ހަބަރު

މޫސުން ގޯސްވެ ކުޅުދުއްފުށީގައި ތާރުއެޅުމަށް ބުރޫއަރާފައި

މޫސުން ގޯސްވުމުގެ ސަބަބުން ހދ. ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދާ ކަމަށް އެމްއާރްޑީސީން ބުނެފި އެވެ.

އެމްއާރްޑީސީން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް އެންމެ އެދެވޭ ގޮތަކަށް ކުރިއަށް ނުދާ ކަމަށާއި މޫސުން އެއްކޮށް ރަނގަޅުވުމުން ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަަމަށެވެ. އަދި އެރަށުގެ ފަނޑިޔާރުމަގުގައި ތާރައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ފުރަތަމަ ތާރުއަޅަން ފެށި މަގާން މަގުގެ މަސައްކަތް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ނިންމާ ލެވޭނެ ކަމަށް އެމްއާރްޑީސީން ބުންޏެވެ.

ކުޅުދުއްފުށީގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން އެރަށުގެ 18 މަގެއްގައި 5.8 ކިލޯމީޓަރުގެ ތާރުއަޅަ އެވެ. މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެ އެވެ. އަދި އެ މަޝްރޫއުގެ ދަށުން އެރަށު މަގުތަކުގައި ފެންބޮޑުވާން ދިމާވެފައިވާ މައްސަލަ ހައްލުކުރަން ދެ ޕަމްޕް ސްޓޭޝަން ބަހައްޓަން ހަމަޖެހިފައި ވެއެވެ.

ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ 15 ވަރަކަށް މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެ އެވެ. އޭގެތެރެއިން ގިނަ މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ.