ހަބަރު

އެމްޓީސީސީ އަށް އާ ޓަގްބޯޓަކާއި ބާޖެއް ގެނެސް ހިދުމަތަށް ނެރެފި

އެމްޓީސީސީއަށް އަލަށް ގެނައި ޓަގްބޯޓާއި ބާޖް އިފްތިތާހުކޮށް އޮޕަރޭޝަނަށް ނެރެފި އެވެ.

ތިލަފުށީގައިި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބާޖާއި ޓަގްބޯޓް އިފްތިތާހު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ. މިއަދު ހިދުމަތްދޭން ނެރުނު "ޓެންގޯ 9" ޓަގްބޯޓަކީ 500 ހޯސްޕަވާގެ ދެ އިންޖީނުލީ އުޅަނދެކެވެ. މިއަހަރު ތެރޭގައި ބަނދެފައުވާ ޓަގްބޯޓުގެ ދިގުމިނުގައި 73 ފޫޓް އަދި ފުޅާމިނުގައި 21 ފޫޓްގެ އުޅަނދެކެވެ. އަދި މިއާއެކު ހިދުމަތަށް ނެރުނު "ހިތަ" ބާާޖުގައި 140 ފޫޓް އަދި ފުޅާ މިނުގައި 40 ފޫޓް ހުންނަ ބާޖެކެވެ. މިއަހަރު ތެރޭ ބަނދެފައިވާ މި ބާޖުގައި 1000 ޓަނުގެ މުދާ އުފުލޭނެ އެވެ.

ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ އެގްޒެކެޓިވް ހުސެން ޒުހުރީ ވިދާޅުވީ މިއަދު ހިދުމަތްދޭން ނެރުނު ނާޖާއި ޓަގްބޯޓް ބޭނުން ކުރަން ރާވާފައިވަނީ އެމްޓީސީސީގެ ޕްރޮޖެކްޓް ސައިޓް ތަކުގައި އެއްރަށުން އަނެއް ރަށަށް މުދަލާއި ވެހިކަލާއި މެޝިނަރީސްގެ އިތުރުން ޖެޓީ ހަދަން ބޭނުން ކުރާ ބްލޮކް އުފުލުމަށް ކަމަށެވެ.

ޒުހުރީ އިތުރަށް ވިދާޅުވީ އެމްޓީސީސީގައި ނުވަ ބާޖާ ހަ ޓަގާ އެއް ލޭންޑިން ކްރާފްޓް އޮޕަރޭޝަނުގައި ބޭނުން ކުރަމުންދާ ކަމަށާއި ހަތަރު ބާޖާ ހަތަރު ޓަގް ބޭނުން ކުރަނީ އިންޓަނޭޝަނަލް އޮޕަރޭޝަން ގައި ކަމަށެވެ. އެއީ ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލަ ގެނައުމަށް ހިންގޭ އޮޕަރޭޝަނުގައި ކަމަށެވެ. އަދި ބާކީހުރި އުޅަނދުތައް ބޭނުން ކުރަމުންދަނީ ރާއްޖޭ ތެރޭގައި ހިންގާ ލޮޖިސްޓިކް އޮޕަރޭޝަންސް ތަކުގައި ކަމަށް ޒުހުރީ ވިދާޅުވި އެވެ.

"ބޭނުން ކުރަން ރާވާފައިމިވަނީ، އެމްޓީސީސީގެ ޕްރޮޖެކްޓް ސައިޓް ތަކުގައި އެއްރަށުން އަނެއް ރަށަށް މުދާ އުފުލުމާއި ވެހިކަލް އުފުލުމާއި މެޝިނަރީސް އުފުލުމަށް އަދި ޖެޓީ ހަދަން ބޭނުން ކުރާ ބްލޮކް އުފުލުމަށް ހާއްސަ ކުރެވިގެންދާނެ،" ޒުހުރީ ވިދާޅުވި އެވެ.