ފިނިޕޭޖް

އައްޔަގެ "އޭ މިރޭ" އައްޔުގެ އަޑުން!

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ނުލިބުނަސް ގާލާ ރައުންޑަށް ދަތުރު ނުކުރެވުނަސް އެ އަޑަކުން އެތައް ބަޔެއްގެ ހިތް ފަތަހަ ކުރި އެތަށް ފަންނާނެއް ފެނިގެންގޮސްފައި ވެއެވެ. އޭގެ ގިނަ ސްޓާރުން ހިތްވަރު ދޫނުކޮށް އެބަ އުޅެ އެވެ. ސީޒަން 2 ގައި އޮޑިޝަނާއި ތިއޭޓާ ރައުންޑުން ވަނީ ވަރަށް ވެސް ތަފާތު އަޑެއް ކަންފަތުގައި ޖެހިލާފަ އެވެ. ބީޓްބޮކްސްގެ ހުނަރުވެސް ލިބިފައިވާ އަލީ އިނާން ސައީދު ނުވަތަ އާމުނަމުން ނަމަ އައްޔުގެ އަޑަކީ ގިނަ ބަޔަކު ތިއޭޓާ ރައުންޑަށް ފަހު ވަރަށް މިސްވި އަޑެކެވެ.

އައްޔުގެ އަޑު މިސްވި ފަރާތްތަކަށް އައްޔު މިވަނީ ކަވާ ލަވައެއް ދޫކޮށްލާފަ އެވެ. އަލީ ރަމީޒް (އައްޔަ) ގެ ހިޓެއް ކަމުގައިވާ "އޭ މިރޭ" އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން އައްޔުވަނީ މިލަވައިގެ ޓީޒާއެއް އާމުންނާ ހިސާބަށް ދޫކޮށްލާފަ އެވެ. އެ ޓީޒާވެގެން ދިޔައީ ސޯޝަލް މީޑިއާގައި އެހާމެ މަގްބޫލްކަމެއް ހޯދި ޓީޒާއަކަށެވެ. ޒުވާން އަންހެންކުދީންނަށް ގޮތެއް ވިޔޭވެސް ބުނެވިދާނެ އެވެ. ސައުންޑްކްލައުޑަށް އައްޔު ވަނީ މިލައިވައިގެ ފުލް ކަވާ އެއް ދޫކޮށްލާފައެވެ. ލަވަ ޕަބްލިޝްކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ލަވައަށް ވަނީ އެހާމެ މަގްބޫލް ކަމެއްވެސް ލިބިފައެވެ.

އައްޔު ބުނި ގޮތުގައި މި ލަވައަކީ އެންމެ ކުރީންސުރެ ވެސް ކިޔާލަން ބޭނުންވި އަދި ފޭނުންނާއި ހަމައަށް ގެނެސްދޭން ބޭނުންވެފައި ހުރި ލަވައެކެވެ. އަދި މި ލަވައަކީ އައްޔުގެ އަޑަށް ލޯބި ކުރާ ހުރިހާ ފަރާތްތަކަށް އޭނާގެ ފަރާތުން ދޭ ފުރަތަމަ ހަދިޔާ އެވެ. އަދި މުސްތަގްބަލުގައި އަމިއްލަ ރާގުގެ އަމިއްލަ ލަވަތަކެއް ވެސް އާމުންނާ ހަމައަށް ދޫކޮށްލާނެ އެވެ. މިލަވައިގެ މިއުޒިކްއާއި މާސްޓަރިން ހަދާދީފައިވަނީ މުހައްމަދު އިޔާޝް އަދި ހަސަން ޒާހިރެވެ.

އައްޔު އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މަގްބޫލް ބޭންޑް ތަކުގެ ތެރެއިން އެތަށް ދިވެހީންގެ ހިތް އަތުލާފައިވާ "ދަ ޓްރައިބް" ގެ ވޯކަލް އާޓިސްޓެކެވެ. އަދި އޭގެ އިތުރުން ގުރަހަލި ބޮޑުބެރު ގްރޫޕުގައި ވެސް ލަވަ ކިޔަ އެވެ. އޭނާގެ ޝުކުރުވެސް ހައްގުވަނީ މި ދެބޭންޑަށެވެ. ރީތި ލަވައެއް ކިޔައި ދިނީތީ އަހަރެމެންގެ ފަރާތުން ވެސް ޝުކުރިއްޔާ އެވެ.