ހަބަރު

ރޭގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

Sep 29, 2017
1

ހުޅުމާލޭގައި ރޭ ކުއްލި ގޮތަކަށް ދެ ޒުވާނަކު މަރުވި ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ރޭ މަރުވެފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެނައި އުމުރުން 22 އަހަރުގެ ތ. ތިމަރަފުށި އަހުމަދު ހާމީން އެވެ. އަދި އޭގެ ފަހުން، އުމުރުން 18 އަހަރުގެ މާލެ، ދަފްތަރު ފާތުމަތު ސަމާ ވެސް ވަނީ ހުޅުމާލެ ޓްރެކް ސަރަހައްދު މޫދު ތެރޭގައި މަރުވެފައި އޮއްވާ ފެނިފަ އެވެ. އެންމެ ފުރަތަމަ އަޑު ފެތުރުނު ގޮތުގައި ހާމީން މަރުވީ ފުޓްބޯޅަ ކުޅެން ހުއްޓާ މެއަށް ތަދެއް އަރައިގެން އެވެ. އެހެން ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ މުޅިން ދޮގު ވާހަކަ އެކެވެ. އަދި ހުޅުމާލެ ޓްރެކް ސަރަހައްދުގައި މަރުވެފައިވާ އޮއްވާ ފެނުނުނު އަންހެން ކުއްޖާއަކީ ވެސް ހާމީން މަރުވި ހާދިސާއާ ގުޅުން ހުރި ކުއްޖެކެވެ.

އެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ރޭ ވަނީ އެ މައްސަލައިގެ ތަހުގީގެއް ފަށައި ހާމީން އާއި އޭނާގެ ރަށްޓެހިން ތިބި ހުޅުމާލެ ގޮނޑުދޮށުގެ ސަރަހައްދު ވެސް ބަލައި ފާސްކޮށްފަ އެވެ. އަދި އެ ސަރަހައްދުން ޕާޓީ ޑްރެގްތަކެއް ފެނިފައި ވާތީ ހާމީން އާއި އަދި މަރުވި އަންހެން ކުއްޖާއާ އެކު އެއްތަނެއްގައި ތިބި ކަމަށް ޝައްކު ކުރެވުނު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ހާމީންއާ އެކު އޭނާގެ އިތުރު ރަށްޓެއްސެއް ވެސް ހޮސްޕިޓަލަށް ގެނަ އެވެ. އެ ހޮސްޕިޓަލް ހިންގާ އާސަންދައިން ރޭ ބުނި ގޮތުގައި ތިމަރަފުއްޓަށް ނިސްބަތްވާ 21 އަހަރުގެ އެ ކުއްޖާ ހޮސްޕިޓަލަށް ގެނައި އިރު ވަނީ ޝޮކެއް ޖެހިފަ އެވެ. އަދި އޭނާ ފަރުވާއަށް ފަހު ރޭ ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުން ވަނީ އޭނާ ވެސް ހައްޔަރުކޮށްފަ އެވެ. އާސަންދައިން ބުނި ގޮތުގައި ހާމީން އާއި 21 އަހަރުގެ ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރު އެ މީހުންގެ ގައިގާ ވަނީ ވެލި ހޭކިފަ އެވެ. އަދި އެ މީހުން ގެނައި މީހުންގެ ގައިގައި ވެސް ވެލި ހުއްޓެވެ.

ރޭގެ ހާދިސާގެ މައުލޫމާތު އެނގި ހުރި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މަރުވި ސަމާ އަކީ ހާމީންގެ ކަޒިންއެއް ރަށްޓެހިވެގެން އުޅޭ ކުއްޖާ އެވެ. އަދި އެ މީހުންނާއި އިތުރު ރަށްޓެހިންތަކެއް ރޭ ހުޅުމާލޭ ޓްރެކް ސަރަހައްދު ގޮނޑުދޮށުގައި ތިބެގެން އެ މީހުންގެ ރަށްޓެހި ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީއަށް ދިޔައީ ތައްޔާރުވެ މަޝްވަރާ ކުރަމުން އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ދެ ޒުވާނުން މަރުވީ މަޖާގަނޑުގެ ތެރޭގައި ތިބެ އެ މީހުން ބޭނުން ކުރި ޑްރަގެއްގެ ސަބަބުން މެޔަށް ކުއްލިއަކަށް ތަދެއް އަރައި ހިތް ހުއްޓިގެން އެވެ.

އެ ގްރޫޕުން އުފަންދުވަސް ފާހަގަ ކުރުމަށް ހުޅުމާލެއިން ކުއްޔަށް ހިފައިގެން އުޅުނު ގެސްޓްހައުސްއެއްގެ ކޮޓަރިއެއް ވެސް ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން މިއަދު ފާސްކޮށްފަ އެވެ.