ހަބަރު

ނަސްލު ނައްތާލުމާ ދެކޮޅު މައްސަލައަށް ރާއްޖެއިން ވޯޓު ނުދިނުމަކީ ލަދެއް: މައުމޫން

ހަނގުރާމައިގެ ކުށްތަކާއި ނަސްލުނައްތައިލުމާއި އިންްސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމާ މެދު އދ.ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަނުގައި ބަހުސް ކުރުމަށް ހިމެނުމަށް އޮސްޓްރޭލިއާއާއި ގާނާއިން ހުށަހެޅި އައިޓަމް އެޖެންޑާގައި ހިމަަނަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޮހިންޔާ މުސްލިމުންނަށް ކުރަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަމްދަރުދީ ފޮނުވަމުންދާއިރު ރާއްޖެއިން އދ ގައި ނެގި ވޯޓްގައި ރާއްޖެއިން ބައިވެރި ނުވުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި ރެެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް (އާރްޓޫޕީ) އަކީ ރޮހިންޔާ މުސްލިމުންނަށް ކުރަމުންދާ އަނިޔާ ހުއްޓުވުމަށް ވަރަށް މުހިންމު އެޖެންޑާ އެއް ކަމަށާއި އދ. ގައި ބައިވެރިވި ވަޒީރުންނަށް އެކަން ނުވިސްނުމަކީ ލަދުވެތި ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

އދ. ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަންގައި ބަހުސް ކުރުމަށް ސަޕްލިމެންޓްރީ އައިޓަމެއްގެ ގޮތުގައި އާރްޓޫޕީ ހިމަނަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމުން، އެއި ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ހައްގުގައި ލީ ވޯޓެއްގައި ބައިވެރި ނުވުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ. ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ ރާއްޖެއިން ހާރިޖީ ސިޔާސަތު އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމަށާއި އެ ވޯޓްގައި ބައިވެރި ނުވުމަކީ ރޮހިންޔާ މުސްލިމުންނަށް އަޅާ ނުލުން ކަމަށެވެ.

ރާއްޖޭން ބައިވެރި ނުވިޔަސް އެ އައިޓަމް އެޖެންޑާގައި ހިމަަނަން 117 ގައުމެއްގެ ވޯޓާއި އެކު ވަނީ ފާސްކޮށްފައެވެ. އެ އައިޓަމް ހިމަނަން ނުފެންްނަން ކަމަށް ވޯޓް ދީފައިި ވަނީ ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޗައިނާއާއި ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ނަސްލު ގައުމުން ފުހެލަން އުޅޭ މިޔަންމާއާއި މިސްރާއި އިކުއެޑޯއާއި ބޮލީވިއާ އެވެ. ރައްޔިތުންނާ ދެކޮޅަށް ތަކުރާރުކޮށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ސޫރިޔާއިން ވެސް ވަނީ އެކަމާ ދެކޮޅަށް ވޯޓް ދީފައެވެ. ޒިމްބާބްވޭއާއި ވެނެޒުއޭލާއިން ވެސް ބުނެފައި ވަނީ ނޫނެކޭއެވެ. ޗައިނާއާ އެންމެ އެކުވެރި ރަޝިޔާއާއި އުތުރުކޮރެއާއިން ވެސް ވޯޓްދީފައި ވަނީ އައިޓަމް ހިމަނަން ނުފެންނަ ކަމަށެވެ.