ހަބަރު

ނަދީމް މަރާލީ ދެ ގޭންގެއްގެ މެދު ޖެހުނު މައްސަލައެއްގައި ބަދަލު ހިފަން

މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޓާމިނަލް ކެފޭގެ ތެރޭގައި އިންދާ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް މަރާލި ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ނަދީމްގެ މަރާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޖާ ކްރައިމް ސެންޓަރުގެ ފަރާތުން ވާހަކަދެއްކެވި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ މުހައްމަދު ސާމިހު ވިދާޅުވީ ޖުލައި މަހު 27 ވަނަ ދުވަހުގެ އިރުއޮއްސި 6:08 ހާއިރު މާރަމާރީ ހިންގުމަށް ބަޔަކު މީހުން ތައްޔާރުވެ އެކަމަށް ބޭނުންވާ ތަކެތި ހިފައިގެން ސައިކަލުތަކުގައި ޓާމިނަލް ކެފޭ ތެރެއަށް ދިޔަ ކަމަށެވެ. އެއްބަޔަކު އެ ކެފޭ ތެރެއަށް ވަދެ ނަދީމްއަށް ހަމަލާ ދިން އިރު އެކަމަށް ބޭނުންކޮށްފައި ވަނީ ބަދިގޭގައި ބޭނުން ކުރާ ޒާތުގެ ވަޅިއެއް ކަމަށް ސާމިހު ވިދާޅުވި އެވެ. އަދި ހަމަލާދިން އިރު އެ ވަޅި ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުގައި ހަރުލަވާފައި ހުރި ކަމަށާއި އެ ނައްޓާލީ ނަދީމްއާ އެކީ ކޮފީ ބޯން ހުރި މީހެއް ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ.

"މި މައްސަލާގައި ދެވަނަ މީހަކަށް ވެސް ހަމަލާ ދިނުމަށްޓަކައި މަސައްކަތް ކުރި، އެހެން ނަމަވެސް ކެފޭގައި ތިބި މީހުންނާއި ނަދީމްއާއެކު ހުރި މީހުން ވެސް އެކަން ކުރިޔަ ނުދިނުމަށްޓަކައި މަސައްކަތްތަކެއް ކުރި، އަދި ކެފޭގައި ހުރި ގިނަ މުދާތަކަށް ގެއްލުން ލިބުން، ނަމަވެސް ހަމަލާ ދިނުމަށް ފަހު ހަމަލާ ދިން މީހުން ސައިކަލުތަކަށް އަރާ ފިލައިގެން ދިޔައީ،"

ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ވީޑިއޯ ފުޓޭޖުތަކާއި އެހެނިހެން ގޮތްގޮތުން ބެލިބެލުމުން އެ ދުވަސް ވަރު މާލޭގައި ދެ ގްރޫޕެއްގެ ދެމެދު އުފެދިފައިވާ ދެ ބަސްވުންތަކެއްގެ ތެރެއިން ސިންސިލާ ގޮތެއްގައި މާރަމާރީތަކެއް ހިނގަމުން ދިޔަ ކަމަށާއި ނަދީމް މަރާލީ ވެސް އެކަމުގެ ތެރެއިން ބަދަލު ހިފުމުގެ ގޮތުން ކަމަށް ސާމިހު ވިދާޅުވި އެވެ.

ސާމިހު ވިދާޅުވީ އެ މައްސަލާގައި ގާތްގަނޑަކަށް 60 ގަޑިއެއްހާއިރުގެ ވީޑިއޯ ފުޓޭޖް ހޯދާފައިވާ ކަމަށާއި އެހެންކަމުން މާ ގިނަ ދުވަސްތަކެއް ނުވެ އެކަން ހިންގި ފަރާތްތަކުން ހޯދިފައިވާ ކަމަށެވެ. އަދި ނަދީމް މަރާލި މީހުން މޫނު ނިވާކޮށްގެން ތިބި ނަމަވެސް ވީޑިއޯތަކުގެ ވަކި ހިސާބަކުން އެ މީހުންގެ މޫނުތައް ފެންނަ ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ.

އެ މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ކަމަށް ސާމިހު ވިދާޅުވި އެވެ. އެގޮތުން އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ގ. ޝާރާޒް، މުހައްމަދު މަފާޒު ހައްޔަރުކޮށް އެއާ ޖެހިގެން އައި ދުވަހު 17 އަހަރުގެ ކުޑަ ކުއްޖަ ހައްޔަރު ކުރި ކަމަށް ސާމިހު ވިދާޅުވި އެވެ. އަދި އޮގަސްޓު 21 ވަނަ ދުވަހު އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ.

ފުލުހުން މިހާރު ވަނީ އެ މައްސަލާގައި ތަހުގީގު ނިންމާ މި މަހުގެ 18 ވަނަ ދުވަހު އެ ހަތަރު މީހުންނަށް ދައުވާ ކުރަން ފޮނުވާފަ އެވެ.