ހަބަރު

އިރުއޮއްސުމުގެ ކުރިން ބިލެއްފައްސަށް ކަރަންްޓް ދޭން މަސައްކަތް ކުރަނީ

ށ. ބިލެތްފަތްސަށް މިއަދު ޖަނަރޭޓަރެއް ގެންގޮސް އިރުއޮއްސުމުގެ ކުރިން އެރަށަށް ވަގުތީ ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެރަށު އިންޖީނުގެ ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ށ. ފޭދޫން 120 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއަދު އިރުއޮއްސުމުގެ ކުރިން އަސާސީ ބޭނުންތަކަށް ބޭނުން ކުރެވޭ ވަރަށް ކަރަންޓް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާރު އެރަށަށް ގެންދާ ޖަނަރޭޓަރަކީ ކުރިން ބޭނުން ކޮށްފައިވާ ޖަނަރޭޓަރެއް ކަމުން އެއްވެސް އިތުރު މައްސަލައެއް ނުޖެހޭނެ ކަމަށެވެ. އަދި ފޭދޫގައި މިހާރު ސިންކްރޮނައިޒް ޕެނަލް ބޯޑެއް ގެންދިއުމުން އެރަށުގައި ކުރިން ބޭނުން ކުރަމުންދިޔަ ޗޭންޖް އޯވާ ޕެނަލްވެސް ބިލެއްފަތްސަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މީގެ ކުރިން އެރަށަށް ގެންދަން އުޅުނީ ށ. ފޯކައިދޫގައި ބޭނުން ކުރަމުންދިޔަ ޖަނަރޭޓަރެއް، ނަމަވެސް މިހާރު ފޭދޫން ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ކުރަމުންދަނީ، އެއއީ ފޭދޫއާ ބިލެއްފައްސާ ކައިރިވާނެތީ، ފޭދޫގައި ސިންކްރޮނައިސް ޕެނަލް ބޯޑެއް ގެނައުމުން. އެރަށުގައި ކުރިން ބޭނުން ކުރި ޗޭންޖް އޯވާ ޕްނަލް ބިލެއްފަތްސަށް ގެންދަނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އުތުރުގެ ހުރިހާ އިންޖީނު ގެއެއްގައި މަސައްކަތް ކުރަމުންދާ މުއައްޒަފުން މިއަދު މެންދުރެއްހާއިރު އެރަށަށް ދާނެ ކަމަށާއި 30 ހަކަށް މުއައްޒަފުން ހިމެނޭ ތިން ޓީމެއް އެރަށަށް ދާނެ ކަމަށެވެ. އަދި އެޓީމް ތަކުން ވަގުތީ އިންޖީނު ގެއެއް އެޅުމުގެ މަސައްކަތާއި ވަގުތީ ގޮތުން މިއަދު ކަރަންޓް ދިނުމަށް ހަޓެއް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވަގުތީ އިންޖީނުގެ ހަފްތާއެއް ތެރޭގައި އެޅޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކައުންސިލާއި ވާހަކަ ދައްކައިގެން މިހާރުގެ އިންޖީނުގެ ގެއާއި ކައިރިން ނުވަތަ މަގުން ތަންކޮޅެއް ނަގައިގެން ހަޓެއް ޖަހައިގެން ކަރަންޓް ދިނުމާއި ގުޅޭގޮތުން ވާހަކަ ދެކެވެމުންދަނީ، ކުރީގެ އިންޖީނުގެއާ ކައިރިން ޖާގަ ލިބުމުން ފަސޭހަ ވެގެންދާނެ ޕެނަލް ބޯޑު ގުޅަން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އެރަށަށް ބޭނުންވާ އާ ދެ ޖަނަރޭޓަރު ހޯދުމުގެ މަސައްކަތް ޕްރޮކިއުމެންޓް އިން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މައްސަލަ ފުލުހުންނާއި ސިފައިން ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލަ ނިމުމާއެކު އަޅަންވީ ކޮން ފިޔަވަޅު ތަކެއްކަން އިނގިގެންދާނެ ކަމަށެވެ.

ބިލެއްފަހި އިންޖީނުގޭގައި ރޯވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 11:55 ހާއިރެވެ. އެ ހާދިސާގައި އެރަށު އިންޖީނުގެ ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. އަލިފާން ރޯވިިއިރު ކަރަންޓު ދީފައި ހުރީ 112 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ނެވެ. އެންމެ ފުރަތަމަ އަލިފާން ރޯވީ އެ ޖަނަރޭޓަރުގެ ޓާބޯގަ އެވެ.