ހަބަރު

މަޑުއްވަރީ މީހާ ހޯދަން ވައިގެ މަގުން މަސައްކަތް ފަށައިފި

މ. މަޑުއްވަރީން އިއްޔެ ގެއްލުނު މީހާ، ވައިގެ މަގުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ. މޫދަށް ގޮސް އުޅެނިކޮށް އިއްޔެ ގެއްލިފައިވަނީ މަޑުއްވަރީ ގުލްޝަންވާދީ އުމުރުން 91 އަހަރުގެ އިބްރާހީމެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، ގެއްލުނު މީހާ ހޯދަން އެންއެންޑީއެފްގެ ކުރަންގި ހެލިކޮޕްޓަރު މިއަދު ހެނދުނު 8:00 އިންް ފެށިގެންް ހަރަކާތްތެރިވާ ކަމަށެވެ. އަދި ކޯސްޓްގާޑްގެ ޑައިވިން ޓީމާއި އުޅަނދުވެސް އިބްރާހީމް ހޯދުމުގެ މަސައްކަތް ކަނޑުމަގުން ބަލަމުންދާ ކަމަށް މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

މޫދަށް ގޮސް ފައިގައި ވެލިމޮޑެން އިންދާ އެރަށު ބައެއް މީހުންނަށް ފެނިފައިވީ ނަމަވެސް އޭގެ ފަހުން އެއްވެސް މީހަކަށް އޭނާ ފެނިފައެއް ނުވެ އެވެ. ފެނިފައިވަނީ އިބްރާހީމް އޭރު ލައިގެން ހުރި މުންޑެވެ. މުންޑު ފެނިފައިވަނީ ހުޅަނގު ފަރާތުން އެއްގަމާއި 12 ވަރަކަށް ފޫޓު ދުރުން މޫދުންނެވެ. އިބްރާހިމް ގެއަށް އައުން ލަސްވެެގެން އާއިލާއިން ކައުންސިލަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 9:30 ހާއިރެވެ.

އިބްރާހީމް އިއްޔެ ގެއްލުމާއެކު ރަށުގެ ރައްޔިތުންނާ ކައުންސިލް ގުޅިގެން އޭނާ މޫދަށް ގޮސް އުޅުނު ހިސާބު މޫދާއި އެއްގަމު އެއްކޮށް ބަލާފައި ވެއެވެ. އިބްރާހީމް ހޯދުމުގެ މަސައްކަތުގައި ހަ ދޯނިވެސް ހަރަކާތްތެރިވި އެވެ.