އެމްޑީޕީ

ސަރުކާރުން ދަނީ ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަސްދުގައި މައުލޫމާތު ހިފަހައްޓައި, ސިއްރުކޮށް, މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ -- އެމްޑީޕީން ބުނެފި އެވެ.

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިން އަދާކުރަމުންދަނީ ރާއްޖޭގެ ކުރިމަގަށް ބޭނުންތެރި, މުހިއްމު މަސައްކަތްތަކެއް ކަމަށާއި އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.

"ބަސް ބުނުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހޯދުމަށް ދިވެހި އެތައް ރައްޔިތުންނަކާއި ޖެހިލުން ކުޑަ ހިތްވަރުގަދަ ނޫސްވެރިންނާ އެކު މި ޕާޓީން ކޮށްފައިވަނީ ފަހުރުވެރިވާ ފަދަ މަސައްކަތްތަކެކެވެ. އެ ކަންކަމުގެ މައްޗަށް ބިނާކޮށް މި ޕާޓީގެ ދެ ވެރިކަމުގައި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދެވުނެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިވެހި ނޫސްވެރިން މިއަދު ބައްދަލުކުރިއިރު ނޫސްވެރިކަމުގެ ކުރިމަގާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށވެ. އެގޮތުން ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކްކޮށް ހިޔާލު ފާޅުކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށާއި ނޫސްވެރިންނަށް ފުރިހަމައަށް މައުލޫމާތު ދިނުމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓައި, ސިއްރުކޮށް, މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް މި ޕާޓީން ގަބޫލުކުރަމެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ފާއިތުވި ދުވަސްތަކުގައި ނޫސްތަކަށާއި, ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އެފަދަ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށްވެސް އެމްޑީޕީން ވަނީ ކަމާ ގުޅޭ އިދާރާތަކަށް ގޮވާލާފަ އެވެ.

އެމްޑީޕީން ބުނީ ލިބެމުންދާ އިންޒާރުތަކާއި ސަރުކާރުން އަޅަމުންދާ ހުރަސްތަކާ އެކު ވެސް ރައްޔިތުންނަށް ތެދު ހާމަކޮށްދިނުމުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ ދިވެހި އެންމެހާ ނޫސްވެރިންނަށް އެމްޑީޕީން ޝުކުރު އަދާކުރާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް ނޫސްވެރިން ވަރުގަދަ ނޫސްވެރިކަމެއް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްޑީޕީން ގަބޫލުކުރަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް ކަމަށާއި އެގޮތަށް ކަންކަން ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔާތުގައި މި ޕާޓީ ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ." ބަޔާނުގައިވެ އެވެ.