ހަބަރު

ހަސަންބެ މަރާލި ދެ މީހުން އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

Apr 23, 2015
1

ނ. މާފަރު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ހަސަން އަބޫބަކުރުގެ މަރާލިކަމުގެ ދައުވާ ލިބުނު ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން މެއި، 2012 ގައި އެރަށު ހިތްފަސޭހަގޭ ހަސަންބެ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ގ. އިރުފާ މުހައްމަދު ނައުޝާދާއި ލ. އިސްދޫ އެވާލާސްޓް މުހައްމަދު ފައިސަލްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން އެ ދެ މީހުންގެ މައްޗަށް އެ ކުށް ސާބިތުވާތީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ ދެ މީހުން އުމުރަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.

ހަސަންބެ މަރާލާފައި އޮއްވާ ފެނުނުއިރު އޭނާގެ ހަތަރެސްފައި ބަނދެ، އަނގަށް ފޮތިގަނޑެއް ލެއްވުމުގެ އިތުރުން މޫނުގައި ޓީޝާޓެއް ވެސް އަޅައިފަ އެވެ. ދައުލަތުގެ ދައުވާގައިވަނީ އެ ދެ މީހުން އެކަން ކޮށްފައިވަނީ ހަސަންބެގެ ގެއިން ވައްކަން ކުރުމަށެވެ. ނަމަވެސް އެގޮތަށް ހަސަންބެ ބަނދެގެން ގެންގުޅެނިކޮށް އޭނާ މަރުވީ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހަކު މެރުމަށް ނުވަތަ އުމުރަށް ޖަލަށްލުމަށް ނުވަތަ އުމުރަށް އަރުވާލަން ހުކުމްކުރެވޭނެ އެވެ. ނަމަވެސް އޭގެ ތެރެއިން ކުށްވެރިޔާއަށް ދޭނެ އަދަބެއް ކަނޑައެޅުމުގެ ބާރު އޮންނަނީ ފަނޑިޔާރަށެވެ.

އެ މައްސަލައިގައި 18 އަހަރުނުވާ ކުޑަކުއްޖެއްގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި ނަމަވެސް އެ ކުއްޖާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.