ހަބަރު

މާރަމާރީ ހިންގާ މީހުން ފިލުވަން ބަޔަކު އެބަ މަސައްކަތް ކުރޭ: ފުލުހުން

Sep 30, 2017
13

މާރަމާރީ އާއި ރޭވިގެން ހިންގާ ކުށްތައް ކުރާ ފަރާތްތައް ފިލުވައި އެ މީހުންނަށް ހިމާޔަތް ދީ އެފަދަ ތަހުގީގުތަކުގައި ފުލުހުންނަށް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފަހަކަށް އައިސް މާލޭގައި ހިނގަމުން އަންނަ މާރަމާރިތަކާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެގައި ބުނެފައި ވަނީ މާރަމާރީ ހިންގާ ފަރާތްތައް ފިލުވުމަށާއި އެ ފަރާތްތަކަށް އެހީވެދިނުމާއި ފުލުހުންނަށް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެފަދަ ލާއިންސާނީ އަމަލުތައް ހިންގުމަށް ފަހު ފިލުމަށްޓަކައި ގޭބިސީތަކާއި ކުއްޔަށް ދޭ ތަންތަނުގައި އުޅޭ ކަމަށާއި އެހެންކަމުން އެކަންކަމަށް އިތުރަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

"..އެފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކަށް އެހީވެދޭ މީހުންގެ މައްސަލަތައް ވެސް ގަވައިދުން ބަލާ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވާނެ ވާހަކަ ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރޭ ހުޅުމާލޭގައި މީހަކު މަރާލި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރޭ މާލޭގައި ހިންގި މާރަމާރީއާ ގުޅިގެން ގިނަ އަދަދަަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އަމަލީ ގޮތުން އެކަމުގައި ބައިވެރިވި މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގާ މާރަމާރީތައް މަދު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ތަންތަން ބަލައި ފާސްކޮށް އެފަދަ ތަކެތި ހޯދާ، މާލެ ތެރެ ޕެޓްރޯލް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާ ކަމަށް ފުލުހުން ބުންޏެވެ.