ދޮށީއުމުރުގެ މީހުންނާބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލައި މިއަދު އިފުތިތާހުކޮށްފިއެވެ.
ބައިނަލްއަގުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމިކް ޔުނިވަސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އިފުތިތާހުކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ޖިހާދު ވިދާޅުވީ، ދޮށީ އުމުރުގެ ބޭފުޅުންނަށް ހަޔާތުގައި ލިބިވަޑައިގެންފައިވާ ތަޖުރިބާއަކީ ލޮލަށް ނުފެންނަ މައުނަވީ ތަރިކައެއް ކަމަށާއި އެއީ ގައުމުގެ އެންމެ އަގުރުހި އާސާރު ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ދޮށީ އުމުރުގެ ފަރާތްތަކުގެ ހިދުމަތުގެ އަގުވަޒަންކުރަންޖެހޭ ކަމަށެވެ. އަދި ކަންކަން ނިންމުމުގައި ދޮށީ އުމުރުގެ މީހުންގެ މަޝްވަރާ ހޯދުމަށާއި އުމުރުން ދުވަސްވުމުން ވެސް އެކި ކަންކަމުގައި ހަރަކާތްތެރިވެ ބައިވެރިވާން އެމީހުންނަށް ހިތްވަރުދިނުމަށް އެންމެންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ގައުމީ ސިޔާސަތު ބިނާކުރެވިފައިވަނީ ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާއާއި ޖެންޑަ މިނިސްޓްރީން ކުރިއަށްގެންދާ ރަންވޭލާ ކެމްޕޭނުން ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިފުތިތާހުކުރެވުނު ދޮށީ އުމުރުގެ މީހުންގެ ގައުމީ ސިޔާސަތަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ޔޫއެން ޕްރިންސިޕަލްސް ފޯ އޯލްޑަ ޕާސަންސް 1991 އާއި ޑަބްލިއުއެޗްއޯގެ ގްލޯބަލް ސްޓްރެޓަޖީ އެންޑް ޕްލޭން އޮފް އެކްޝަން އޮން އޭޖިން އެންޑް ހެލްތު 2016 - 2020 އަދި 2015 އިން 2030 އަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ރިއާޔަތްކޮށް އެކުލަވައިލާފައިވާ ސިޔާސަތެކެވެ. ސިޔާސަތު ބިނާކޮށްފައިވާ ހަތަރު ދާއިރާއަކީ އަޅާލުމާއި ރައްކާތެރިކަމާއި މިނިވަންކަމާއި ބައިވެރިވުމާއި ސިއްހަތާއި ދުޅަހެޔޮކަން އަދި ދޮށީ އުމުރަށް ތައްޔާރުވުމެވެ.
ބައިނަލްއަގުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހަކީ އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށާއި އެ މީހުންނަށް ކުރިމަތިވާ އެކި ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އދގެ އާންމު މަޖިލީހުން ފާސްކޮށް، 1991 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.