ހަބަރު

ފާރިސްއާ ދެކޮޅު ހެކި ސިއްރު ކުރީ ހެކި އުފައްދާފައިވާތީ: ވަކީލުން

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ސިއްރު ކުރަނީ އެ މައްސަލައަކީ އުފައްދާފައިވާ މައްސަލައެއްކަން ބޭޒާރުވެ އެކަށީގެންވާ މިންވަރުގެ ހެއްކެއް ހުށަ ނާޅާކަމާއި އުފައްދާފައިވާ ހެއްކެއްކަން ސާބިތު ވެދާނެތީ ކަމަށް ފާރިސްގެ ގާނުނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ހ. ތެމާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، ސިއްރު ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ފަރާތުން އިއުތިރާފް ވެފައިވާ ގޮތުގައި ފާރިސްގެ ފައިސާ ދެއްވީ ޝާފިއު ކަމަށާއި ނަމަވެސް ޝާފިއުގެ މައްޗަށް އުފުލޭނެ އެކަށީގެންވާ ހެއްކާ ގަރީނާއެއް ނެތް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ނަމަވެސް އެ ސިއްރު ހެކީގެ ބަސް ފާރިސް އަށް ދައުވާ ކުރުމަށް ބޭނުން ކުރެވޭނެ ކަމަށެވެ. މިކަމަކީ ބުއްދި ގަބޫލު ކުރާަނެ ކަންކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ފައިސާ ދިން ފަރާތަށް ދައުވާ ނުކޮށް އެހެން ފަރާތަކަށް އެ ހެކި ބޭނުން ކޮށްގެން ދައުވާ ކުރުމުން ދޭހަވާ ކަމަކީ ކޮންމެވެސް ގޮތަކަށް ފާރިސްގެ މައްޗަށް ދައުވާއެއް އުފުލާ ކުށް ސާބިތު ކުރުމަށް މަސައްކަތް ކުރުމުންދާ ކަމަށެވެ. އަދި ވިދާޅުވީ ފާރިސް މައްޗަށް ދައުވާ ކޮށް ބަންދު ކޮށްފައިވަނީ އެކަށީގެން ނުވާ ހެއްކެއްގެ މައްޗަށް ކަމަށް މައުމޫން ވިދާޅުވި އެވެ.

"ސިއްރު ހެކި މި ބުނަނީ އޭނާ އަށް ފައިސާ ދިނީ ޝާފިއު ކަމަށް އެކަމަކު އެ ހެކި މި ބޭނުން ކުރަނީ ފާރިސް އާ ދެކޮޅަށް، އެ ހެކި ޝާފިއުއާ ދެކޮޅަށް ބޭނުމެއް ނުކުރެ، ޝާފިއުގެ މައްޗަށް ދައުވާ ނުކުރަން ނިންމީ އެކަށީގެންވާ ހެއްކާ ގަރީނާ ނެތުމުން ކަމަށް ޕީޖީން މި ވިދާޅުވަނީ، މިކަމުންވެސް ދޭހަވަނީ ކޮންމެސް ގޮތަކަށް ފާރިސްގެ މައްޗަށް ދައުވާއެއް އުފުލާ ކުށް ސާބިތު ކުރުމަށް މަސައްކަތް ކުރުމުންދާ ކަމަށް،" މައުމޫން ވިދާޅުވި އެވެ. "ފާރިސްގެ މައްޗަށް ހުށަހެޅިފައިމިވާ ސިއްރު ކުރަން ޝަރީއަތުގެ މަޖިލީހުގައި އަދިވެސް މަސައްކަތް ކުރައްވާނެ، ސަބަބަކީ މިއީ އުފައްދާފައިވާ މައްސަލައެއްކަން ބޭޒާރު ވެދާނެތީ، އެކަށީގެންވާ މިންވަރުގެ ހެއްކެއް ހުށަ ނާޅާކަން، އަދި އުފައްދާފައިވާ ހެކިކަން ސާބިތު ވެދާނެތީ،"

ފާރިސްގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީމް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާތައް ވަރަށް ސާފު ކޮށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށާއި ކުށުން ބަރީއަތްވުމަށް އަދުލްވެރި އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކޮށްދިނުމަކީ ޕީޖީ ގެ ޒިންމާއެއް ކަމަށެވެ. އަދި ގާނޫނީ ވަކީލުންނާއި ބައްދަލު ކުރަން ހަނި ކުރައްވާފައިވާ ހަނި ކުރުމަކީ އެއްވެސް ގަނޫނީ ހުއްޖަތެއް ނެތި ހަނި ކުރަމުންދާ ހަނި ކުރުމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ފާރިސް އަށް ގާނޫނު އަސާސީން ލިބިދޭންޖެހޭ ހައްގުތައް އިންތިޒާމެއްެ ދަށުން ހޯދައިދިނުމަށް ދައުލަތުން މަސައްކަތް ކޮށްދޭން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުން މަސައްކަތް ކޮށްދޭން ޖެހޭނީ ދައުލަތުން ކުރާ ދައުވާ ސާބިތު ކޮށްދޭން ނޫން ކަމަށެވެ. ދައުލަތުން މަސައްކަތް ކޮށްދޭން ޖެހޭނީ އަދުލު އިންސާފު ގާއިމް ކުރުމަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ފާރިސް އާ އެއްކޮޅަށް ލިބިފައިވާ ހުރިހާ ހެއްކެއް ހާމަކުރުމަށް ޕީޖީގައި އެދިފައިވަނީ، ނަމަވެސް އެފަދަ ހެއްކެއް ލިބިފައި ނެއް ކަމެއް ހާމަ ކޮށްފައެއް ނުވޭ، އަދި ވިދާޅުވަމުންދަނީ ގިނަ ހެއްކަކީ ހާމަ ކުރެވެންނެއް ހެއްކެއް ކަމަށް، މިހާ ހިސާބުންވެސް އިނގޭ ފާރިސް މައުމޫނަށް އެކަށީގެންވާ ޝަރީއަތެއް ހައްގު ލިބިދިނުމުގައި ގާނޫނު އަސާސީން ޕްރޮސެކިއުޓާ ޖެނެރަލް މަތިކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ހުރަސް އަޅުއްވަމުންދާ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.