ހަބަރު

މި ވެރިކަމުގައި ހުރިހާ ޕާޓީއެއް ހަމަހަމަ: ފަލާހު

ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖެއަށް ތަރައްގީ ގެނެސް ދެެއްވަން ކަމަށާއި އެ މަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ ވަކި ޕާޓީއަކަށް ނުބަލައި ހުރިހާ ޕާޓީ އަކަށް ހަމަ ހަމަ ކަމާއެކުގައި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ގއ. ކޮލަމާފުއްޓަށް ރައީސް ޔާމީން މިއަދު ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަލާހު ވިދާޅުވީ، ރައީސް ޔާމީން ވެރިކަން ކުރައްވަނީ ޕީޕީއެމް، އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީ އަށް ބެލުމެއްނެތި ކަމަށާއި މި ވެރި ކަމުގައި ހުރިހާ ޕާޓީތަކަށް ހަމަ ހަމަ ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަބަބުތަކާހުރެ ރައްޔިތުން ރައީސް ޔާމީނަށް ކުރާ ތާއީދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކަމަށެވެ. އެކަން އެމްޑީޕީ އާއި އިދިކޮޅު އެހެންފަރާތްތަކަށް ހަޖަމުނުވާ ކަމަށް ވެސް ފަލާހު ތުހުމަތު ކުރެއްވި އެވެ.

ފަލާހު ވިދާޅުވީ ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ހޯދައިދެއްވަން ކުރައްވާ މަސައްކަތް ކަމަށާއި ރައްޔިތުން ހިކުމަތްތެރި ނަމަ 2018 ގެ ރިޔާސީ އިންތިހާބުގައި ވޯޓް ހޯދަން ރައީސް ޔާމީން އަށް އެއްވެސް މަސައްކަތެއް ކުރައްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ވޭތުވެދިޔަ ތިން އަހަރު ރައީސް ޔާމީން ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފި ކަމަށާއި ރައީސް އެއްގެ ކިބައިން ރައްޔިތުން އެންމެ ބޮޑަށް ދެކެން ބޭނުންވާ ކަމަކީ އެއީ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

"އެމްޑީޕީއަކަސް ޕީޕީއެމް އަކަސް ޖުމްހޫރީ ޕާޓީއަކަސް، ހުރިހާ ޕާޓީއަކަށް ހަމަ ހަމަ ކަމާއެކު ވެރިކަން ކުރައްވަމުންދަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުން މި ސަބަބާ ހުރެ ރައީސް ޔާމީނަށް ތާއީދު ކުރަނީ، އެމްޑީޕީ އަދި އިދިކޮޅު ފަރާތްތަކަށް މިކަމެއް ހަޖަމެއް ނުވޭ،" އާންމުކޮށް ހަރު އަޑުން ވާހަކަފުޅު ދައްކަވާ ފަލާހު ވިދާޅުވި އެވެ. "މި ގައުމު މިހާރު އޮތީ ރައީސް ޔާމީނާއަކު... ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ކަންކަން އޮތީ އަނދާ ހުލިކޮށްފައި... ހުރިހާ ތަނެއް ވިއްކާ ހުސްކޮށްލާފައި،"

ފަލާހު އިތުރަށް ވިދާޅުވީ ރައީސްގެ އަނބިކަބަލުން ފަސްޓްލޭޑި މެޑަމް ފާތުމަތު އިބްރާހީމް އާއި ވާދަކޮށް ބައްޔެއް ނުކުރެވޭނެ ކަމަށާއި އެކަމަނާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ނުކުޅެދުންތެރިކަން ހުރި ބޭފުޅުންނާއި ހާއްސަ އެހީއަށް ބޭނުންވާ ބޭފުޅުންނާއި ފަގީރުންނާއި ނިކަމެތިންގެ ހާލުބައްލަވާ އިތުރު ފަސްޓް ލޭޑިއެއް ފެނިފައިނުވާ ކަމަށެވެ.