ހަބަރު

ކްލިކް ކޮލެޖުން މަތީ ތައުލީމުގެ 13 ކޯހެއް ތައާރަފްކޮށްފި

ކްލިކް ކޮލެޖުގެ ފަރާތުން އެކި ދާއިރާތަކުން އަލަށް މަތީތައުލީމުގެ 13 ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.

ކްލިކް ކޮލެޖު ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފައުންޑޭޝަން ސްޓަޑީސް ސެޓްފިކެޓް ލެވެލް ތިނެއް އަދި ހަތަރެއްގެ ނުވަ ޕްރޮގްރާމެއް ތައާރަފް ކޮށްފައި ވެއެވެ. އެގޮތުން ތައާރަފް ކޮށްފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި އާލީ ޗައިލްޑްހުޑް އެޑިއުކޭޝަނާއި އެޑިއުކޭޝަން މެނޭޖްމަންޓާއި ބިޒްނަސް މެނޭޖްމަންޓާއި ބޭންކިން އެންޑް ފައިނޭންސް ހިމެނެ އެވެ. އަދި ސޯސަލް ސާވިސް އާއި މާކެޓިން އާއި ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އިތުރުން ޓްރެވަލް އެންޑް ޓޫރިޒަމް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ޕްރޮގްރާމުތައް ވެސް ހިމެނެ އެވެ.

މީގެއިތުރުން އެޑްވާންސް ޑިޕްލޮމާ ލެވެލް އިން އަލަށް ތައާރަފް ކޮށްފައިވަނީ އިނގިރޭސިވިލާތުގެ އޭސީސީއޭ ޕްރޮގްރާމްގެ ސްކިލްސް ލެވެލް ކޯހެކެވެ. އަދި ޑިގްރީ ލެވެލް އިން އަލަށް ތައާރަފް ކުރި ދެ ކޯހަކީ އެއީބެޗްލާރސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ މޯބައިލް އެޕްލިކޭޝަން ޑިވެލޮޕްމަންޓާއި ބެޗްލާރސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ގްރެފިކްސް އެންޑް މަލްޓިމީޑިއާ އެވެ.

މި ރަސްމިއްޔާތުގައި ކްލީކް ކޮލެޖު ގެ ވައިސް ޕްރެސިޑެންޓް ހަސަން އަބުދުﷲ ސައީދު ވިދާޅުވީ، ކްލިކް ކޮލެޖްގައި ގިނަ ދުވަސްތަކެއް ވަންދެން ހިންގާފައިވަނީ ބޭރުގެ ޔުނިވާސިޓީތަކުގެ ނުވަތަ އެސޯސިއޭޓްސްތަކުގެ ޕްރޮގްރާމުތައް ކަމަށާއި ލިބިފައިވާ ތަޖުރިބާގެ އަލީގައި މިއަދު މިވަނީ އަމިއްލަ ޕްރޮގްރާމުތަކެއް ތައާރަފްކޮށް އިފްތިތާހު ކޮށްފައި ކަމަށެވެ. އަދި ފައުންޑޭޝަން ލެވެލްގެ ޕްރޮގްރާމުތަކުގެ ސަބަބުން ސުކޫލް ތައުލީމު ނިންމާ ވީހާވެސް ގިނަ ކުދިންނަށް މަތީތައުލީމަށް ވަނުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އަބުދުﷲ ސައީދު ވިދާޅުވި އެވެ.

އަބުދުﷲ ސައީދު ވިދާޅުވީ ފައުންޑޭޝަން ކޯސްތަކުގެ އިތުރުން އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވާ ޑިޕްލޮމާއާއި ޑިގްރީ އަދި މާސްޓާސް ލެވެލެގެ ޕްރޮގްރާމުތައް ފަރުމާކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އަންނަ އަހަރު މާޗް އަދި މޭ މަހުގައި އޭގެ ތެރެއިން ގިނަ ކޯސްތަކެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި އަލަށް ތައާރަފްކުރާ ގިނަ ޕްރޮގްރާމުތަކެއް ހިމެނޭނެ ކަމަށާއި އެ ޕްރޮގްރާމުތަކުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އަބުދުﷲ ސައީދު ވިދާޅުވި އެވެ.

"މި ކޯސްތައް ފަރުމާކުރުމުގައި ވަނީ ޔޫކޭ އޮސްޓްރޭލިޔާ އަދި މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ހިންގާ ކޯސްތަކާއި ޕްރޮގްރާމުތަކާއި، އެ ކޯސްތައް ޑިޒައިން ކުރެވިފައިވާ ގޮތާއި، އެ ކޯސްތަކުގެ ސަބަބުން ދަރުވަރުން ވަޒީފާގެ ދާއިރާއަށް ވާގިވެރިވާނެ ގޮތާއި މެދު ދިރާސާ ކުރެވިގެން،" އަބުދުﷲ ސައީދު ވިދާޅުވި އެވެ.

އަލަށް ތައާރަފް ކުރެވުނު މި ކޯސްތައް އިއްޔެ ވަނީ ކްލިކް ކޮލެޖުގައި ކިޔަވާދޭން ފަށާފަ އެވެ. އަދި މި ކޯސްތަކަށް ކުރިމަތިލުން މިމަހުގެ 24 ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލެވިފައިވާ ކަމަށެވެ.