ވިޔަފާރި

އުރީދޫގެ އެހީތެރިކަމާއެކު "ރަންނަމާރި ޑައިވް" ފަށައިފި

Apr 25, 2015

އަންގްސާނާ، އިހުރު ރިސޯޓުން ކުރިއަށް ގެންދާ 24 ގަޑިއިރުގެ "ރަންމާރި ޑައިވް" އުރީދޫގެ އެހީތެރިކަމާއެކު މިއަދު ފަށައިފި އެވެ.

އަންގްސާނާ އިހުރު ރިސޯޓުގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި، ރިސޯޓު ހިންގާ ބެންޔަން ޓްރީ ގްރޫޕުގެ ޗެއާމަން ހޯ ވޮންގް ޕިން ވިދާޅުވީ މި ޑައިވް ބޭއްވުމުގެ އެއް މަގުސަދަކީ އިހުރު ފަރުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުން ކަމަށެވެ.

"މި ރިސޯޓަށް އައިސްތިބި މެހުމާނުން ވެސް ފީނައި މިތަނުގެ ރީތިކަން ފެނިގެން ދާނެ،" ވޮންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޑައިވް ބޭއްވުމުގެ އަނެއް މަގުސަދަކީ ފަރުތައް ހިމާޔަތް ކުރުމަށް ހޭލުންތެރި ކުރުވުން ކަމަށެވެ.

"މިއީ ހަމައެކަނި ޓޫރިސްޓުންނަށް އޮތްތަނެއް ނޫން ދިވެހިންނަށް ވެސް އޮތް ތަނެއް. ދިވެހިން ވެސް މި ތަންތަނުން ހިތް އުފާކުރަން ޖެހޭ،" ވޮންގް ވިދާޅުވި އެވެ.

މީގެ 16 އަހަރު ކުރިން ވައްބިންފަރު ރިސޯޓު ކައިރިއަށް "ރަންނަމާރި" އުޅަނދު ފައްތާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، އަބްދުލް އަޒީޒް (އެންޑީ އަޒީ) ވިދާޅުވީ ތިލަފުށި ހިއްކަން ގެނައި މި އުޅަނދު އިހުރު ރިސޯޓުގެ ފަރުކައިރިއަށް ފައްތާލި ފަހުން އެތަނުގައި ރީތި ފަރެއް އުފެދިދައިވާ ކަމަށެވެ.

"ފަރެއް ހެދުމަށްޓަކައި މީގެ 16 އަހަރު ކުރިން މި އުޅަނދު ހޯދާއިގެން ގެނެސް އޭގައި ހުރި ތެޔޮ ސާފުކުރީ. އެއަށްފަހު އެ އުޅަނދު ފައްތާލަން ގެނެސް ބާއްވާފައި އޮއްވައި އޮޓަމެޓިކުން ފެތުނީ. ފެތިފައިވަނީ އިހުރުގެ ފަރު ކައިރިއަށް،" އަޒީޒް ވިދާޅުވި އެވެ.

މީގެ ތިން އަހަރު ކުރިން ފެށިގެން ފެށިގެން 24 ގަޑިއިރަށް ބާއްވަމުން ގެންދާ މި ޑައިވްގައި މި އަހަރުވެސް 150 ޑައިވަރުން ބައިވެފައިވެ އެވެ. އަދި މި ޑައިވް ބާއްވަނީ އިހުރު ރިސޯޓުގެ ފަރުކައިރި 28 މީޓަރު އަޑީގަ އެވެ.