މިޔަންމާގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެ ކަމުގެ އަނިޔާ ލިބެމުންދާ ފަރާތްތަކުގެ މަންޒަރުތައް ބްރޯޑްކާސްޓް ކުރާއިރު އެ ފަދަ މަންޒަރުތައް ބްރޯޑްކާސްޓްކުރަން ކަނޑައެޅިފައިވާ މިންގަޑުތަކާ ޚިލާފަށް ބައެއް ޗެނެލްތަކުން ބްރޯޑްކާސްޓްކުރާ ކަމަށާއި އެ މިންގަނޑަށް ސަމާލުވުމަށް ބްރޯޑްކޮމް އިން ގޮވާލައިފި އެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ ހަތަރެއް ގައި ބަޔާންކޮށްފައި ވަނީ، ގައުމަށާއި މީހުންނަށް ދިމާވާ ހިތާމަވެރި ހާދިސާތަކާއި ގުދުރަތީ ކާރިސާތަކާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގައި އެ ކޯޑުގެ ދަށުން އެކުލަވާލާފައިވާ "ގުދުރަތީ ހާދިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން" އަށް ރިއާޔަތްކުރަން ވާނެ ކަމަށެވެ.
"... އެފަދަ ހާދިސާތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބިފައިވާ މީހުންނާއި އެކި ގޮތްގޮތުން އަސަރުކޮށްފައިވާ މީހުންގެ ކޮންޓެންޓް އިންސާނީ ގަދަރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ގެނެސްދިނުމާއި ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތަކާބެހޭ ކޮންޓެންޓް ހުށަހެޅުމުގައި މި ފަދަ ހާދިސާތަކުގައި ވިކްޓިމައިޒްވެފައިވާ ފަރާތްތަކުގެ ކޮންޓެންޓް އެ ފަރާތްތަކުގެ ޒާތީ ކަންކަން ރައްކާތެރިކުރެވޭ ގޮތަށް ގެނެސްދިނުމާއި ޤުދުރަތީ ކާރިޘާތަކާއި ހިތާމަވެރި ހާދިސާތަކުގައި މަރުވާ މީހުންނާއި ގެއްލިފައިވާ މީހުންނާއި އަނިޔާވެ އަދި ޒަޚަމުވާ މީހުންގެ ނަން ނުވަތަ އެއީ ކާކުކަން އެނގޭނެ މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމާއި ޤުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތަކުގެ ކޮންޓެންޓް ރިޕީޓްކުރާއިރު ހިތާމައާއި ހިތްދަތިކަން އަދި އުފެދިފައިވާ ބިރުވެރިކަން އިތުރުނުވާ ގޮތަށް ގެނެސްދިނުން ހިމެނެއެވެ." ބްރޯޑްކޮމްގެ ބަޔާނުގައި ވެއެވެ.
އަދި ބުނެފައި ވަނީ ބްރޯޑްކާސްޓްކުރުކުމުގެ ގަވާއިދުގެ 32 ވަނަ މާއްދާގައި ވާގޮތުގެ މަތީން މިފަދަ މަންޒަރުތައް ގެނެސްދޭއިރު ބެލުންތެރިންގެ ސަމާލުކަމަށް ގެނެސްދިނުމަށްޓަކައި އެކަން އަންގައިދޭ މެސެޖެއް މިފަދަ ކޮންޓެންޓް ގެނެސްދިނުމުގެ ކުރިން ފޮނުވަންވާނެ ކަމަށެވެ.