ހަބަރު

ހުޅުމާލޭގައި ވަޅި ހަރައި ޒުވާނަކު މަރާލައިފި

Sep 29, 2017
16

ހުޅުމާލޭގައި މިރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާ މަރުވެއްޖެ އެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ މިރޭ 10:10 އެހާ އިރު ތޫނު އެއްޗަކުން ހަމަލާދީގެން ގެނައި 25 އަހަރުގެ ޒުވާނާ އެ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.

އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގއ. ދާންދޫއަށް ނިސްބަތްވާ އެ ޒުވާނާގެ ހަތަރު ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. މަރާލި ޒުވާނާގެ ނަމަކީ، ހާރިސް އަބްދުލް ޣަފޫރެވެ. ފުލުހުން ވެސް ވަނީ އެ ޒުވާނާ މަރުވިކަން ޔަގީންކޮށްދީފަ އެވެ. ފުލުހުން ބުނީ، ހުޅުމާލޭގައި މިރޭ މާރާމާރީ ހިނގީ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރާ، ހުޅުމާލެ ހާފުވޭ ހައުސްގެ ކައިރީގައި ކަމަށެވެ. ހާރިސް އަކީ ހުޅުމާލެ ކުރިކީލަ މަގުގައި ހުންނަ އެ ހާފްވޭ ހައުސްގައި ޑްރަގް އެޑިކްޝަނަށް ފަރުވާ ހޯދަމުން އަންނަ ޒުވާނެކެވެ. އޭނާއަށް ވަޅި ހަމަލާދިނީ އޭނާ އެތަނުން ބޭރަށް ނިކުތް ވަގުތުގަ އެވެ.

"ޕޭޝަންޓް ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވީ،" އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މާރާމާރީއަކީ މިދިޔަ ހަފްތާގެ ތެރޭގައި މާފަންނު އައިޓަމްސް ކައިރީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގެ ބަދަލު ހިފުމުގެ ގޮތުން ހިންގި މާރާމާރީއެއް ކަމަށްވެ އެވެ.

ފުލުހުން ބުނީ ޒަހަމްކޮށްލި ޒުވާނާ މަރުވީ ހުޅުމާލެ ހޮސްޕިޓަކަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިވަގުތު އިތުރު ތަފްސީލެއް އަދި ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި ރޭވެސް ވަނީ ކުއްލި ގޮތަކަށް ދެ ޒުވާނަކު މަރުވެފަ އެވެ. އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ފަށައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މަރުވި ޒުވާނުން ތިބި ކަމަށް ބެލެވޭ ސަރަހައްދެއް ފުލުހުން ފާސްކުރި އިރު އެ ތަނުން ވަނީ ޕާޓީ ޑްރަގްތަކެއް ފެނިފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މީހުން ކުއްޔަށް ހިފައިގެން އުޅުނު ހުޅުމާލެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއް ވެސް ކޯޓް އަމުރެއްގެ ދަށުން ފުލުހުން މިއަދުވަނީ ބަލައި ފާސްކޮށްފަ އެވެ.