ހަބަރު

އަގު ހެޔޮކޮށް ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރަނީ

ރާއްޖެއިން އަގު ހެޔޮކޮށް ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރަން ޑަބްލިޔުއެޗްއޯއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ ޕެރެޑައިޒް އައިލެންޑް ރިސޯޓްގައި ބޭއްވި 70 ވަނަ ސަރަހައްދީ ބައްދަލުވުން ނިންމާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ ސްރީލަންކާގައި އަގު ހެޔޮކޮށް ބޭސް ވިއްކުމަށް ގާއިމް ކުރެވުނު ނިޒާމުގެ ތެރެއިން ލަންކާ އަދި އިންޑިއާ މެދުވެރިކޮށް މިހާރަށް ވުރެ އަގުހެޔޮކޮށް ރާއްޖެއަށް ބޭސް ލިބިގެންދާނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރެވިދާނެކަމަށް ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ޕޫނަމް ކެތްރަޕަލް ސިންގް ވިދާޅުވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލަންކާގައި ގާއިމް ކުރި ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ ނިޒާމާއި ގުޅޭގޮތުން ކުރިން މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ލަންކާއާ ގުޅިގެން ރާއްޖެގައި ބޭހުގެ އަގުތައް ހިފެހެއްޓުމަށް ކުރެވެން ހުރި ކަންކަން ބަލައި ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ގޮތަށް ހަމަ ޖެހުމުން އެސްޓީއޯއިން ގަންނަ ބޭހުގެ އަގުތައް ހެޔޮވެ އާސަންދައިގެ ބިލްތައް ވެސް ކުޑަ ވާނެ ކަމަށާއި އެ ފައިސާ އެހެނިހެން ކަންކަމަށް ހަރަދު ކުރެވިގެންދާނެ ކަމަށެވެ.

"މިހާރު ނިންމަވާފައިވަނީ މާރްކޭޓްގައި ބޭސްތައް ލިބޭނެ އަގުތަށް ބަލައި އަގުތަށް ލިސްޓް ކުރުމަށް، އެކަން ކުރެވުނީމަ އެ އަގުތަށް ކޮންޓްރޯލް ކުރަންވީ ވަރު އެނގިގެން ދާނެ، ލިސްޓެއް ހަދައި އާންމު ކުރުމަށް މަޝްވަރާތައް ކުރެވިފައިވޭ" މިނިސްޓަރު ވިދާޅުވި އެވެ. "އެސްޓީއޯއިން ގަންނަ ބޭސްތައް އަގު ހެޔޮ ވުމުން ސަރުކާރަށް އެކަމުގެ ސަބަބުން ފައިދާ ކުރާނެ، އެއީ އާސަންދައިގެ ބިލް ކުޑަވުމުން އެ ފައިސާ އެހެން ކަންކަމަށް ހަރަދު ކުރެވިގެންދާނެ، އެކަމުގެ ސަބަބުން ސިއްހީ ނިޒާމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދާނެ، މިހާރު ހޯދަން ދަތި ބޭސްތައް ސްޓޮކް ހުސްނުވެ ލިބޭނެ ނިޒާމެއް ގާއިމް ކުރެވޭނެ، މިކަން ކުރުމަށް ވަކި ދުވަހެއް އަދި ކަނޑައެއް ނާޅާ، މުސްތަގުބަލުގައި ޑަބްލިއުއެޗްއޯއާ ގުޅިގެން މިކަންކަން ކުރެވިގެންދާނެ،"

ޑަބްލިއުއެޗްއޯގެ 70 ވަނަ ސަރަހައްދީ ބައްދަލުވުމުގައި ތިން ރެސޮލިއުޝަނެއް ވަނީ ނިންމާފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވާ ނުރައްކާތަކަށް ތައްޔާރުވުމާ ގުޅޭ "މާލޭ ޑިކްލަރޭޝަން އޮން ބިލްޑިން ހެލްތު ސިސްޓަމްސް ރެޒިލިއަންސް ޓު ކްލައިމެޓް ޗޭންޖް" ނަމުގައި ގަގަރާރެއްގައި ސަރަހައްދީ ސިއްހަތާއިބެހޭ 11 ގައުމެއްގެ ވަޒީރުން ސޮއިކޮށްފައި ވެއެވެ. މި ބައްދަލުވުމުގައި 250 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައި ވެއެވެ.