އެމްއާރްޑީސީން ހިންގާ މަގު ހެދުމުގެ ޕްރޮޖެކްޓްގައި 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ދެ ރަށެއްގެ މަސައްކަތް ފިޔަވާ ހުރިހާ ރަށެއްގެ މަސައްކަތް މި އަހަރު ނިންމައި ހައުސިން މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށް އެމްއާރްޑީސީން ބުނެފި އެވެ.
އެމްއާރްޑީސީގެ މައި އިމާރާތުގައި މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހު ވިދާޅުވީ، އެންމެ އިސް ކަމެއް ދޭ މަސައްކަތަކީ މަގުތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ގދ. ތިނަދޫ އާއި ގއ. ވިލިނގިއްޔާއި ދ. ކުޑަހުވަދޫ އާއި ތ. ވިލުފުށި އަދި ސ. ހުޅުމީދޫ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި ހައުސިން މިނިސްޓްރީއާ ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށެވެ.
މަމްދޫހު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގެ އިތުރުން ގދ. ތިނަދޫގެ އިސްލާމީ މަރުކަޒުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަަށާއި މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށެވެ. މީގެ އިތުރުން ހަތް ރަށެއްގެ ޖެޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން ހަ ރަށެއްގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހއ. ދިއްދޫގެ 15 މަގަކާއި ހދ. ކުޅުދުއްްފުށީގެ 18 މަގަކާއި ހދ. ހަނިމާދޫގެ 21 މަގަކާއި ލ. ފޮނަދޫގެ ނުވަ މަގެއްގެ މަސައްކަތް އެބަދޭ އެބަދޭ، މީގެ އިތުރުން އދ. މަހިބަދޫ 19 މަގަކާއި ބ. އޭދަފުށި 15 މަގެއްގެ އިތުރުން ރ. މީދޫ އަށް މަގަކާއި ރ. އުނގޫފަހަރު 14 މަގެއްގެ މަސައްކަތް ވެސް އެބަދޭ، ހަމަ މިއާއެކު ފުވައްމުލަކު މަގުގެ 10 ޕަސެންޓް ވަނީ ނިމިފައި، އެކަމަށް ބޭނުންވާ ތަކެތި މިއަދު ވަނީ ފުވައްމުލަކަށް ފޮނުވާފައި،" މަމްދޫހު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެމްއާރްޑީސީން ފަށާފައިވާ ފުޓްސަލް ދަނޑު ހެދުމުގެ މަޝްރޫގެ 67 ރަށުގެ ފުޓްސަލް ދަނޑުތަކުގެ ތެރެއިން ހަތް ރަށެއް ސިވިލް ވޯކް މަސައްކަތް ނިމިފައިވާ ކަމަށާއި ފަސް ރަށެއްގެ ސިވިލް ވޯކްސް މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި އަށް ރަށެއްގައި ފެންސަތައް ރާވާ ބެންޗްތަށް ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމުނު ޓާފް ރާއްޖެ އައިސްފައިވާ ކަމަށާއި ކުރިއަށްއޮތް ދެ ހަފްތާ ތެރޭގައި އެ ރަށްރަށަށް ޓާފް ފޮނުވާނެ ކަމަށެވެ.