ހަބަރު

"ލިބުނު ރައްކާތެރިކަމުގެ ފައިދާ ލިބެނީ އެކަން ނަގައިލި މީހުނަށް"

ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތުން އެންމެ ބޮޑު ފައިދާއެއް ކުރަނީ ރައްކާތެރިކަން ނަގައިލި މީހުންނަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ވައި 18 ސްޕޯޓްސް ފިއެސްޓާ" ގެ ނަމުގައި ޕީޕީއެމުން ބާއްވާ ކުޅިވަރު އީދު ފެށުމަށް ރޭ އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ ރާއްޖޭގައި މަގުމަތީގެ އަމާން ކަން މިއަދު ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް އެބަ އޮތް ކަމަށެވެ. އެ ސަލާމަތާއި ރައްކާތެެރިކަން "ހަލާކުކޮށްލި" ބައެއްގެ ގޮތުފައި ރައީސް ޔާމީނު ސިފަކުރެއްވީ ވަކި މިވެނި ބޭފުޅުންތަކެއް ކަަން ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް އެ ވާހަކަފުޅު ކުރީގެ ބައެއް ރައީސުންނަށް އަމާޒުވެއެވެ.

"އެމީހުންނަށް ހަމަ ގައިމުވެސް މި ސަރުކާރު މިއޮތްހާ ދުވަހަކު އެމީހުންނަކަށް ފުރައްސާރައެއް ނުކުރޭ އެމީހުންގެ ގޭގޭ ދޮށަކަށް މީހުން އެއްވެ ކަންކަމެއް ނުކުރޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލިބިފައިވާ އަމާންކަމާއި ސަލާމަތްކަމުގެ އުފާ ހާސިލުކުރަން ނުވަތަ އެ ކަންކަން ނަގައިލަން ތިބި ބަޔަކީ ވެސް ޒުވާނުން ކަމަށާއި އެހެން ކަމުން ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ. އެފަދަ ބައެއް ކަންކަން ވެސް ރައީސް ވިދާޅުވެ ދެއްވިއެވެ.

"އެއީ ޒުވާނުންނަށް ޖާގަ ހޯދައި ދިނުން، ޒުވާނުންނަކީ ކޮންބައެއްކަން ދެނެގަތުން، އަދި ޒުވާނުންގެ ބޭނުންތަކަކީ ކޮބައިތޯ ދެނެގަތުން އަދި ޒުވާނުން އަދި ޒުވާނުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމަކީ ކިހާވަރެއްގެ ކަމެއްކަން ޒުވާނުންނަށް ވެސް ވިސްނައި ދިނުން،" ރައީސް ވިދާޅުވިއެވެ.

ކުޅިވަރު އީދެއް ފެށުމުގެ ރަސްމިއްޔާތަކަށް ވިޔަސް ރޭގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ވަނީ ސަރުކާރު ދިފާއު ކުރައްވާ އިދިކޮޅު ފަރާތްތަކުގެ ބައެއް ވާހަކަ ތަކަށް ރައްދު ވެސް ދެއްވާފަ އެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާ ބަޖެޓުން ކުރާ ކަމެއް ނުފެންްނަ ކަމަށް ބުނާ ބުނުމަށް ވެސް ރައްދު ދެއްވިއެވެ.

ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރު ބާރު ދުވެލީގައި ކުރިއަށް ދާ ކަމަށާއި އެކަން އެގޮތަށް ދިމާވަނީ ބަޖެޓްގައި ޖަހާފައިވާ ކޮންމެ ފައިސާ ފޮއްޗެއް ވެސް އޭގެ އެންމެ ރަނގަޅު ގޮތުގައި ހޭދަ ކުރެވޭތީ ކަމަށެވެ.

"ކުރީގައި ހުންނަ ކަހަލަ ކްރިޓިކަލް ކޮމެންޓުތަކެއް އެއިން މިހާރު ނުފެނޭ، އޭގެ ބަދަލުގައި މިހާރު ފެންނަނީ އެބަ އޯވަ ހީޓްވެޔޭ، އިގްތިސޯދު އަތް ނުފޯރާ ހިސާބަށް އެބަދެޔޭ، ހަރަދު ކުރުމަށް ބަލައިލާށޭ، ނޫނިއްޔާ މުދަލުގެ އަގު މަތިވެގެން ހިނގައިދާނެއޭ، އެކަަމަކު މުދަލުގެ އަގު މަތިވެގެން ދިއުމަކީ ނުވަތަ އިގްތިސޯދު ހީޓު ވުމަކީ އޭގެ ޒާތުގައި ޕޮޒިޓިވް ކަމެއް، އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން، ކޮންމެ ބަޔަކު އައިސް ރިޕޯޓް ލިޔާއިރުވެސް ލިޔާނީ އެކަހަަލަ ވާހަކަތަކެއް، އިގްތިސާދު އެބަ ވަރަށް ބާރަށް ކުރިއަށް ދެޔޭ، ހަމައެކަނި ތި ބަރޯސާވަނީ ޓޫރިޒަމަށޭ، މި ނޫން އެހެން ކަމެއް ކުރެވޭތޯ ބަލާށޭ، އެކަމަކު ޓޫރިޒަމް ނޫން އެހެން ކަމެއް ބަލާތާ މިހާރު 30 އަހަރު ވީ، އިރާދަކުރެއްވިއްޔާ ޓޫރިޒަމަކަށް ބަރޯސާވެގެން އަޅުގަނޑުމެންނަށް އަދި ކެއްސެއް ވެސް ނުލިބޭ،" ރައީސް ވިދާޅުވި އެވެ.