ވިޔަފާރި

މަޓާޓޯ ޓްރެވަލް އެވޯޑު ގެ "ހާއްސަ ބައި" ދުސިތު ތާނީ ދުބާއީ ހޮޓެލްގައި ބާއްވަން ތައްޔާރު ވެއްޖެ

Apr 22, 2015

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ "މަޓާޓޯ" ޓްރެވަލް އެވޯޑުގެ "ހާއްސަ ބައި" ދުބާއީގެ ދުސިތު ތާނީ ހޮޓަލުގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ އިން ވަނީ މި ފެއާގެ "ހާއްސަ ބައެއް" ދުބާއީގައި ބޭއްވުމުގެ ގޮތުން އެކަން ބައިނަލް އަގުވާމީ މީޑިޔާގައި ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އަދި ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ގިނަ ވެބްސައިޓުތަކުގައި އެ ހަބަރު ވަނީ ޖަހާފަ އެވެ.

މަޓާޓޯ އިން ބުނީ ޓްރެވަލް އެވޯޑު ބާއްވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ގުޅިގެން ކަމަށެވެ. މި އެވޯޑު ދިނުމުގެ ހާއްސަ ރަސްމިއްޔާތު އޮންނާނީ ކޮކޯ އައިލެންޑް ބޮޑުހިތި ރިސޯޓުގައި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުގެ ގޮތުގައި ދެކޭ މަޓާޓޯ ޓްރެވަލް އެވޯޑުގެ 35 ކެޓަގަރީ އަށް 100 އަށްވުރެ ގިނަ ފަރާތުން ވަނީ ނޮމިނޭޓްވެފަ އެވެ. މި އަހަރު އާ ކެޓަގަރީތަކުން ވެސް އެވޯޑު ދޭނެ އެވެ. ރާއްޖޭގައި ފުޅާވަމުން އަންނަ ގެސްޓް ހައުސް ތަކަށް ހާއްސަކޮށްގެން ވެސް އެވޯޑެއް ދޭނެ ކަމަށް މަޓާޓޯއިން ބުނެ އެވެ.

މަޓާޓޯ ޓްރެވަލް އެވޯޑަކީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުން އަންނަ އެވޯޑެކެވެ. އަދި މިހާރު މި އެވޯޑު ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ އެވޯޑަކަށް ވެފަ އެވެ.