ހަބަރު

ޑެންގީއަށް ކުރާ ފަރުވާ ހަރުދަނާ ކުރަން ވޯކްޝޮޕެއް ބާއްވައިފި

ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާ ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލިޖީ އާއި ގުޅިގެން ޑެންގީ ބަލި ދެނެގަތުމާއި އެ ބައްޔަށް ފަރުވާ ކުރުން އިތުރަށް ހަރުދަނާ ކުރުމަސް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ބާއްވައިފި އެވެ.

"ޓްރޭނިން ވޯކްޝޮޕް ފޯ ހެލްތް ކެއާ ޕްރޮވައިޑާސް އޮން ކްލިނިކަލް ރިކޮގްނިޝަން އެންޑް މެނޭޖްމަންޓް އޮފް ޑެންގީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގެ މަގްސަދަކީ ޑޮކްޓަރުންނާއި ނަރުހުންނަށް ޑެންގީ ބަލި ހުރިކަން ދެނެގަތުމަށް މިހާރު ހެދެން ހުރި ޓެސްޓްތަކުގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ޑެންގީ ޖެހިފައިވާކަން ކަށަވަރު ކުރެވިފައިވާ މީހުންނަށް ފަރުވާކުރުމުގެ ކަންކަން ހަރުދަނާ ކުރުމަށާއި މިހާރު ލިބެންހުރި އެންމެ ފަހުގެ ގައިޑްލައިންތަކާއި ވަސީލަތްތަކަށް އަހުލުވެރި ކުރުން ވެސް ހިމެނެ އެވެ.

އެ ވޯކްޝޮޕް ނިންމުމުގެ ގޮތުން އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ހެލްތް ޕްރޮފެޝަނަލުންނަކީ ރަނގަޅު ސިއްހީ ނިޒާމެއް ގާއިމް ކުރުމުގެ މައި ބަދަ ކަމަށެވެ. އަދި ޑެންގީ ބައްޔަކީ ރާއްޖޭގައި ފެތުރޭ އެންމެ ނުރައްކާ ބަލިތަކުގެ ތެރެއިން ބައްޔެއް ކަމަށާއި މި ވޯކްޝޮޕްގެ ސަބަބުން ޑެންގީ ބައްޔަށް ފަރުވާ ކުރުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު 2000 އަށްވުރެ ގިނަ ފަރާތަށް ޑެންގީ ޖެހުނު ކަމަށާއި ރާއްޖެއިން ޑެންގީ ނައްތާލުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ވިދާޅުވީ ސިއްހީ ނިޒާމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ވަރަށް ގިނަ ހަރަކާތްތަކެއް ރާވައި ހިންގާފައިވާނެ ކަމަށެވެ.

"ސަރުކާރުން ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން އެބަ ގެންދަވަން، އެގޮތުން އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމުގެ ގޮތުންނާއި އާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަމުންއެބަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރީޖަނަލް ހޮސްޕިޓަލް ތަކާއި އެންސީއައިޓީ ގެ ފަރާތުން ގާއިމްކޮށްފައިވާ އީ-ސެންޓަރުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެފައި ވެއެވެ.