ހަބަރު

ފްލެޓް ލިބުނު މީހުންގެ ނަން ހާމަ ކުރަން މުއިއްޒު ދުލެއް ނުދިން

Sep 18, 2017
17

ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ތެރެއިން މާލޭގެ ދެ ކެޓަގަރީއަށް ފޯމު ހުށަހެޅި ފަރާތްތަކަށް ދިން ޕޮއިންޓުތައް ވާނީ އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅަށް ބެލުމަށް ފަހު އިސްލާހުކޮށްފައި ކަމަށާއި ނަމަވެސް އެ މައުލޫމާތުތަކާއި ފްލެޓު ލިބުނު ފަރާތްތަކުގެ ނަންތައް ދެން ވެސް ހާމަ ކުރަން ގަސްތެއް ނުކުރާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާލެއިން އަލަށް އިއުލާން ކުރި 661 ފްލެޓު ލިބުން ފަރާތްތަކުގެ މައުލޫމާތު ހާމަ ނުކުރުމާއި މަދުން ޕޮއިންޓު ލިބުނު ފަރާތްތަކަށް ވެސް ފްލެޓު ލިބިފައިވާ ކަމުގެ ޝަކުވާ ބޮޑުވެ ފާޑު ކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލައަށް އިޝާރާތް ކުރައްވާ ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ފްލެޓުތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ކުރިން ފޯމުތައް ހުށަހެޅި ފަރާތްތަކުގެ މައުލޫމާތުތައް ރަނގަޅަށް ބަލާ އެތަށް ފަހަރެއްގެ މަތިން ޗެކްކޮށްފައިވާ ކަމަށެވެ. އަދި ގެދޮރުވެރިކަން ދެވެނީ ނިކަމެތިކޮށް ދިރިއުޅޭ ފަރާތްތަކުގެ ޒާތީ ދިރުއުޅުމުގެ މައުލޫމާތުތަކަށް ބަލާފައި ކަމަށާއި އެހެންކަމުން ފްލެޓު ލިބުނު މީހާގެ ވަނަވަރުތައް ހާމަ ކުރުމުން އެ މީހާ ދިރިއުޅުމުގެ ހާލަތު އާންމުވެ އެ މީހެއްގެ ހައްގުތަކަކަށް އަރައިގަނެވޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފްލެޓު ލިބުނު ފަރާތްތަކުގެ ނަންތައް އާންމު ނުކުރުމަކީ އެކަން އޮންނަ ޖެހޭނެ އެންމެ ރަނގަޅު ގޮތް، އެހެންވެ އަޅުގަނޑުމެން ގަސްތެއް ނުކުރަން ދެން ވެސް އެ ނަންތައް އިއުލާން ކުރާކަށް، އެހެންނަމަވެސް އެ ފަރާތްތަކާ ލިޔުން ހަވާލު ކުރެވި އެތަނުގައި ދިރިއުޅެން ވެސް ފަށާނެ، އެހެންވީމަ ނަންތައް ހާމަ ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެހާ ތަހުޒީބީ ކަމެއް ނޫން، ހަމަޖެހޭ ދެކޮޅު ޖެހޭ އަދި މާނަ ހުރި ކަމެއްވެސް ނޫން، އެހެންވެ އެކަން އެ ދިޔައީ ވަރަށް އިންސާފުވެރިކަމާއެކު ކުރިޔަށް ގެންދަން،" މުއިއްޒު ވިދާޅުވި އެވެ.

ފްލެޓު ލިބުނު ފަރާތްތަކުގެ ނަން ހާމަ ނުކުރާ މައްސަލާގައި ގިނަ ނޫސްވެރިން ވަނީ ތަކުރާރުކޮށް އެ ސުވާލު މިނިސްޓަރާ ކުރައްވާ ދެފުށް ފެންނަ ގޮތަށް ނުކުރީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް މިނިސްޓަރު ހުރިހާ ސުވާލަކަށް ވެސް ދެއްވީ އެއް ޖަވާބެކެވެ. އަދި ކުރިޔަށް ހާމަ ކުރާ ލިސްޓުތަކުގައި ވެސް ނަންތައް ހާމަ ނުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފްލެޓުތަކަށް އެދި ފޯމުތައް ހުށަހެޅި ފަރާތްތަކަށް އެ ވަގުތު ދީފައިވާ ސްލިޕުތަކުގައިވާ ޕޮއިންޓަކީ ފޯމުގައި ހުރި މައުލޫމާތުތައް އެކަނި ބަލައިގެން ދޭ ޕޮއިންޓުތަކެއް ކަމަށާއި ނަމަވެސް އިތުރަށް ބެލުމަށް ފަހު އެ ޕޮއިންޓުތައް އިސްލާހު ކުރާނެ ކަމަށް ސްލިޕްގައި ވެސް ލިޔެފައިވާނެ ކަމަށެވެ. އެއަށް ފަހު ފޯމުގައިވާ މައުލޫމާތުގެ ސައްހަކަށް ބެލުމަށް ކުރި ގޭގެއަށް ގޮސް މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލިއިރު ފާހަގަވެފައި ވަނީ ގިނަ ފަރާތްތައް ހުށަހަޅާފައިވާ މައުލޫމާތާއި ދިރިއުޅުމުގެ އަސްލު ހާލަތާ ދިމާ ނުވާ ކަމަށާއި ބައެއް ފަރާތްތަކުން މައުލޫމާތުތަކުގެ ހަގީގަތް އޮޅުވާލާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓުގެ ގޮތުގައި ހުރިތަންތަން އެއްކޮޓަރިއާއި ސިޓިން ރޫމެއް ގޮތުގައި ބަޔާންކޮށްގެން ޕޮއިންޓު އިތުރަށް ލިބޭ ގޮތަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށާއި ބައެއް ފަރާތްތަކުން ފޯމުގައި ބުނެފައިވާ އަކަފޫޓާ ވެސް ދިމާ ނުވާ ކަމަށެވެ. އަދި ބެލެނިވެރިންއެކީ ގައި ދިރިއުޅޭ ކަމަށް ބުނެ ވަކިން ދިރިއުޅޭ ހާލަތްތައް ވެސް ދިމާވި ކަމަށާއި އަދި ޕޮއިންޓު އިތުރު ކުރުމަށް ދޮން ދަރިންނަކީ ދަރިންގެ ގޮތުގައި ހިމަނާފައިވާ ކަމަށެވެ. އޭގެ އިތުރުން މާލޭގެ ގިނަ ދުވަހު އުޅުނުކަން ހާމަ ކުރުމުގެ ގޮތުން ހަގީގަތާ ހިލާފަށް ގިނަ ސިޓީތަކެއް ވެސް ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ކިތަންމެ ގޯސްކޮަށް ކުރައްވާފައިވާ ކަމެއް ނަމަވެސް އެކަން ކުރައްވަނީ ގެދޮރު ބޭނުންވާނެތީ، ހުރިހާ ރައްޔިތުން ވެސް ގެދޮރު ބޭނުންވާނެ، އެއީ އެންމެ އަސާސީ ކަންތައް ކަމުން އޭގެ މުހިންމުކަން ބޮޑު ކަމުން އެ ގޯސްކަންތައް ވެސް ކުރައްވާފައި މި ވަނީ، އަޅުގަނޑުމެން އޭތި އަންޑަސްޓޭންޑްވޭ، އެހެންވިޔަސް ދެއްވަން ޖެހޭނީ ތެދު މައުލޫމާތު، އަޅުގަނޑުމެން ޔަގީންކަން މި ދެނީ މި ސަރުކާރުން ހައުސިން ޔުނިޓު ބިނާކޮަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ޕޮއިންޓުތައް އިސްލާހު ކުރި ގޮތުގެ މައުލޫމާތެއް ވެސް ހާމަ ނުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބައެއް ގެތަކަށް ސާވޭ ކުރަން ނުދެވޭ ކަމަށް ބުނާ ޝަކުވާތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ގެތަކަށް ނުދެވުނީ އެތަށް ފަހަރުގެ މަތިން އިއުލާންކޮށް ފޯނު ނަމްބަރު ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު ވެސް އެކަން ހަމަޖެހޭ ގޮތް ނުވުމުން ކަމަށެވެ.

އެ މައްސަލަތައް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިފައިވާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެއީ އެ މިނިސްޓްރީން ވަރަށް އުފާ ކުރާ ކަމެއް ކަމަށެވެ. އަދި އޭސީސީން އެ މައްސަލަ ތަހުގީގުކޮށްފި ނަމަ ފްލެޓުތައް ދިނުމުގެ މަސައްކަތްކޮށްފަައި ހުރި ރަނގަޅުކަން ހާމަވެގެންދާނެ ކަމަށާއި އެކަން ތަހުގީގު ކުރުމަށް މަރުހަބާ ކިޔާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.