ހަބަރު

އަތޮޅަށް ކުރިއެރުން ލިބޭނަމަ އެއްބާރުލުން ދޭނަން: ޓޮމް

އަތޮޅަށް ކުރިއެރުން ލިބޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭން ތައްޔާރަށް ހުރި ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ޓޮމް މިހެން ވިދާޅުވި އިރު އޭނާ ވަނީ ދާއިރާގެ ނުވަ ރަށެއްގައި ނަރުދަމާ މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތެއްގައި ސަރުކާރުގެ މެންބަރުންނާއެކު ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންއަށް ތައުރީފުކޮށް ޓޮމް ވަނީ ވާހަކަދައްކަވާފަ އެވެ.

އެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ފަރާތްތަކާއެކު ނަގާފައި ހުރި ފޮޓޯތައް ޓޮމް އޭނާގެ ފޭސްބުކްގައި ޝެއާކޮށް ވިދާޅުވީ އަތޮޅަށް ކުރިއެރުން ލިބޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެ ކަމަށެވެ.

ޓޮމްގެ ފޭސްބުކް ޕޯސްޓެއް --

ޓޮމް އަލުން ސަރުކާރާ ގުޅުން މައްސަލާގައި އިދިކޮޅު ފާރާތްތަކުން މިހާތަނަށް ބުނެފައިވަނީ ޓޮމް އިދިކޮޅާ ގުޅުނުކަމަށް ސަރުކާރު މެންބަރުން ވިދާޅުވި ނަމަވެސް ގަބޫލެއް ނުކުރައްވާނެ ކަމަށާއި އެކަން ހާމަ ކުރަން ޖެހޭނީ ޓޮމް އަމިއްލައަށް ކަމަށެވެ.

މަސީހުގެ މައްސަލާގައި ޓޮމްގެ އިތުރުން ނުވަ މެންބަރަކު ޕީޕީއެމްއާ ވަކިވެވަޑައިތެވެ. އޭގެ ތެރެއިން ހަ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅާ، ބައި އިލެކްޝަން އިއުލާންކޮށްފަ އެވެ.