ޑރ. މުހައްމަދު މުއިއްޒު

އާ މަޖިލީހާއެކު ނޫސްތަކަށް އިނާޔަތެއް ދެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މިސަރުކާރުން ވައުދުވެފައިވާތީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު އެކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތަކާއި ނޫސްވެރީންގެ އަގުހުރި އަދި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައި ތައުރީފް ކުރައްވާ އާންމު ކުރެއްވި ހިތާބުގައެވެ.

ދައުލަތުގެ ބަޖެޓުން ނޫސްތަކެއް އިނާޔަތެއް ދިނުމަށް މިސަރުކާރުން ވައުދުވެފައިވާތީ އެކަން ހަގީގަތަކަށް ހެދޭނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު ކަމަށް ރައީސް ވިދާޅުވެފައި މިވަނީ މިމަހުގެ 28 ވަނަ ދުވަހު ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 73 މެންބަރުންގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައިވާތީ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަން ކަމަށެވެ. އެކަމަށް ކުރިއަށް އޮތް މަޖިލީހާ އެކު ހައްލު ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާ ހިދުމަތް ވަރަށް މުހިއްމު ކަމުގައި ވިދާޅުވި އެވެ. އަދި ރެއާއި ދުވާލު ހިނގަމުންދާ ކަންކަމުގެ ހަބަރު ހޯދައި ފޯރުކޮށްދިނުމާއި މުޖުތަމައު ހޭލުންތެރިކުރުވުމާއި ސަރުކާރާ ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި ދައުލަތުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް ބުނެދިނުމާއި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ނޫސްވެރިންގެ ހުށަހެޅުންތަކާއި އުންމީދުތައް ދެނެގަނެ އެކަންކަން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

ރައީސް ވިދާޅުވީ ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި އެކި ދާއިރާތަކުން ތައުލީމާ ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި ހަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާހައުލެއް ރާއްޖޭގައި ދެމެހެއްޓުން ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ނޫސްވެރިންނާއި ނޫސްތަކުގެ ކިބައިން އެދިވަޑައިގަތީ ތެދު މައުލޫމާތު ފެތުރުމަށެވެ. އަދި ލިބޭ ކޮންމެ ހަބަރަކާމެދު ފުންކޮށް ވިސްނުމާއި ކޮންމެ ކަމެއްގެ ހަގީގަތްވެސް ހޯދައި ބެލުމަށް ސަމާލުވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ނޫސްވެރީންގެ ގައުމީ މަސްއޫލިއްޔަތާ ވާޖިބު ހެޔޮ ގޮތުގައި އިހްލާސްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށްވެސް އިލްތިމާސް ކުރައްވާފަ އެވެ. އަދި ގައުމު ބިނާކޮށް ހާލަތު ރަނގަޅުކޮށް ރައްޔިތުން އެދޭ އަމާޒަށް އުގަމު ގެންދިއުމަށް ފަށާފައި މިވާ ދަތުރުގައި ސަރުކާރާ، ނޫސްވެރީންނާ، ހިދުމަތްތެރީންނާ، ހުރިހާ ރައްޔިތުން އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަށްވެސް އެދިވަޑައިގެންނެވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910