އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނިވަޑައިގަންނަވާ ގޮތަށް ޒަޔަނިސްޓް ސަރުކާރުގެ ވެރިން ހިފައި ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރެއް ނެރެފިނަމަ، އެ ކޯޓަށް ދަތިކޮށް އުވާލާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 12 މެމްބަރަކު އިންޒާރު ދެއްވައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން ހައްޔަރުކުރުމުގެ އަމުރެއް އައިސީސީން ނެރުން ވަރަށް އެކަށީގެންވެ އެވެ.
ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތް ނައްތާލުމަށް ކަމަށް ބުނެ ފަލަސްތީންގެ އަވަށްތަކަށް އިޒުރޭލުގެ އަސްކަރިއްޔާއިން ބަރު ހަތިޔާރާއެކު ވަދެގަނެ ހިންގަމުން ގެންދަނީ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ކުށްތަކެއް ކަމަށް އައިސީސީގެ ބައެއް މެމްބަރު ގައުމުތަކުން ވެސް އޮތީ ބުނެފަ އެވެ.
އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ނެޝަނަލް ސެކިއުރިޓީ ވަޒީރު އިތަމާރު ބެންގަވީރު އަދި ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ފަދަ ވަޒީރުންނަކީ ހަނގުރާމައިގެ ކުށްވެރިން ކަމަށް ބެލިދާނެ ކަމަށްވެސް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަަރުން ސޮއިކުރައްވައި އައިސީސީއަށް ފޮނުވާފައި އޮތް ލިޔުމެއް ބުނާ ގޮތުން އިޒުރޭލުގެ ވެރިންނަށް އައިސީސީން ހަމަލާއެއް ދީފިނަމަ މުޅި ކޯޓު ފުނޑިގެންދާ ވަރުގެ ބަދަލު ހަމަލާއެއް ދެވޭނެ އެވެ.
އެ ލިޔުމުގައި އަދި ބުނެފައިވަނީ މިއީ އިންޒާރެއް ކަމަށާއި ލުއިކަމެއް ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރިޕަބްލިކަން މެމްބަރުންނާ ގާތް ގުޅުންތައް އޮންނަ ގޭންގުތަކުންވެސް ވަނީ އައިސީސީއަށް އިންޒާރު ދީފަ އެވެ.
އައިސީސީގެ ވެރިންނަށާއި މެމްބަރުންނަށް އަދި އާއިލާތަކަށްވެސް އިންޒާރުދީ ބޮޑެތި ގެއްލުން ދޭނެ ކަމަށް ބުނާ ކަމަށް އެމެރިކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި އެބައޮތެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި އައިސީސީއަށް ކިތަންމެ އިންޒާރެއް ދިން ނަމަވެސް އިޒުރޭލާ ދެކޮޅަށް އަމުރެއް ނެރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އިޒުރޭލުގެ ބޮޑުވަޒީރު ހައްޔަރުކުރަން އަމުރެއް ނެރުމަކީ ބޮޑު ތާއީދެއް އޮތް ކަމެއް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.