ލައިފްސްޓައިލް

އުފަން ދުވަހު ބޭނުމީ އައިފޯނެއް!

"މަ ބޭނުމީ ގިފްޓަކަށް އައިފޯން 10 އެއް!" މިއީ އަހަރެންގެ ރަހުމަތްތެރިއެއްގެ އުފަންދުވަސް ކައިރި ވަމުން ދާތީ އޭނާ ގާތުގައި ބޭނުމީ ކޯންޗެއްތޯ އެހުމުން ދިން ޖަވާބެވެ. މިއީ މިހާރު ވަރަށް އާންމުވެސް ޖަވާބެކެވެ. އުފަންދުވަހަށް ނޫނަސް ގިފްޓަކަށް ބޭނުމީ ކޯންޗެއްހޭ އަހައިފިއްޔާ ގިނަ ދިވެހީންގެ ޖަވާބަކަށް ވާނީ އައިފޯނެކެވެ.

މީގެ ހަތަރު ފަސްވަރަކަށް އަހަރު ކުރީން މިސުވާލު ކޮށްލާނަމަ ޖަވާބަކަށް އަންނާނީ ސެންޓު ފުޅިއެއް ނޫނީ ޓީޝާޓެއް ކަހަލަ އެއްޗެކެވެ. މިހާރު ބަދަލުވީ އެވެ. އެއީ މީހުންގެ ހިތް މޮޅުވީ ހެއްޔެވެ؟ ކުރިން ވެސް އަހަރެމެންގެ ތެރޭގައި އައިފޯންގެ މައްޝޫރުކަން އޮވެ އެވެ. އެކަމަކު ކުރިން އަންހެން ކުއްޖެނަމަ ބޭނުންވާނީ އަތުގައި އަޅާލާނެ ގަޑިއެއް ނޫނީ ކަންފަތުގައި އަޅުވާލާނެ ބޮޅެކެވެ. ސެންޓް ފުޅިއެކެވެ. ޓެޑީ ބެއާއަކީ ވެސް ދިވެހި ޒުވާން އަންހެންކުދިންގެ އެއް އިރެއްގެ ފޭވަރިޓެކެވެ. ޓެޑީބެއާއާއި އެކު އެލިބޭ ކައުންޓްލައިން ޗޮކްލެޓް ވެގެންދަނީ ކޮންމެ އަންހެންކުއްޖެގެ "ޑްރީމް" އަކަށެވެ. ފިރިހެން ކުއްޖެއްނަމަ ކޮންމެވެސް މޮޅު ބްރޭންޑެއްގެ ޓީޝާޓެއް ދިނީމަ އެއޮތީ އޭނާގެ އުފަންދުވަސް ފުރިހަމަކޮށްލައިދެވިފަ އެވެ. ނުވަތަ މޮޅު އެއްޗެއް ލިޔެލާފަ އޮތް ޓީ ޝާޓެއް ލިބުމުން އެއޮތީ ދެން އެދުވަހަށް ވާވަރު ކޮށްލަ ދެވިފައެވެ.

އައިފޯންގެ މައްޝޫރުކަން ރާއްޖެއަށް ވެރިވެގަނެ ދަރައިގެން ވިޔަސް އަތްލެވޭ ހިސާބަށް ދިއުމުން ގިނަ ބަޔެއްގެ ފަރާތުން އެންމެ އާމުކޮށް އިވޭނީ ބާތުޑޭގައި ބޭނުމީ އައިފޯނެކޭ އެވެ.

އުފަންދުވަހަށް ބޭނުންވަނީ އައިފޯނެކޭ ބުނާ ބައެއް ދިމާއަށް ދަމާ ހިނގާށެވެ. ވަރަށް ގާތް ރަހުމަތްތެރިއަކާ އެ ސުވާލު ކޮށްލީމާ ދިން ޖަވާބު މިއޮތީ އެވެ:

"ދެން އެއްމެންވެސް މިޒަމާނުގައި ބޭނުނަވާނީ އައިފޯނެއްނު! މިހާރު ހާއްސަ ކޮށް އައިފޯން 10 އެއްނު".

އޭނާއަށް ރީތިވީ އައިފޯން 10 ގެ ޑިޒައިނެވެ. އެހެން ފޯނުތަކަށް ވުރެ އައިފޯން އޭނާއަށް ހާއްސަވީ އެ ސަބަބާއި ހެދިއެވެ. ޑިޒައިނަށްވުރެ އިތުރަށް އައިފޯންނާއި ބެހޭ އެހެން އެއްވެސް އެއްޗެއް އޭނާއަކަށް ނޭނގެ އެވެ. އޭގެ އަގާމެދުވެސް ވިސްނާކަށް ބޭނުމެއް ނޫނެވެ.

ޓެކްނޮލޮޖީ އަށް މަރުދޭ ޒުވާނަކު އޭނާގެ އުފަންދުވަހު އައިފޯނެއް ބޭނުންވާކަން ފޭސްބުކްގެ ސްޓޭޓަސް މެދުވެރިކޮށްވަނީ އިއުލާންކޮށްފަ އެވެ. އޭނާ ބުނަނީ އައިފޯން އެހެން ފޯނުތަކަށް ވުރެ ސްމާޓްވެފައި ރީތިވުމުން ބޭނުންވަނީއޭ އެވެ. އެއީ ތެދެކެވެ. އައިފޯން ކިތަންމެހާވެސް ރީއްޗެވެ. ސްމާޓްވެސް މެއެވެ.

"އައިފޯން ގެންގުޅެލަން ވެސް ރީތިވެފައި މީހާވެސް ފުރިހަމަ ވަނީ އައިފޯނުން، ފަހަތު ޖީބަށް ޖަހާލައިގެން ދާ އިރު ނުލާހިކު ކުދިން ބާލަނެއެއްނު".