ހަބަރު

ސާކު ޅެންވެރީންގެ ފެސްޓިވަލުގައި ދިވެހި ދެ ފޮތެއް

Oct 8, 2017
2

އިންޑިޔާގެ ޖައިޕޫރުގައި މިހާރު ކުރިޔަށްދާ ސާކު ޤައުމުތަކުގެ ޅެންވެރީންގެ ފެސްޓިވަލުގައި ދިވެހި ޅެންވެރިކަމާއި ބޭރުގެ ޅެންވެރިކަން ފެނިގެންދާ ދެ ފޮތެއް ދިވެހި ބަހުން ޝާއިޢުކޮށް ނެރެފިއެވެ.

ރާއްޖޭގެ އަދަބީ ދާއިރާއިން މަޝްހޫރު ދެ ބޭފުޅުން ކަމުގައިވާ، ޑރ. އަޝްރަފު ޢަބްދުއްރަޙީމާއި، އާދަމް ނަޞީރު އިބްރާހީމް ވަކި ވަކިން ލިޔުއްވި މި ދެ ފޮތުން ކުރެ ޑރ. އަޝްރަފުގެ ފޮތަކީ "ފުރެއްދެ ޅެންވެރީންގެ މުތީތައް" މި ފޮތެވެ. އެއީ އުރުދޫ، ފާރިސީ ބަހުގެ މަޝްހޫރު ބައެއް ޅެންވެރީންގެ ޅެންތަކުގެ ދިވެހި ތަރުޖަމާ ހިމެނޭ ޅެން ފޮތެކެވެ.

"މި ފޮތުގައި ހުންނާނެ ޢައްލާމާ އިޤުބާލު، ޖާވިދު އަޚްތަރު ފަދަ ބޭފުޅުންގެ ޅެންތަކުގެ ތަރުޖަމާ. އަދި އެ ޚިޔާލުތަކަށް ދިވެހި ޅެންވެރިން ހައްދަވައިފައިވާ ދިވެހި ޅެން ވެސް ހުންނާނެ" ޑރ އަޝްރަފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ ފުން އަދަބިއްޔާތު ދިވެހި ބަހަށް ގެންނަވަނީ ދިވެހި އަދަބިއްޔާތު މުއްސަނދި ކުރެއްވުމަށެވެ.

މަޝްހޫރު ޒުވާން ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހީމު ނެރުއްވީ އޭނާގެ އަމިއްލަ ޅެމުގެ ޅެން ފޮތެކެވެ. "ކާއިނާތުގެ ހިލަން" މި ނަމުގައި އޭނާ ނެރުއްވި ފޮތަކީ ނަޞީރުގެ ޅެންވެރިކަމުގެ ދެވަނަ ފޮތެވެ.

"މި ފޮތުގެ ބައެއް ޅެންތަކަށް ރާއްޖޭގެ މަޝްހޫރު އިސް ބައެއް ޅެންވެރީންނާއި ނާޤިދުން ޅެމަށް ފާޑުވިދާޅުވެފައި ހުންނާނެ. ޖުމުލަ މާނަ ލިޔެފައި ހުންނާނެ. އެއް މަޤުޞަދަކީ ދަރިވަރުންނަށާއި މުދައްރިސުންނަށް ނަމޫނާ މިސާލުތަކެއް ދައްކައިދިނުން" ނަޞީރު ވިދާޅުވި އެވެ.

ފެސްޓިވަލުގެ ބައިވެރިޔަކު ބުނި ގޮތުގައި މި ފެސްޓިވަލުގައި ސާކު ގައުމުތަކުގެ ވަރަށް ގިނަ ޅެންވެރީން ޅެން ހުށަހެޅުއްވިއެވެ. ބައެއް ފޮތް ނެރުއްވިއެވެ. ނަމަވެސް އެއް ޤައުމަކުން ދެ ފޮތެއް ނެރުނީ ހަމަ އެކަނި ދިވެހިރާއްޖެއިނެވެ.

ސާކު ޅެންވެރީންގެ ފެސްޓިވަލަކީ ފައުންޑޭޝަން އޮފް ސާރކު ރައިޓަރސް އެންޑް ލިޓްރޭޗަރ އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު އިންޑިޔާގައި ބާއްވާ އަދަބީ އީދެކެވެ.