ވިޔަފާރި

އީވޯ ހޯމް އަށް ދެ އަހަރު، މަގުބޫލު ބްރޭންޑްތަކާ އެކު ދިވެހިންގެ ހިތުގައި

Apr 24, 2015

ބައެއް މީހުން ބަދިގޭ ކަބަޑު ސެޓު ވަކިން ބަދަލުކޮށްލަ އެވެ. އަނެއް ބަޔަކު ގޭގައި ޖަހާފައި ހުރި "މުސްކުޅި ތަށިމުށި" ބަދަލުކޮށް ޒަމާނީ ފްލޯރިން އެއް އަޅަން ބޭނުން ވެދާނެ އެވެ. އަނެއް ބަޔަކު ފެންވަރު ރަނގަޅު ބެޑްރޫމް ސެޓެއް ބޭނުންވެ އެވެ. މި ހުރިހާ ބޭނުމެއް ހިތް އެދޭގޮތަކަށް ފުއްދައިދެވޭނެ ބަޔަކީ ޔަގީނުން ވެސް އީވޯ ހޯމް އެވެ. މި ހުރިހާ އެއްޗެއް ވެސް އީވޯ ހޯމް އިން ލިބެނީ ތިމާ ހިތްއެދޭ ގޮތަށެވެ. އެ ފިހާރައިގެ ދެވަނަ އަހަރީ ދުވަސް މިދިޔަ ހޯމަ ދުވަހު ފާހަގަކުރި އިރު، މިނަމަކީ މިހާރު ދިވެހިންނާ އެންމެ ކައިރި އަދި ރަހުމަތްތެރި ނަމެވެ. މިނަން މިހާރު މިއޮތީ ދިވެހިންގެ ހިތުގައި ހަރުލާފަ އެވެ.

"ދެވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު، އާއްމުންގެ ގިނަ ބައެއްގެ މެދުގައި އީވޯހޯމް މިވަނީ މަގުބޫލުވެފައި. މިއީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފާ އަދި ޝަރަފް،" އީވޯ ހޯމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ރިޒްމާ ރަޝީދު ވިދާޅުވި އެވެ.

އީވޯ ހޯމްއަށް ދެ އަހަރު ފުރުނު އިރު، ވިޔަފާރި މިއަދު މިވަނީ ވަރަށް ފުޅާކޮށްފަ އެވެ. މަޖީދީ މަގުގައި 2013 ވަނަ އަހަރު ހުޅުވި ފިހާރަޔާ އެކު، ވިޔަފާރި މޫލައި އިތުރު ފިހާރައެއް ވެސް މިހާރު މި ވަނީ ހުޅުވައިފަ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން ހުޅުވާފައިވަނީ ޔޫރަޕުގެ މަޝްހޫރު ތަށި މުށި ބްރޭންޑް ތަކާއި ފްލޯރިން ވިއްކުމަށް ހާއްސަ، "އީވޯ ފްލޯރިން" އެވެ. އެ ފިހާރަ އިން ލިބެން ހުރީ ޖަރުމަނުގެ މަޝްހޫރު "ޕަރަޑޯ" ބްރޭންޑުގެ ފްލޯރިންނެވެ.

ޔޫރަޕުގެ ބްރޭންޑްތައް އީވޯ ހޯމްއިން ލިބެން ހުރުމުން އަގު ބޮޑުވެދާނެ ކަމަށް ހީކޮށްފާނެ އެވެ. އެކަމަކު އީވޯ ހޯމްއިން ބަލަނީ ކަސްޓަމަރުންގެ ބޭނުން ތަކަށެވެ.

އީވޯގެ ޒުވާން މާކެޓިން މެނޭޖަރު ރިޒްމާ ވިދާޅުވި ގޮތުގައި، ވިޔަފާރި ފުޅާ ކުރުމުގައި ބަލަނީ ކަސްޓަމަރުންނަށެވެ. އެ މީހުންގެ ބޭނުންތަކާ އެއްގޮތަށް ޗާލު ފަރުނީޗަރުތައް ގޭތެރޭގައި އަތުރާލަ ދިނުމަށެވެ.

"ކަސްޓަމަރުންގެ ބަޖެޓަށް ފައްތައިގެން ބޭނުންވާ ގޮތަށް މި އުފެއްދުންތައް ގެނެސްދެނީ،" ރިޒްމާ ވިދާޅުވި އެވެ.

އީވޯ ހޯމް އިން ގަންނަ ބަދިގެ ސެޓުތައް ވެސް ތައްޔާރުކުރަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށެވެ. މި ފިހާރައިގެ އެންމެ ހާއްސަ ކަމަކީ ކަސްޓަމަރުގެ ގެއަށް އީވޯ ހޯމްގެ ސްޓާފުން ގޮސް ފަރުނީޗަރު ބަހައްޓާތަނުގެ މިން ބަލައި އެ މީހަކު އެދޭ ޑިޒައިނެއްގައި އެތަނަށް ހެޔޮވަރުގެ އެއްޗެއް ސީދާ ޔޫރަޕް ހައްދާލައިގެން ގެނެސްދިނުމެވެ. އޭރުން ތަނަށް ނުފެތޭ ފަރުނީޗަރު ގަނެވިދާނެ ކަމުގެ ބިރު އެކީ ދިއައީ އެވެ.

"މިތަނުން ފުލް ސެޓް ޑިޒައިން ކޮށްދޭނެ. ކްލައިންޓުންގެ ބަޖެޓަށް ފިކްސް ކުރެވޭނެ. ޔޫރަޕުން މުދާ ގެނެސް އިންސްޓޯލްކޮށް ދޭނެ. މިއީ ވަރަށް ހައިރޭންޖް ޕްރޮޑަކްޓް. އެކަމަކު ކްލައިންޓް ބޭނުންވާ ގޮތަށް، އަގަށް ހަދައި ދެވޭނެ. މިއަށް ފްރީ ކޮންސެލްޓޭޝަން ލިބޭނެ،" ރިޒްމާ ވިދާޅުވި އެވެ.

އީވޯ ހޯމް އަށް ދެ އަހަރު ފުރުމާ ދިމާކޮށް ހޮނިހިރު ދުވަހު ހާއްސަ ޕްރޮމޯޝަނެއް ފަށާނެ އެވެ. މި ޕްރޮމޯޝަން މިއީ އަދި އާދައިގެ ކަމެއް ނޫނެވެ. މީގެ ތަފާތަކީ އިނާމު ބިޑް ކޮށްގެން ލިބުމެވެ. މިކަން ކޮށްލައިގެން ލިބެން އޮތް އިނާމު ކުޑައެއް ނޫނެވެ.

"ބިޑް އެން ވިން" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ އިނާމަކަށް ލިބެނީ ކުޑަކުދިންގެ ބެޑްރޫމް ސެޓެކެވެ. މީގައި ކުދިން ކިޔަވަން އިންނާނެ ސަޅި މޭޒަކާއި ހިތްގައިމު އެނދެއް ވެސް ހުރެ އެވެ. "ކެޕްޓަން ޝާކޭ" ގެ ނަން ދީފައިވާ މި ސެޓުގެ ޖުމްލަ އަގަކީ 75،000ރ. އެވެ. މި ސެޓް ހޯދަން ބިޑްކުރާ ފަރާތްތަކުން އީވޯ ހޯމްއަށް ގޮސް ބިޑްކުރާ އަދަދު ހުށަހަޅަން ޖެހެ އެވެ. ބިޑް ފެށޭ އަގަކީ، 10،000ރ. ކަމަށްވާ އިރު، މި އަގު ބޮޑު ސެޓް ލިބޭނީ އެންމެ ތަފާތު އަދި ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ. މިކަން އަޖުމަ ބަލައިލުން ކީއްތޯ އެވެ؟ އީވޯ ހޯމް އެ ހުރީ ކަސްޓަމަރުންނަށް ޓަކައި ހުޅުވިފަ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް އެ ފިހާރައިން މަރުހަބާ ކިޔަނީ އުފާވެރިކަމާ އެކު އެވެ.