ހަބަރު

ޔޫކޭ ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާގައި ޕީޕީއެމުން ބައިވެރިވެއްޖެ

އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ މިއަހަރުގެ އަހަރީ ޖަލްސާގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ބައިވެރި ވެއްޖެ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އަދި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބުދުﷲ ހަލީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެންޗެސްޓާގައި މިހާރު ކުރިއަށްދާ ކޮންޒަވޭޓިވް ޕާޓީގެ 2017 ވަނަ އަހަރުގެ އަހަރީ ޖަލްސާގައި ޕީޕީއެމްގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެ ޕޯސްޓްގައިވާ ފޮޓޯތަކުން ހަލީލުގެ އިތުރުން ދެން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.

ކޮންޒަވޭޓިވް ޕާޓީގެ ޖަލްސާގައި ޕީޕީއެމް އިން ބައިވެރިވި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކޮންޒަވޭޓިވް ޕާޓީއާ ބާއްވަމުން އައި ގުޅުމަށް ކުރިން އެންމެ ބޮޑަށް ފާޑުކިޔަމުން އައި ޕާޓީއަކީ ޕީޕީއެމް އެވެ.

ޕީޕީއެމް އިދިކޮޅު ޕާޓީއެެއްގެ ގޮތުގައި އޮތް އިރު، އިނގިރޭސިންނާއި ނަޝީދު ބާއްވަވާ ގުޅުމަށް ވެސް އައީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް އެޕާޓީ ވެރިކަމަށް އައި ފަހުން، މިދިޔަ އަހަރު ސަރުކާރުން ބުނެފައި ވަނީ އިނގިރޭސިންނާއި އެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށެވެ.

ކޮންޒަވޭޓިވް ޕާޓީން އިއްޔެއިން ފެށިގެން ކުރިއަށް ގެންދާ އަހަރީ ޖަލްސާ ކުރިއަށް ދާނީ އަންނަ ބުދަދުވަހުގެ ނިޔަލަށެވެ. އެހެން އަހަރުތަކުގައި އެމްޑީޕީގެ މަންދޫބު ވެސް މި ޖަލްސާގައި އައީ ބައިވެރިވަމުން އެވެ. މިއަހަރު އެމްޑީޕީގެ މަންދޫބުން ބައިވެރިވާ ކަމެއް އަދި ނޭނގެ އެވެ.