫން

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއާ ދެކޮޅަށް ހުށަހަޅާފައި ވަނީ އުފައްދާފައި ހުރި ހެކިތަކެއް ކަމަށް އެމަނިކްފާނުގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސްގެ މައްޗައް ދައުވާ އުފުލާ ބަންދުކޮށްފައި ވަނީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ގާނޫނީ އިމުގެ ބޭރުން ކަމަށެވެ. އަދި އެމަނިކްފާނާ ދެކޮޅަށް ހުށަހަޅާފައި ވަނީ އުފައްދާފައި ހުރި ހެކިތަކެއް ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ކްރިމިނަލް ކޯޓަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔެކިއުންތަކުން ވެސް އެކަން ސާބިތުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ފާރިސްއަށް ކުރާ ދައުވާ ސާބިތު ކުރަން ހެކީގެގޮތުގައި ޕީޖީ ހުށަހަޅާފައިވާ މޮބައިލް ފޯނެއްގެ ފޮރެންސިކް ރިޕޯޓަށް ބެލުމުން، އެ ފޯނުން ފެނުނުކަމަށް އެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ބައެއް ފޮޓޯތަކަކީ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތާރީހުގެ ފަހުން ރައްކާކުރެވިފައި ހުރި ފޮޓޯތަކެއްކަން އެނގޭ، އެހެންކަމުން އެއީ އުފައްދާފައިހުރި ހެކިތަކެއްކަން ކަށަވަރުވޭ،" މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ މައްޗައް ރިޝްވަތު ދިނުމުގެ ތުހުމަތުކޮށްފައިވީ ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕީޖީ އުފުއްލަވާފައިވާ ދައުވާގައި އެ މަނިކްފާނު ބަންދުކުރެވިފައިވާ ވަނީ އެއާ ދިމާ އިދިކޮޅަށް، ރިޝްވަތު ހިފުމުގެ ދައުވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންކަމުން ފާރިސްއާ ހައްޔަރުކޮށް އެމަނިކުފާނާ މެދު އަމަލު ކުރަނީ ގާނޫނާ ހިލާފަށް ކަން ދައުލަތުން އުފުލާފައިވާ ދައުވާ އާއި އުފައްދާފައި ހުރި ހެކިތަކުން ސާބިތުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ފާރިސްއާ މެދު އެގޮތަށް އަމަލު ކުރަނީ ސިޔާސީ ޕާޓީ ތަކުން ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތައް ހުއްޓުވުމަށް ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ފަސްޖެހުމެއް ނާންނާނެ ކަން ޔަގީންކޮށް އަރުވާ ކަމަށެވެ. އަދި ފާރިސްއާ މެދު ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަން ހުއްޓާލައި، އެމަނިކުފާނު މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މައުމޫން ވަނީ ގޮވާލާފަ އެވެ.