ހަބަރު

އެސްޓީއޯ މުއައްޒަފުންގެ އެއްދުވަހުގެ މުސާރަ ރޮހިންޔާއަށް

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެސްޓީއޯ އަދި އެސްޓީއޯ ސަބްސިޑިއަރީ ކުންފުނިތަކުގެ ހުރިހާ މުއައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޔާ މުސްލިމުންނަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

އެސްޓީއޯ މައި އިމާރާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެސްޓީއޯ އަދި އެސްޓީއޯ ސަބްސިޑިއަރީ ކުންފުނިތަކުގެ މުއައްޒަފުންނާއި މެނޭޖްމަންޓްގެ ފަރާތުން ފަންޑް ފޮށި ބަހައްޓަން އެދެމުންދާ ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކުގެ އެދުމުގެ މަތިން މިއަދުން ފެށިގެން ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފަންޑްފޮށި ބަހައްޓައި ފަންޑް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ މިއަދު ބަހައްޓާ ފަންޑް ފޮއްޓަށް މުއައްޒަފުން އިތުރަށް ރުފިޔާ ހަދިޔާ ކުރަން ބޭނުންނަމަ އެފުރުސަތު ވެސް އޮންނާނެ ކަމަށާއި ކަސްޓަމަރުންނާއި ސަޕްލަޔަރުންވެސް މި ފަންޑަށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ހިންގާ ހަރަކާތް ނިންމުމަށް ޕީއެސްއެމްގެ ފަރާތުން ޓެލެތޯނެއް ބާއްވާނެ ކަމަށާއި އެ ޓެލެތޯނުގައި ފަންޑްފޮށްޓަށް ލިބިފައިވާ ފައިސާ ހަދިޔާ ކުރެވޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

"ސަރުކާރުން ގައުމީ މަސައްކަތެއްގެ ގޮތުގައި ހިންގާ ކޮންމެ ކަމެއްގައި އެސްޓީއޯއިން ބައިވެރިވާނަން، އެގޮތުން އެސްޓީއޯ އަދި އެސްޓީއޯ ސަބްސިޑިއަރީ ކުންފުނިތަކުން ނިންމާފައިވަނީ ހުރިހާ މުއައްޒަފުންގެ އެއް ދުވަހުގެ މުސާރަ ފަންޑް ފޮށްޓަށް ހަދިޔާ ކުރުމަށް،" ޝަހީރު ވިދާޅުވި އެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ހިންގާ ހަރަކާތުގައި ގިނަ ކުންފުނިތަކުން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން އެމްއާރްޑީސީން ވެސް ވަނީ އެކުންފުނީގެ ހުރިހާ މުއައްޒަފުންގެ އެއްދުވަހުގެ މުސާރަ ރޮހިންޔާ މުސްލިމުންނަށް ހަދިޔާ ކޮށްފަ އެވެ.