ހަބަރު

ހުޅުމާލެއިން 1000 ފްލެޓް ސިވިލް ސާވެންޓުންނަށް ދެނީ

Oct 12, 2017
19

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް އަޅާ 7،000 ހައުސިން ޔުނިޓްގެ ތެރެއިން 1،000 ހައުސިން ޔުނިޓް ސިވިލް ސާވިސް މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާކަން ހައުސިން މިނިސްޓްރީ އިން މިއަދު އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރު ކޮންމެ މުވައްޒިފަކަށް ވެސް މިވަގުތު އެންމެ ބޭނުން ޖެހިފައި ވަނީ ގެދޮރުވެރިކަން ކަމަށާއި އެހެންކަމުން އެކަން ފަހިކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އަޅަން ފަށާފައިވާ 7000 ހައުސިން ޔުނިޓުގެ ތެރެއިން 1000 ހައުސިން ޔުނިޓު އެ މުވައްޒިފުންނަށް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ސިވިލް ސާވަންޓުގެ މުސާރައިން ކުޑަ އެއްޗެއް ދައްކައިގެން ފްލެޓުގައި އެޅޭ ފަދަ ސްކީމެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ސިވިލް ސާވަންޓުންނަށް ދޭ ފްލެޓުތައް ކޮންމެ މިނިސްޓްރީއެއްގައި މަަސައްކަތް ކުރާ މުވައްޒިފުންގެ އަދަދަށް ބަލާފައި ހަމަހަމަ ރޭޝިއޯއަކުން ބަހާލާފައިވާ ކަމަށާއި އެގޮތުން ކޮންމެ ވުޒާރާއަކުން ވެސް ތިން ކެޓަގަރީއަކަށް ބަހާލައިގެން ފްލެޓުތައް ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ފަންނީ އަދި މެނޭޖިރިއަލް މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް 300 ފްލެޓާއި، އިދާރީ މަގާމުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް 300 ފްލެޓު އަދި ސަޕޯޓް ސާވިސް ގޮތުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް 400 ފްލެޓު ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މި ފްލެޓުތައް ދިނުމުގައި އެ މުއައްޒިފަކީ މާލެ ރަށްވެއްސެއްތޯ ނުވަތަ މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ މީހެއްތޯ ތަފާތެއް ނުކުރާނަން، މާލޭއާ ހުޅުމާލެއާ ވިލިމާލޭގައި ސަރުކާރުގެ ވަޒީފާއެއްގައި އުޅުން ބޭނުމީ، މާލެ ސަރަހައްދުގައި އުލޭ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުއައްޒިފުންގެ އަދަދަށް ބަލާއިރު މި 1000 ޔުނިޓު ދިނީމަ ގާތްގަނޑަކަށް މަދުވެގެން 26 ޕަސަންޓަށް ގެދޮރު އެ ލިބޭ، މިއީ ވަރަށް ބޮޑު އަދަދެއް،" މުއިއްޒު ވިދާޅުވި އެވެ.

ފްލެޓު ދިނުމުގައި ބަލާ ޝަރުތުތައް ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފަންނީ ފަރާތްތަކަށް ފްލެޓު ދިނުމުގައި ވަޒީފާަގައި ދެމި ހުރި މުއްދަތާއި ތައުލީމީ ފެންވަރަށް ބަލާނެ ކަމަށާއި ބޮޑަށް އިސްކަން ދެވޭނީ ތައުލީމީ ފެންވަރަށް ކަމަށެވެ. އަދި އިދާރީ މުއައްޒިފުންގެ ކެޓަގަރީގައި ވެސް ހަމަ އެ ޝަރުތުތައް ހިމެނޭނެ ކަމަށާއި ނަމަވެސް އިސްކަން ދެވޭނީ ވަޒީފާގައި ދެމިހުރި މުއްދަތަށް ކަމަށެވެ. އަދި ސަޕޯޓް ސާވިސްގައި ތައުލީމީ ފެންވަރެއް ނުހިމެނޭނެ ކަމަށާއި އޭގެ ބަދަލުގައި ވަޒީފާގައި ދެމިހުރި މުއްދަތާއި އެ މީހާގެ އާއިލާގެ ކުޑަބޮޑު މިނަށް ބަލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ އިތުރުން ކޮންމެ ކެޓަގަރީއެއްގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހިމެނޭ އާއިލާއަކަށް އިތުރު ޕޮއިންޓު ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ ކަންކަމުގެ އިތުރުން މީހުންނަށް ލިބުނު ޕޮއިންޓުތަކުގެ އަދަދު އެއްވަރު ވެއްޖެއާ ގޭގެޔަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލާނެ، އެގޮތުން ވެސް އެއްވަރު ވެއްޖެއާ ގުރުއަތުލާނީ،" މުއިއްޒު ވިދާޅުވި އެވެ. "މިއީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުއައްޒިފުން އެންމެ ބޮޑަށް އުފާވާނެ ކަންތައް، ރައީސް ޔާމީން މިކަންތައް ނިންމީ ރައްޔިތުންގެ އަޑު ވަރަށް ގާތުން އެމަނިކުފާނު އައްސަވާ ވަރަށް ގިނަ ފަރާތްތަކާ ވާހަކަފުޅުދައްކަވާ ސިވިލް ސާވިސްއާ ދޭތެރޭ ވަރަށް ހާއްސަ ގުޅުމެއް ބާއްވައިގެން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ހުރިހާ މިނިސްޓްރީތަކަށް އެޕްލިކޭޝަން ފޯމުތައް ފޮނުވާނެ ކަމަށާއި އަންނަ މަހު އެކެއްގައި އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އަންނަ އަހަރު ޖެނުއަރީ 15 އާ ހަމަޔަށް އެ ފުރުސަތު ހުޅުވާލާފައި އޮންނާނެ ކަމަށާއި އެ މުއްދަތުން ފެށިގެން 15 ދުވަސް ތެރޭގައި އެޕްލިކޭޝަންތަކުގެ ހުރި މައުލޫމާތުތައް ކަށަވަރު ކުރުމަށް ފަހު ރިޕޯޓެއް ތައްޔާރުކޮށް، ހައުސިން މިނިސްޓްރީއަށް ފޮނުވަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ދިރިއުޅުމުގެ ހާލަތު ބެލުން ފަދަ މަސައްކަތްތަކަށް މާޗު މަހަށް ނިންމާލަނެ ކަމަށާއި އެންމެ ލަސްވެގެން 30 މާޗުގައި ފައިނަލް ލިސްޓު އިއުލާން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓުތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް އޭޕްރިލް މަހަށް މުޅިން ނިންމާލި ނަމަވެސް ފްލެޓުތައް އަޅާ ނުނިމޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ހައުސިން މިނިސްޓްރީން ދާދި ފަހުން ވަނީ ހުޅުމާލޭގައި އަޅާފައި ހުރި 700 ފްލެޓު ލިބޭ ފަރާތްތަކުގެ ވެސް ފައިނަލް ލިސްޓު އާންމުކޮށްފަ އެވެ. އަދި ސޯޝަލް ހައުސިން ސްކީމްގެ ދަށުން ކޮންމެ ފްލެޓަކަށް ޑައުންޕޭމަންޓުގެ ގޮތުގައި 20،000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 6000 ރުފިޔާ ދައްކަން ޖެހެ އެވެ. ނަމަވެސް ފްލެޓުތައް ދިން ފަރާތްތަކުގެ ވަނަވަރު ހާމަ ނުކުރާ މައްސަލާގައި މިނިސްޓްރީއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.