ހަބަރު

ބިލެއްފަހީ އިންޖީނުގެ އަޅާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

ށ. ބިލެއްފަހި އިންޖީނުގެ އެއްކޮށް އަނދާ ހުލިވުމުގެ ސަބަބުން އެ ރަށުގައި އާ އިންޖީނުގެ އެއް އަޅާދޭނެ ބަޔަކު ހޯދަން ފެނަކައިން މިއަދު އިއުލާން ކޮށްފި އެވެ.

ފެނަކައިން ކުރި އިއުލާނުގައި ބުނީ، އެކުންފުނިން ދޭ މައުލޫމާތާއި ކުރެހުމާއި ބީއޯކިޔުއާ އެއްްގޮތަށް ބިލެއްފަހީގައި ޕްރީފެބްރިކޭޓެޑް ޕަވަ ހައުސްއެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަންބޭނުންވާ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުގެ 11:30 އަށް އެ ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު، އަންނަ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހަޅަން އެދޭ ކަމަށް ފެނަކައިން ބުންޏެވެ.

އެކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ބިލެއްފަހީގައި މިހާރު ކަރަންޓް ދެމުންދަނީ ވަގުތީ ހަޓެއްޖަހައިގެން ހިޔާކޮށްގެން އެތަނުގައި ޖަނަރޭޓަރު އިންސްޓޯލް ކޮށްގެން ކަމަށާއި އަންނަ ހަފްތާގައި ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ވަގުތީ އިންޖީނުގެ ދެތިން ހަފްތާގައި އަޅާ ނިމޭނެ ކަމަށާއި ނިމުމާއެކު އެރަށުގެ ކަރަންޓް ކަންތައް ސްޓޭބަލް ވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ބިލެއްފަހީގެ ކަރަންޓްގެ ހާލަތު މިވަގުތު އޮތީ ވަރަށްވެސް ކްރިޓިކަލް ސިޗުއޭޝަނެއްގައި ކަމަށާއި ފެބްރިކޭޓެޑް އިންޖީނުގެ އެޅުމުގެ އެންމެ ބޮޑު ސަބަބަކީ އޭގެ އިމާރާތަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅާނިންމާލެވޭނެ އިމާރާތަކަށް ވާތީ ކަމަށެވެ. އޭނާ ވިދާޅުވީ، އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާތާ ހަތަރު މަސްދުވަހުގެ ތެރޭގައި އަޅާ ނިމޭނެ ކަމަށެވެ. އަދި އެރަށަށް އިތުރު ދެ ޖަނަރޭޓަރު ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިހާރު ފެނަކަ އިން އާންމު ގޮތެއްގައި އަޅަމުންދަނީ ފެބްރިކޭޓެޑް އިންޖީނުގެ، އަސްލު ފެބްރިކޭޓެޑް އިންޖީނުގެއެއް އަޅަން ބޭނުންވާ ސަބަބަކީ ހަރަދުގެ ގޮތުން ބަލާނަމަވެސް އެގޮތަކީ އަގުހެޔޮ ގޮތަކަށްވާނެތީ، އޭގެ އިންޖީނުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅާވެސް ނިމޭނެތީ، ބިލެއްފަހީގެ ކަރަންޓްގެ ހާލަތު އޮތީ ވަރަށްވެސް ކްރިޓިކަލް ސިޗުއޭޝަނެއްގައި، އެހެންވެ އަވަހަށް އިންޖީނުގެ އެޅޭނެ ގޮތެއް ބަލަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅެމުން އަންނަ ބިލެއްފެހީގައި ހިނގި އެ ހާދިސާއާ ގުޅިގެން އެ ރަށް ކަނު އަނދިރީގައި ވަނިކޮށް ފެނަކައިން އެރަށަށް ވަގުތީ ކަރަންޓް ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެރަށަށް ވަގުތީ ކަރަންޓް ދީފައިވަނީ ށ. ފޭދޫގައި ބޭނުން ކޮށްފައިވާ 120 ކިލޯ ވޯޓްގެ ޖަނަރޭޓަރު ގެންގޮސްގެން ނެވެ.

މި އަހަރުގެ ތެރޭގައި އިންޖީނު ގެއެއްގައި ހިނގި އަލިފާނުގެ ހާދިސައަކާ ގުޅިގެން މީހަކު ވެސް ވަނީ މަރުވެފަ އެވެ. އެފަދަ ހާދިސާތައް މަދު ކުރުމަށް ފެނަކަ އިން އަންނަނީ އަސާސީ ފެންވަރެއްގައި އަލިފާން ނިއްވާ ނިޒާމް ގާއިމް ކުރުން ފަދަ މަސައްކަތް ކުރަން ފަށައިފަ އެވެ.