ހަބަރު

މުޅި ރާއްޖެ ސާފުކުރުމުގެ ބޮޑު ހަރަކާތްތަކެއް ފަށައިފި

ބައިނަލްއަގުވާމީ 'ކޯސްޓަލް ކްލީން އަޕް ޑޭ" ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓްތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ހުޅުމާލޭގައި މިއަދު ފެށި ސާފުކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޮ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަބްދުﷲ ޒިޔާދެވެ. އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) އިސްނަގައިގެން އެއް ހަފުތާގެ މުއްދަތަށް ހިންގާ ހަރަކާތެކެވެ. އީޕީއޭއިން ބުނީ ކޯސްޓަލް ކްލީން އަޕް ޑޭ ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ހޭޅިފަށާއި ގޮނޑުދޮށާއި މޫދު އަދި ވަށައިގެންވާ ސަރަހައްދުތައް ރައްކާތެރިކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށެވެ.

މިއަދު މި ފެށުނު ހަރަކާތުގައި ސަރުކާރުގެ އިދާރާތަކުންނާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އިތުރުން އެމްއެންޑީއެފް އަދި ސްކޫލްތަކުންނާއި ޖަމިއްޔާތަކާއި އާންމުން ބައިވެރިވެއެވެ.

އަދި މާލޭގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަވިސް ގުޅިގެން މާލޭގެ ފަޅުތެރެ ސާފުކުރުމުގެ ޕްރޮގްރާމަކާއި ސޭވް ދަ ބީޗްގެ ފަރާތުން ވިލިމާލެ ހޭޅިފަށާއި ގޮނޑުދޮއް ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެމްއެންޑީއެފް އޭރިއާތައް ނިސްބަތްވާ ރަށްތަކުގައި އެ ހަރަކާތްތައް ކުރިއަށްދާއިރު އެ އޭރިއާތަކުގައި މަސައްކަތް ކުރާ ސިފައިން އަމަލީ ގޮތުން ބައިވެރިވާނެއެވެ.

އީޕީއޭ އިން ބުނީ އެ ޕްރޮގްރާމް މިއަހަރު ކުރިއަށް ގެންދަނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސްކޫލްތަކާއި ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާތަކާއި އާއްމު ރައްޔިތުން ގުޅިގެން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައިހެން އެ ހަރަކާތް މިއަދު ކުރިއަށްދާ ކަމަށެވެ. އަދި މި މަހު 17 އިން 20 އަށް އެ ހަރަކާތާއި ބެހޭ މައުލޫމާތާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މީޑިޔާ މެދުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ސްކޫލްތަކުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.